އެންމެ ބޮޑަށް ފިހުނު މީހާ އަށް ކިމްސްގައި ފަރުވާދޭން ފަށައިފި

ޓީޖެޓީ އަލިފާނުގެ ޙާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާ އިތުރުފަރުވާއަށް އިނޑިއާއަށް ގެންގޮސް ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. އޭނާ އިންޑިއާ ގެންދެވުނީ ރޭގެ އިރާކޮޅުގައި ނަރުހަކާއެކުގައެވެ.

ފިހުނު މީހާގެ އާއިލާއިން ވާހަކަދެއްވި ނައުފަލު ބުނީ އޭނާގެ ކޮއްކޮއަށް މިހާރު ފަރުވާ ދެމުން ދަނީ ކިމްސް ހޮސްޕިޓަލުގައި ކަމަށެވެ. މޭލެއިންވެސް ފަރުވާދެވިފައި ވަނީ ރަނގަޅަށްކަމަށް ޑޮކްޓަރުން ފާހަގަ ކޮށްފައިވާކަމަށް އޭނާ ބުންޏެވެ. އަދި ގައިގައި ހުރި ފާރުތައްވެސް ރަނގަޅުވަމުން އަންނަކަން ޑޮކްޓަރުން ފާހަގަ ކޮށްފައިވާކަމަށް ނައުފަލު ބުންޏެވެ. ލޭގައި ޖަރާސީމު އުފެދިފައިވާތީ އެ މައްސަލަ ހައްލުކުރުމަށް ޖަރާސީމު ހުރި މިންވަރު ދެނެގަތުމަށް މިހާރު ދަނީ ޓެސްޓްތައް ހަދަމުން ކަމަށް ވެސް ނައުފަލު ބުންޏެވެ. އިތުރަށް ގޯސް ނުވާނަމަ ދެދުވަހެއްގެ ތެރޭގައު ވޯޑަށް ބަދަލު ކުރެވޭނެކަމަށް ވެސް ޑޮކްޓަރުން ބުނެފައިވާކަމަށް ނައުފަލު ބުންޏެވެ. މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ބާއްވައިގެންނެވެ.

ޓީޖެޓީގެ އަލިފާނުގެ ހާދިސާގައި އެންމެބޮޑަށް ފިހިފައިވަނީ މަޝްހޫރު ސްވިމިން ކޯޗް ނައުފަލުގެ އެއްބަޑު އެއްބަފާ ކޮއްކޮ މުޙައްމަދު އުނައިސް (25) އެވެ. އެޙާދިސާގައި އޭނާގެ ހަށިގަނޑުގެ 65 ޕަސަންޓަ ވަނީ ފިހިފައެވެ. އޭނާއަކީ އަލިފާނުގެ ޙާދިސާގައި އަނދައިގެން ދިޔަ ލޯންޗްގެ ކެޕްޓަނެވެ. އޭނާ ކައިވެނި ކުރީވެސް ވަރަށް ފަހުންނެވެ.

ނައުފަލު ބުނީކޮކޮ އިތުރުފަރުވާ އަށް އިންޑިއާއަށް ފޮނުވުމަށް އާސަންދަ އާއި އެންސްޕާއިން ވެސް އެހީތެރި ވެފައިވާކަމުގައެވެ. އަދި އާފަތިސް ނޫހުގައި ކޮއްކޮގެ ފަރުވާއަށް އެހީތެރިކަން ބޭނުންވާ ވާހަކަ ޖެހުމުން ހެޔޮ އެދޭ ފަރާތްތަކުންވެސް އެހީތެރި ވެދީފައިވާ ކަމުގައެވެ. މިހާރު ބޭނުންވަނީ ކޮށްކޮއަށް، އަވަސް ޝިފާ ލިބުން އެދި އެންމެހާ ފަރާތްތަކުގެ ހެޔޮ ދުޢާކަމަށް ނައުފަލު ފާހަގަ ކުރެއްވިއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.