ޖިންސީ ފުރައްސާރަކުރި މީހާ ދޫކޮށްލައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު: ފޮޓޯ އަވަސް

އަށާރަ އަހަރު ނުފުރޭ ކުދިންނާއި އަށާރަ އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ސައުތުއެފްރިކާ މީހާ ދޫކޮށްލައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ކުރިކެޓު ޓީމުގެ ކުރީގެ ކޯޗު ޢާސިފް ޚާންގެ ކުރިމިނަލް ކޯޓުން ދޫކޮށްލީ އޭނާގެ ބަންދާ މެދުގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުންނެވެ.

 ކޯޓުން އެގޮތަށް ޢަމަލު ކުރެއްވީ އޭނާ ކޯޓަށް ހާޒިރު ކުރެވުނުއިރު ހައްޔަރުކުރިތާ 24 ގަޑިއިރުވެފައިވާތީއެވެ. ޤާނޫނު ބުނާގޮތުގައި ކުށުގެ ތުހުމަތެއްގައި ބަންދުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމަން އެމީހާ ބަންދުކުރިތާ 24 ގަޑިއިރުތެރޭގައި ކޯޓަށް ހާޒިރު ކުރަންޖެހޭނެ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ މިހެންދިމާވި ސަބަބު އިދާރީގޮތުން ބަލަމުންދާ ކަމަށެވެ. އަދި މިކަން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ކޯޓުން އެމީހާ ދޫކޮށްލިޔަސް އޭނާގެ ޕާސްޕޯޓު ހިފަހައްޓައި 30 ދުވަސް ވަންދެން ރާއްޖެއިން ފުރުންވަނީ މަނާކޮށްފައެވެ.

މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ބަންދުކޮށްފައިވަނީ ފުރަން ވެގެން ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ގޮސްހުއްޓައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.