ކަޝްމީރުގައި ހިނގަމުންދާ ކަންކަން މިދަނީ ބަލަމުން: ރައީސު ޒީ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ޗައިނާގެ ރައީސު ޒީ ޖިންޕިންގއާއެކު

ކަޝްމީރުގެ އިންޑިޔާ ފަޅީގައި ހިނގަމުންދާ ކަން ބައްލަވަމުން ގެންދަވާ ކަމުގައި ޗައިނާގެ ރައީސު ޒީ ޖިންޕިންގ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ އިންޑިޔާއާއި ނޭޕާލަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަތުމުގެ ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޒީއާ ހަވާލާދީ ޗައިނާގެ ޒިންހުވާ ނިއުސް އެޖެންސީން ބުނިގޮތުގައި، ކަޝްމީރާ ގުޅޭ ޗައިނާގެ މަސްލަހަތު އޮތް ކަންކަމުގައި ޗައިނާއިން ޕާކިސްތާނަށް ތާއީދުކުރާނެއެވެ. އަދި ކަޝްމީރުގެ މައްސަލައިގައި ރަނގަޅާއި ނުބައި ހާމަކޮށް ފެންނަން އޮތްއިރު، ދެފަރާތުން ވެސް ޖެހެނީ ސުލްހަވެރި ގޮތުގައި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރާށެވެ.

ޒިންހުވާއިން ބުނި ގޮތުގައި ރައީސު ޒީ އަންނަ ހުކުރު ދުވަހު ޗެންނާއީގައި ބޮޑުވަޒީރު މޯދީއާ އެކު 'ނުރަސްމީ' ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. ޗައިނާއާއި އިންޑިޔާގެ ގުޅުމަށް ރަނގަޅު އަސަރެއް ކުރާނެ ކަމަށް ބެލެވޭ މި ބައްދަލުވުމުކީ 2018 ވަނަ އަހަރު ދެ ބޭފުޅުން ބޭއްވެވި ނުރަސްމީ ބައްދަލުވުމާ ގުޅުން ހުރި ބައްދަލުވުމެކެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ޒީއާއި މޯދީގެ ބައްދަލުވުމުގައި ކަޝްމީރުގެ މައްސަލައާ މެދު ވާހަކަދެއްކުމަށް ހަމަޖެހިފައި ނުވެއެވެ. އެހެންނަމަވެސް، ޒީ ކަޝްމީރުގެ މައްސަލަ ނަންގަވައިފިނަމަ އިންޑިޔާގެ ވިސްނުން އޭނާއަށް ފުރިހަމައަށް ހާމަކޮށްދެއްވާނެ ކަމުގައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ޗައިނާއަށް މިހާރު ކުރައްވާ ދަތުރުފުޅަކީ މިއަހަރުތެރޭ އޭނާ އެގައުމަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. ރައީސު ޒީގެ އިތުރަށް އިމްރާން ޚާން ވަނީ ބޮޑުވަޒީރު ލީ ކީކިއާންގ އާއި ނޭޝަނަލް ޕީޕަލަސް އެސެމްބްލީގެ ޗެއާމަން ލީ ޒަންޝޫއާވެސް ބައްދަލުކުރައްވާފައެވެ.

އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ކަޝްމީރާ މެދު އަރައިރުން އުފެދިފައިވާއިރު، ޗައިނާއިން އެގައުމުގެ ބައެއް ކަމަށް ބުނާ 'އަސްކައި ޗިން' ސަރަހައްދު ވަނީ ކަޝްމީރުގެ އިންޑިޔާ ފަޅީގެ ލަދާޚްގައެވެ. އެއީ، 37 ހާސް އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެކެވެ. ޗައިނާއިން ދަނީ އެސަރަހައްދަކީ އިންޑިޔާގެ ބައެއް ކަމަށް ގަބޫލުކުރުމަށް ދެކޮޅުހަދަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.