ޤަވާޢިދާ ޚިލާފަށް ސްކޫލްތަކުން ޖާގަހޯދުމަށް މަސައްކަތް ކުރަމުންދޭ: އެޑިޔުކޭޝަން

އަންނަ އަހަރު މާލޭގެ ބައެއް ސުކޫލްތަކުން ޖާގަހޯދުމަށްޓަކައި ޤަވާޢީދާ ޚިލާފަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވެފައިވަނީ ސްކޫލްތަކުން ޖާގަ ހޯދުމަށްޓަކައި އެ ސްކޫލެއް ހިމެނޭ ސަރަޙައްދެއްގައި ނޫޅޭ ކުދިން އެސަރަޙައްދުގައި އުޅޭކަމަށް ހަދައި މިނިސްޓަރީއަށް ލިޔެކިޔުންތައް ހުށަހަޅައިފައިވާ ކަމަށެވެ. އެހެންނަމަވެސް މިނިސްޓްރީން ބެލިބެލުމުގައި ލިޔެކިޔުން ހުށަހަޅައިފައިވާ ގޮތަށް އެގެތަކުގައި ކުދިންނޫޅޭ ކަމަށް އެނގިފައިވާކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެގޮތަށް ހެދުމުން އެ ސްކޫލްހިމެނޭ ސަރަހައްދުގައި ޙަޤީޤަތުގައި ވެސް ދިރިއުޅޭ ކުދިންނަށް ޖާގަލިބުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެޑިޔުކޭޝަނުން ވިދާޅުވެފައިވަނީ ކުދިންނަށް ޖާގަ ދެއްވާނީ އެ ކުދިން ދިރިއުޅެމުންދާ ސަރަޙައްދެއްގައި ހުންނަ ސްކޫލަކުން ކަމަށެވެ.

އެޑިޔުކޭޝަނުން ވިދާޅުވެފައިވަނީ ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލް ހިމެނޭ ސަރަހައްދުގައި ހުރި ބައެއްގޭގޭގައި 40 އާއި 50 އާ ދެމެދުގެ ޢަދަދަކަށް ގްރޭޑު 1 އަށް ވަންނަ ޢުމުރުފުރައިގެ ކުދިން ދިރިއުޅޭކަމަށް ސިޓީ ހުށަހަޅާފައިވާކަމަށެވެ. އެހެންނަމަވެސް އެޢަދަދަށް އެގެތަކުގައި ކުދިން ނޫޅޭ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.  މިނިސްޓްރީން ވިދާޅުވެފައިވަނީ އެ ދެ ސްކޫލުން ވެސް އިންސާފުވެރިކަމާއެކު ކުދިންނަށް ޖާގަދެއްވާނެ ކަމަށެވެ. އެހެން ސްކޫލްތަކުން ވެސް އެސްކޫލެއް ހިމެނޭ ސަރަޙައްދުގައި ދިރިއުޅޭ ކުދިންނަށް ޖާގަދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ސްކޫލްތަކަށް ކުދިން ވެއްދުމުގައި އުސޫލެއް ކަނޑައެޅި މައިގަނޑު ސަބަބަކީ އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލުގެ ޖާގައަށްވުރެ އިތުރަށް ސްކޫލް ގްރޭޑު އެކަކަށް ކުދިން ވައްދަން އެދިފައިވާތީއެވެ. އިސްކަންދަރު ސްކޫލުގެ ގުރޭޑު އެކަކުން ޖާގަދެވެނީ 90 ދަރިވަރުންނަށެވެ. އެހެންނަމަވެސް ސްކޫލް ހިމެނޭ ސަރަޙައްދުގައި 288 ދަރިވަރުން އެބައުޅޭ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ޖަމާލުއްދީން ސްކޫލުގެ ގްރޭޑު 1 އިން އަންނަ އަހަރަށް ޖާގަ ދެވެނީ 120 ދަރިވަރުންނަށެވެ. އެހެންނަމަވެސް އެސްކޫލް ހިމެނޭ ސަރަޙައްދުގައި 396 އަށްވުރެ ގިނަކުދިން އުޅެމުންދާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.  މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރައްވާނީ ބެލެނިވެރިންނާއި ދަރިވަރުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއި އިންސާފުން ޚިދުމަތް ދެއްވުމަށް ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހުގެ 26 ގައި ސުކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ ކޮންމެ ސްކޫލަކަށް ވައްދާނެ ދަރިވަރުން ދިރިއުޅޭ ސަރަޙައްދެއް ކަނޑައަޅައި އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ. އަދި ސްކޫލް ސަރަޙައްދުތައް ކަނޑައަޅައި، ސްކޫލްގެ ގްރޭޑްތަކަށް ދަރިވަރުން ވެއްދުމުގައި އިސްކަންދޭނެ ތަރުތީބެއް ސާކިއުލާގައި ވިދާޅުވެފައިވެއެވެ. އެޑިޔުކޭޝަނުން ގެންގުޅުއްވާ އުސޫލަކީ އެ ސްކޫލެއް ހިމެނޭ ސަރަޙައްދެއްގައި އުޅޭ ދަރިވަރުންނަށް އެސްކޫލަކުން ޖާގަދިނުމަށް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.