އޮކްސްފޯރޑް ޑިކްޝަނަރީގެ އެންމެ މަގްބޫލު ލަފުޒަކަށް 'ޕޯސްޓް-ޓްރުތް'

އޮކްސްފޯރޑް ޑިކްޝަނަރީގެ 2016 ވަނަ އަހަރުގެ އެންމެ މަގްބޫލު ލަފަޒަކަށް ޕޯސްޓް-ޓްރުތް (Post-Truth) ހޮވިއްޖެއެވެ. މިލަފުޒު ހޮވިފައިވަނީ އިނގިރޭސި ވިލާތް ޔޫރަޕިއަން ޔުނިއަން އިން ވަކިވުމަށް ނެގި ވޯޓް ބްރެކްސިޓް' (Brexit) އަދި އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދު ތަކަށް ފަހު މި ލަފުޒު ބޭނުން ކުރުން ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެންނެވެ.

ކަންކަން ނިންމުމުގައި ހަގީގަތަށް ރިއާޔަތް ކުރުމަށްވުރެ މީހުންގެ އިހުސާސްތަކަށް ބިނާކޮށް ކަންކަން ނިންމާ ޙާލަތުތައް ބަޔާން ކުރުމަށް ބޭނުންކުރެވޭ މި ނަންއިތުރު ބޭނުންކޮށްފައިވާ މިންވަރު މިއަހަރު %2000 އިތުރުވަފައިވާ ކަމަށް ޑިކްޝަނަރީގެ ރިސަރޗުން ދައްކައެވެ. އޮކްސްފޯރޑް ޑިކްޝަނަރީގެ ދިރާސާއިން ދައްކާގޮތުގައި މި ލަފުޒު މިހާރު ބޭނުންކުރެވޭ މާނައިގައި އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ 1992 ވަނަ އަހަރު ރޮނަލްޑް ރޭގަންގެ ވެރިކަމުގެ ދުވަސްވަރު ނެޝެނަލް މެގަޒިންގައި ސްޓީވް ސެޓިޗް ލިޔުނު މަޒްމޫނެއްގައެވެ. އެއީ ގަލްފް ހަނގުރާމައާއި އެމެރިކާއިން އީރާނަށް ހަތިޔާރު ވިއްކުން އަލިފުދާލުން މަނާ ކޮށްފައި އޮތް ދުވަސްވަރެއްގައި އެމެރިކާއިން އީރާނަށް ހަތިޔާރު ވިއްކި މައްސަލައިގެ މައްޗަށް އޭނާ ލިޔުނު މަޒުމޫނެކެވެ. މި ލަފުޒު އިނގިރޭސި ބަހަށް ތައާރަފުވިތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް މިލަފުޒު ބޭނުންކުރާ މިންވަރު މިއަހަރު އިތުރުވެފައި މިވަނީ ސިޔާސީ ގޮތުން ފާހަގަ ކުރެވޭ މައިގަނޑު 2 ހަރަކާތެއްގެ މަައްޗަށް ކަމަށް އޮކްސްފޯރޑް ޑިކްޝަނަރީ އިން ހާމަ ކުރެއެވެ. އެއީ ޔޫރަޕިއަން ޔުނިއަން އިން ވަކިވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް އިނގިރޭސި ވިލާތުގައި ނެގި ވޯޓު Brexit - 'ބްރެކްސިޓް' އާ އެމެރިކާގެ ރިޔާސީ ރޭހާއެވެ. އިނގިރޭސި ވިލާތުގައި ނެގުނު ވޯޓަށްފަހު ސޯޝަލް މީޑިއާގައި ހޭޝްޓެގެއްގެ (ހޭޝްޓެގަކީ ޚަބަރުތައް ނުވަތަ ހަރަކާތްތައް ގިންތި ކުރުމަށް ސޯޝަލް މީޑީއާގައި ބޭނުންކުރާ ފާހަގަ) ގޮތުގައި މިލަފުޒު އާއްމުވިއެވެ. އަދި ނޫސްތަކުންވެސް ޚިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ޚަބަރުތައް ރިޕޯޓުކުރީ މިލަފުޒު ބޭނުންކޮށްގެންނެވެ. ހަމައެހެންމެ އެމެރިކާގެ ރިޔާސީ ރޭހާއި ގުޅޭ ބައެއް ޚަބަރުތައް ރިޕޯޓު ކުރަންވެސް މި ލަފުޒު ކޮށްފައިވެއެވެ.

