އަންނަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ސްރީލަންކާ ޕޮދުޖަނަ ޕެރަމޫނާ (އެސްއެލްޕީޕީ) ޕާޓީގެ ފަރާތުން ވާދަކުރައްވާ ގޮތަބަޔަ ރާޖަޕަކްސާއަކީ ސްރީލަންކާގެ ރައްޔިތެއް ކަމާމެދު ސުވާލު އުފައްދައި ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
ކޯޓް އޮފް އެޕީލް (ސީއޭ) ގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައި ވަނީ މަދަނީ ދެ އެކްޓިވިސްޓެއްގެ ފަރާތުން ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާއާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ ގާނޫނީ ބުރަދަނެއް ނެތް މައްސަލައެއް ކަމުގައެވެ.
މައްސަލަ ހުށަހެޅި ދެ ފަރާތުން ބުނެފައި ވަނީ 2003 ވަނަ އަހަރު ސްރީލަންކާގެ ރަށްވެހިކަން ދޫކުރައްވައި އެމެރިކާގެ ރައްޔިތަކަށް ވެވަޑައިގެން ހުންނެވުމަށް ފަހު 2005 ވަނަ އަހަރު ގޮތަބަޔަ ގައުމަށް އެނބުރި ވަޑައިގެން އަލުން ސްރީލަންކާގެ ރައްޔިތަކަށް ވެވަޑައިގަތީ ޣައިރު ގާނޫނީ ގޮތުގައި ކަމަށެވެ. އޭނާއަކީ މިހާރު ސްރީލަންކާއާއި އެމެރިކާއާއި ދެގައުމުގެ ރައްޔިތެކެވެ.
މި ފަހަރުގެ އިންތިޚާބުގައި އެންމެ ކުރީގައި ވާދަކުރައްވާނެކަމަށް ބެލެވޭ އެއް ބޭފުޅަކީ ގޮތަބަޔައެވެ. އޭނާއާ ދެކޮޅަށް ހުށަހެޅުނު މިމައްސަލަ މުހިއްމުވެފައި ވަނީ އެހެން ވެގެންނެވެ. ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ ނިންމުން އައީ ހަތަރު ދުވަހުގެ އަޑުއެހުންތަކަށް ފަހުގައެވެ.
ތަމަޅަ ޓައިގަރުން ބަލިކުރައްވައި، ސްލީކަންކާގައި ދިގުދެމިގެން ދިޔަ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ގޮތަބަޔަ ރާޖަޕަކްސާއަކީ، އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ހިންގަވާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ ބޭފުޅެކެވެ. އެހެންނަމަވެސް، ސިންގަޅައިގެން ގިނަ ބައެއްގެ މެދުގައި މަގްބޫލު، އަދި ގިނަ ހާމުދުރުން ތާއީދުކުރާ ގޮތަބަޔާއަކީ މިފަހަރު އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް އެންމެ ބެލެވޭ ކެންޑިޑޭޓެވެ.
އަނެއްކޮޅުން ގޮތަބަޔަ އަދި މަހިންދަ ރާޖަޕަކްސާގެ ވެސް ބޭބޭފުޅު ޗަމަލް ރާޖަޕަކްސާ ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއްޔެ އިއުލާންކުރައްވާފައެވެ. މިހާރު އުމުފުޅުން 76 އަހަރުގެ ޗަމަލް ރާޖަޕަކްސާއަކީ 2010 އިން 2015 އަށް ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ރިޔާސީ އިންތިޚާބުގައި ޗަމަލް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.