މިއަދު ފަށާ ޖޮބް ފެއަރ އިން 500 އަށް ވުރެ ވަޒީފާގެ ފުރުޞަތުގެ ޔަޤީންކަން

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު ފަރުކޮޅު ފުށީގައި ފަށާ ޖޮބް ފެއަރ އިން 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޝަތު ލިބިގެންދާނެ ކަމުގެ ޔަޤީންކަން ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދު ދެއްވައިފިއެވެ. ވަޒީރު މި ޔަޤީންކަން ދެއްވައިފައިވަނީ ފަތުރުވެރިކަމުގެ ދުވަހުގެ ޙަރަކާތްތައް ފެށްޓެވުމުގެ ގޮތުން "ޖަޒީރާ ކެނޯ ރޭސް" ފެށުމަށް ވ. ކެޔޮދޫ ގޮނޑު ދޮށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޖޮބް ފެއަރ ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހު 29 ށް ފަރޮކޮޅުފުށީގައެވެ. ރާއްޖޭގެ ހުރިހާ ބޮޑެތި ރިސޯރޓް ގްރޫޕްތައް ޖޮބްފެއަރގައި ބައިވެރިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފެއަރގައި ވަޒީފާގެ އިންޓަރވިއުތައްވެސް ކުރިއަށް ދާނެކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

"ތިބޭފުޅުން ޖޮބްފެއަރ އަށް ދާންވީ އެތަން ބަލާލާކަށް ނޫން. ތިބޭފުޅުން ދާންވީ ތިބޭފުޅުންގެ ވަޒީފާ ބަލާ. އަޅުގަނޑުމެން ކަށަވަރު ކުރާނަން. އަޅުގަނޑުމެން ހެކިވެރިންނަށް ސޮއި ކުރާނަން ދިވެހި ޒުވާނުންނަށް ވަޒީފާ ލިބިގެންދާކަމަށް." ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.

ޖޮބް ފެއަރގައި އެކި ފެންވަރުގެ ވަޒީފާތަކަށް ފުރުޞަތު އޮންނާނެކަމުގެ ޔަޤީންކަންވެސް ފަތުރުވެރިކަމާ ބެހޭ ވަޒީރު ދެއްވިއެވެ.

ފެއަރ ކުރިއަށްދާ ކޮންމެ ރެއަކު 10ން10:30 ށް ރިސޯރޓް މުވައްޒަފުންގެ ތެރެއިން ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ޙަޔާތާ ގުޅޭ ވާހަކަތައް ގެނެސްދެއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ. އެގޮތުން ފުރަތަމަރޭ ދަޢުވަތު ދެއްވައިފައިވަނީ ރާއްޖޭގެ ނާއިބްރައީސް ފައިސަލް ނަސީމަށެވެ. މީގެ 27 އަހަރު ކުރިން ނާއިބް ރައީސް ފައިސަލް ނަސީމަކީ ރިސޯރޓް ބޯއީ އެކެވެ. ޖޮބް ފެއަރ ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ އެވެ.

ފަތުރުވެރިކަމުގެ ވަޒީފާއި ދިވެހިން ހިފެހެއްޓުމާއި ވަޒީފާތަކުގެ މަތީ މަޤާމުތަކަށް ދިވެހިން ދާން ބޭނުންވާ ސިޔާސަތު މިސަރުކާރުން ޤާއިމު ކޮށްދޭނެކަމަށް ވެސް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ. މިފަސް އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ އިސްމަޤާމުތަކަށް ދިވެހިން ގެންނާނެ ކަމުގެ ޔަޤީންކަންވެސް ފަތުރުވެރިކަމާ ބެހޭ ވަޒީރު ދެއްވިއެވެ.

ދާދި ފަހުން ހުޅުވިގެން ދިޔަ ކްރޮސް ރޯރޑް ހުޅުވިގެން ދިޔައީ 60 ޕަސަންޓް ދިވެހިންނާއެކު ކަން ފާހަގަ ކުރައްވައި، ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ، އޭގެތެރެއިން 20 އިންސައްތައަކީ ދިވެހި އަންހެނުންކަމުގައެވެ. އަދި އެއީ އިސް މަޤާމްތަކުގައިކަން ވެސް ފަތުވެރިކަމާ ބެހޭ ވަޒީރު ފާހަގަ ކުރެއްވިއެވެ. މިސަރުކާރު އައިއިރު ފަތުރުވެރިކަމުގެ ދާއިރާގައި އަނެހެނުންގެ ނިސްބަތަކީ 7 އިންސައްތަކަން ފާހަގަ ކުރައްވާ މިސަރުކާރުން އެނިސްބަތް އިތުރުކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.