ގައިން ގަޔަށް ނާރާ ބަލީގޭ ޙާލަތު ދެނެގަތުމަށް އަންނަ އަހަރު ސާރވޭ އެއް ހެއްދެވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އާފަތިސް އޮންލައިންނަށް މަޢުލާމާތު ދެއްވަމުން އެޗްޕީއޭގެ ޕްރޮގްރާމާ މެނޭޖަރ އިބްރާހީމް ނިޒާމް ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލީގެ ޙާލަތު ދެނެގަތުމަށް ރާއްޖޭގައި އެންމެ ފަހުން ސާރވޭއެއް ހަދައިފައިވަނީ 2011 ވަނަ އަހަރު ކަމުގައެވެ. އެހެންކަމުން މިހާރު އެހާލަތު ދެނެގަތުމަށް އިތުރު ސާރވޭއަކަށް ބޭނުންވެފައިވާ ކަމަށް އެނޭ ފާގަހަގަކުރެއްވިއެވެ. މިފަދަ ސާރވޭ ކުރުމަކީ ހަމައެކަނި ހެލްތު ދާއިރާއިން އެކަނި ކުރެވޭނެ ކަމެއް ނޫކަން ފާހަގަ ކުރައްވާ، ގުޅުންހުރި އެހެން ވުޒާރާތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވެސް ބޭނުންވާނެކަމަށް ނިޒާމު ވިދާޅުވިއެވެ. މިފަދަ ސާރވޭއެއް ކުރެވޭނީ ބައިނަލް އަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. މިހާރު ގެންދަނީ ސާރވޭއަށް ބޭނުންވާ ޕްރަޕޯޒަލްތައް އެކުލަވާލައްވަމުންނެވެ.
މިހާރު ރާއްޖޭގެ ގައިންގަޔަށް ނާރާ ބަލީގެ ޙާލަތަށް ބަލާއިރު އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 ޕަސެންޓް މީހުންނަކީ ގައިން ގަޔަށް ނާރާ ބަލިތަކުގެ މީހުންނެވެ. އޭގެތެރޭގައި 36 ޕަސަންޓަކީ ހިތާއި ލޭނާރުގެ ބަލިތަކުގައި މަރުވާމީހުންނެވެ.
ގައިން ގަޔަށް ނާރާބަލި 2025 ގެ ނިޔަލަށް 25 އަށް ދަށް ކުރުމަށް މިދިޔަ އަހަރު ވަނީ "25 އަށް 25"ކެމްޕޭނެއް ފަށްޓަވައިފައެވެ. މި ކެމްޕޭނުގެ ދަށުން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކުރުމުގެ ޙަރަކާތްތަކެއް ވަނީ ފަށްޓަވައިފައެވެ. ސަރުކާރުގެ ވުޒާރާތަކުން ފޯކްލަޕޮއީންޓްތަކެއް ކަނޑައަޅައި އެފެރާތްތަކަށް ހޭލުންތެރި ކުރިމުގެ ޕްރޮގަރާމެއް އަންނަ ހަފްތާތެރޭގައި ފެށްޓެވުމަށް އެޗްޕީއެއް ވަނީ ނިންމާފައެވެ. އެހަރާކާތައް ފަހު ވުޒާރާތަކުގެ ހުރިހާ މުވައްޒަފުން ހޭލުންތެރި ކުރުމަށްވެސް ނިންމައިފައިވާކަމަށް އެޗްޕީއޭ އިން މަޢުލޫމާތު ދެއްވިއެވެ.
ހިތުގެ ދުވަސް ފާހަގަ ކުރުމަށް ހިންގި ޙަރަކާތަކުގެ ތެރޭގައި ފުޅާ ދާއިރާގައި ހެލްތް ސްކްރީނިން ޕްރޮގްރާމާތައް މާލެއާއި އަތޮޅުތަކުގައިވެސް ވަނީ ހިންގައި ފައެވެ. "ހިތުގެ ދުޅަހެޔޮކަމަށް އެންމެންގުޅިގެން ވަޢުދެއް ވަމާ!" މިތީމްގެ ދަށުން ގިނަ ވަޢުދުތަކެއް އެކި ދާއިރާތަކުން ވަނީ ވެފައެވެ. ދުނިޔޭގެ ހިތުގެ ދުވަހުގެ ޝިޢާރަކީ "އަހަރެންގެ ހިތް، ތިބާގެ ހިތް" މިއެވެ.