އޮކްސްފޯރޑް ޑިކްޝަނަރީގެ ރައީސް ވިދާޅުވި ގޮތުގައި އަހަރުގެ ބޮޑު ބައެއް ސިޔާސީ އަދި އިޖްތިމާއީ އޮއިވަރެއްގައި ޖެހިގެން ދިޔަ އަހަރަކާ ބަލާފައި އަހަރުގެ އެންމެ މަގްބޫލު ލަފުޒަކަށް މިލަފުޒު ހޮވުމުން ހައިރާނެއް ނުވެއެވެ. އަދި ރަނގަޅު ތެދު މައުލޫމާތު ހޯދަންވާ ފަރާތްތަކަށް އާއްމުން ކުރާ އިތުބާރު ކުޑަވެ ޚަބަރު ފަތުރާ ވަސީލަތެއްގެ ގޮތުގައި ސޯޝަލް މީޑިއާ ބޭނުން ކުރުން އިތުރުވެފައިވާ މިދުވަސްވަރު 'ޕޯސްޓް-ޓްރޫތް' މި މަފްހޫމް ވަނީ ދުވަސްތަކެއް ވަންދެން އާއްމުންގެ މެދުގައި ފާހަގަކޮށްލެވޭ ވަރަށް ބޭނުންކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ހާމަކުރިގޮތުގައި މި ލަފުޒު ބޭނުންކުރާ މިންވަރު އެންމެ ފުރަތަމަ އިތުރުވީ ޖޫން މަހު ނެގުނު ބްރެކްސިޓް ވޯޓަށްފަހުއެވެ. އަދި އެމެރިކާގެ ރިޔާސީ ރޭހުގައި ރިޕަބްލިކަން ޕާޓިގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓަކަށް ޑޮނަލްޑް ޓްރަމްޕް ހޮވުމާ ގުޅިގެން ޖުލައި މަހުވެސް މި ލަފުޒު ބޭނުންކުރި މިންވަރު އިތުރުވެފައިވާ ކަމަށް ކެސްޕަރ ގްރެތޯލް ވިދާޅުވިއެވެ. އަދި މިލަފުޒު ބޭނުންކުރާ މިންވަރު އެއްވެސް ވަރަކަށް ދަށަށް ގޮސްފައިނުވާތީ މިލަފުޒަކީ މިދުވަސްވަރު ސިފަ ކުރުމަށް ނުވަތަ ނިސްބަތް ކުރުމަށް ބޭނުންކުރާ ލަފުޒަކަށް ވިޔަސް އޭނާ ހައިރާނެއް ނުވާނެ ކަމަށް ގްރެތޯލް ވިދާޅުވިއެވެ.

އަހަރުގެ އެންމެ މަގްބޫލު ލަފުޒަކަށް 'ޕޯސްޓް-ޓްރޫތް' އާ ވާދަކުރި ލަފުޒު ތަކަކީ Brexiteer - 'ބްރެކްސިޓިއަރ' (ޔޫރަޕިއަން ޔުނިއަން އިން އިނގިރޭސި ވިލާތް ވަކިވުމަށް ތާއީދު ކުރާ މީހާ) އަދި hygge - 'ހިޔުގަހ' އެވެ. ޝޯޓު ލިސްޓު ކުރެވުނު އިތުރު ލަފުޒު ތަކަކީ ލޭޓިނެކްސް  (Latinx, n.)،  (coulrophphobia, n.) ކޯލްރޮފޯބިއާ (adulting, n.)އެޑަލްޓިންގ (chatbot, n.)  ޗެޓް ބޮޓް,   ގްލާސް ކްލިފް   (glass cliff, n.), އޯލްޓް-ރައިޓް (alt-right, n.), ވޯކް .(woke, adj.) 2015 ވަނަ އަހަރު އޮކްސްފޯރޑް ޑިކްޝަނަރީގެ އަހަރުގެ އެންމެ މަގްބޫލު ލަފުޒަކަށް ހޮވިފައިވަނީ އިމޯޖީ އެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.