ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުދިންގެ ކަންކަން ރަނގަޅު ކުރުމަށް ކޮމިޓީއެއް އުފައްދަވައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ތިބޭ މަރުކަޒުތައް ހިންގުމަށް ޓަކައި ލަފާއާއި މަޝްވަރާ ދޭ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މިއަދު އެކުލަވާލެއްވި ކޮމިޓީގެ ނަމަކީ "ޝެލްޓަރ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ" އެވެ.

ކަމާ ގުޅޭ ހުރިހާދާއިރާއަކުން 13 މެމްބަރުން އެކޮމިޓީގައި ހިމެނި ވަޑައިގަންނަވައެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހުރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ކުޑަކުދިންގެ ހިޔާ، ފިޔަވަތި،  ޔުނިސެފް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް، މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ޕޮލިޓެކްނިކް، ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާއެކެވެ. އޭގެ އިތުރަށް ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އެމްބެސެޑަރ އަދި އޮންޓަރޕްރިނިއަރއެކެވެ.

3 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލެވުނު މި ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ މަހަކު މަދުވެގެން އެއް ފަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުއްލި ޙާއްލަތެއް ދިމާވެއްޖެ ނަމަ ކުއްލި ބައްދަލުވުމެއް ބޭއްވުމެއް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ކޮންމެ 3 މަހަކުން އެއް ފަހަރު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ޝެލްޓަރ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ތިބޭ މަރުކަޒުތައް ކަމުގައިވާ ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގެ ހިންގުން ހަރުދަނާކުރުމާއި އެ ތަންތަނަށް ކުރިމަތިވާ އެކި ބާވަތުގެ މައްސަލަތައް ޙައްލުކުރުމުގެ އިތުރުން ކުޑަކުދިންނާ ގުޅޭ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ލަފާދިނުން ހިމެނެއެވެ.

ޚަބަރާއި ފޮޓޯ ޖެންޑަރ މިނިސްޓްރީ

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.