ޕެރިހުގައި ވަޅިން ދިން ހަމަލާއެއްގައި ފުލުހުންގެ ހަތަރު އޮފިސަރުން މަރާލައިފި

ޕެރިހުގެ އައިލް ޑި ލާ ސިޓް ޖަޒީރާގައި ހުންނަ ފްރާންސްގެ ޕޮލިސް ހެޑްކުއާޓާޒް

ފްރާންސުގެ ވެރިރަށް ޕެރިހުގެ މެދުތެރޭގައި ހުންނަ ޕޮލިސް ހެޑްކުއާޓަރު ތެރެއަށް ވަޅި ހޫރަމުން ވަން މީހަކު އެތަނުގައި ތިބި ފުލުހުންގެ ހަތަރު އޮފިސަރަކު މަރާލައިފިއެވެ.

ޕޮލިސް ހެޑްކުއާޓަރުގައި ވަޒީފާ އަދާކުރާ އެމީހާގެ ގަޔަށް ބަޑިޖަހައި ފުލުހުން ވަނީ އޭނާ މަރާލާފައެވެ. އޭނާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކަންބޮޑުވެ ހާސްވެފައި ތިބި އެތައް ބައެއް ފުލުހުންގެ މައި އިދާރާތެރެއިން ނުކުމެގެންދިޔަތަން އެތައް ބަޔަކަށް ފެނިފައި ވެއެވެ. މި ހަމަލާ ދީފައި މިވަނީ، ފުލުހުންނަށް ގޯނާކޮށް އަނިޔާކުރުން އިތުރުވަމުންދާތީ އެކަމާ ދެކޮޅަށް ފްރާންސްގެ ކަންކޮޅުތަކުގައި ފުލުހުން އިހުތިޖާޖެއް ފަށާފައިވާ ވަގުތެއްގައެވެ.

ޕެރިހުގެ މެދުތެރޭގައި އޮންނަ އައިލް ޑި ލާ ސިޓް ޖަޒީރާގައި ހުންނަ ފުލުހުންގެ އިދާރާގައި ވަޅިން ހަމަލާ ދީފައި ވަނީ މިއަދު މެންދުރު ފަހު 1 ޖެހިއިރު (ރާއްޖޭ ގަޑިން ހަވީރު 4 ޖެހިއިރު) އެވެ. ޕެރިހުގެ ކޮމާޝަލް ކޯޓާއި، ތާރީޚީ ފައްޅި ނޮޓަޑާމް ވެސް ހުންނަނީ އެ ޖަޒީރާގައެވެ.

އެ ޖަޒީރާގެ ވަށައިގެންވާ ސަރަހައްދު މިވަގުތު ބަންދުކޮށްފައި ވާއިރު، އަރަށުގެ މެޓްރޯ ސްޓޭޝަންވެސް ވަނީ ބަންދުކޮށްފައެވެ.

ހަމަލާދިން ސަބަބު ފުލުހުން ހޯދަމުންދާއިރު، ފުލުހުން ލަފާކުރާ ގޮތުގައި މިއީ ޒާތީ މައްސަލަތަކެއްގެ ސަބަބުންނެވެ. ފުލުހުން މިހާރު ވަނީ ހަމަލާދިން މީހާގެ އަނބިމީހާވެސް ހައްޔަރުކޮށްފައެވެ.

ފުލުހުންގެ އިހުތިޖާޖު މިއަދު ކުރިއަށް ދާއިރު، އެ އިހުތިޖާޖު އިންތިޒާމުކުރާ ފަރާތުން ބުނެފައި ވަނީ، ފްރާންސުގައި ފުލުހުންގެ ގޮތުން މަސައްކަތްކުރާ 1 ލައްކަ 50 ހާސް މީހުންގެ ތެރެއިން 27 މީހުން އިހުތިޖާޖުގައި ބައިވެރިވި ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.