'އަޚްލާގީ ގޮތުން ރަނގަޅު ކަމަށް ނުވާތީ' ޓިއުނީޝިޔާގެ ރިޔާސީ ކެންޑިޑޭޓް ކެމްޕޭން ހުއްޓަވާލައްވައިފި

ޓިއުނީޝިޔާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޤައިސް ސުޢައްޔިދު

ޓިއުނީޝިޔާ (ތޫނިސް) ގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޤައިސް ސުޢައްޔިދު އޭނާގެ އިންތިޚާބީ ކެމްޕޭން ކުރިއަށް ނުގެންދަވަން ނިންމަވައިފިއެވެ. އޭނާ މިގޮތަށް ނިންމެވީ އިންތިޚާބުގައި އޭނާއާއި ވާދަކުރައްވާ ކެންޑިޑޭޓު ނަބީލް ޤަރަވީ ޖަލުގައި ހުންނެވުމުން އޭނާއަށް ކެމްޕޭން ކުރެއްވުމުގެ ފުރުސަތު ނެތްއިރު، ހަމަ އެކަނި އެއްފަރާތުން ކެމްޕޭން ކުރުމަކީ 'އަޚްލާގީ ގޮތުން ރަނގަޅު ކަމަކަށް' ނުވާނެތީއެވެ.

އަމިއްލަ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އިންތިޚާބުގައި ވާދަކުރައްވާ ސުޢައްޔިދުއާ ހަވާލާދީ ޓިއުނީޝިޔާގެ ޚަބަރު ފަތުރާ ރަސްމީ އެޖެންސީ ޓީއޭޕީ އިން ބުނިގޮތުގައި އޮކްޓޯބަރު 13 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އަމަލީ ގޮތުން ކެމްޕޭން ކުރުން އޭނާ ވަނީ ހުއްޓަވާލައްވާފައެވެ.

"އަހަރެން ބޭނުންވަނީ ދެ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނެތުމުގެ ސަބަބުން އުފެދޭ ޝައްކުތައް ނައްތާލަން." ސުޢައްޔިދު ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގއާއި ޓެކްސްއަށް މަކަރުހެދުމުގެ ކުށުގައި އޮގަސްޓް މަހުގެ 23 ވަނަ ދުވަހުއްސުރެ ނަބީލް ޤަރަވީ ހުންނެވީ ޖަލުގައެވެ. އޭނާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވައި، ދެވަނަ ބުރަށް ހޮވިވަޑައިގަތީވެސް ޖަލުގައި ހުންނަވައިގެންނެވެ. އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އޭނާ ޖަލަށް ލީ ޚިޔާލު ހޯދުމުގެ ސާވޭތަކުން އޭނާ ކުރީގައި އުޅުއްވާތީ އޭނާއަށް އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު ހަނިކުރުމަށެވެ.

ވަގުތީ ރައީސު މުޙައްމަދު އަންނާޞިރު ވެސް ވަނީ މި މައްސަލައާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

"ފުރަތަމަ ބުރު ކާމިޔާބުކުރެއްވި އެއް ބޭފުޅަކު އޮންނެވީ ޖަލުގައި. ކެމްޕޭނން ކުރައްވައި އޭނާއަށް ތާއީދުކުރާ މީހުންނާ ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު އޭނާއަށް ނެތް." "ޝަރުއީ ދާރިއާގެ އަގުވެސް ހިފެހެއްޓޭ ގޮތަށް އާދަޔާ ޚިލާފު މިހާލަތަށް ރިވެތި ގޮތުގައި ހައްލެއް ހޯދުމާމެދު ކަމާ ބެހޭ މަސްއޫލުވެރިންނާ އަހަރެން ވާހަކަ ދައްކާނަން." އައްނާޞިރު ވިދާޅުވިއެވެ.

އަނެއްކޮޅުން، ޓިއުނީޝިޔާގެ ރައްޔިތުން ދަނީ ގާނޫނުހަދާ މަޖިލީހަށް މެންބަރުން ހޮވުމަށް މިއަދު ވޯޓުލަމުންނެވެ. 2011 ވަނަ އަހަރުގެ 'އަރަބި ރަބީޢު'ގައި ގެނައި އިންގިލާބަށް ފަހު އެކުލަވާލި ގާނޫނު އަސާސީގެ ދަށުން ބާއްވާ ދެވަނަ އާއްމު އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 7 މިލިއަނަށްވުރެ ގިނަ މީހުންނަށް ލިބިފައި ވެއެވެ. ފުރަތަމަ އިންތިޚާބު ބާއްވާފައި ވަނީ 2014 ވަނަ އަހަރުއެވެ.

ގާނޫނުހަދާ މަޖިލިސް، އެސްމްލީ އޮފް ދަ ރެޕްރެޒެންޓެޓިވްސް އޮފް ދަ ޕީޕަލް، ގެ 217 ގޮނޑިއަށް 15 ހާސް ކެންޑިޑޭޓުން ވަދަކުރައްވައެވެ. ކެންޑިޑޭޓުން ކިތަންމެ ގިނަ ނަމަވެސް، ގިނަ ބަޔަކު ލަފާކުރާ ގޮތުގައި ވޯޓުލާން ނުކުންނާނީ މަދު ބައެކެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.