
ޖިނާއީ ތުޙުމަތައް ތަޙްޤީޤް ނުކޮށް، ދެބިދޭސީން ޑިޕޯރޓް ކޮށްލި މައްސަލަ ރައްޔިތުންގެ މަޖީލުގެ ކަމާބެހޭ ކޮމެޓީގެ ސަމާލުކަމަށް ގެނެސް، އެމައްސަލަ ބަލައި ދެއްވުމަށް އެދިވަޑައިގެންފައިވާނެކަމަށް ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ ޖިނާއީ ކުށްތަކެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ، ދެ ފަރާތެއްގެ މައްސަލަ ތަހްޤީޤު ނުކޮށް ޑީޕޯޓް ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް އެދިފައިވާ ކަމަށެވެ.
ދާދި ފަހުން އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ޖިނާއީ ކުށްތަކެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ، ބަޤްލަދޭޝްގެ ދެރައްޔިތެއްގެ މައްސަލަ ތަހުގީގު ނުކޮށް ޑީޕޯޓް ކޮށްލައިފައެވެ. މިމައްސަލަ ތަޙްޤީޤް ނުކޮށް ދެ ބިދޭސީން ޑިޕޯރޓް ކުރުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ދެމީހުންގެ ތެރެއިން އެކަކީ މަނީލޯންޑާ ކުރަމުން އަނަންކަމަށް ތުޙުމަތު ކުރެވޭ މީހެކެވެ. އަނެކަކީ ޤަވައިދާ ހިލާފަށް މީހުން ރެކްރޫޓްކުރާ ކަމުގެ ތުހުމަތުކުރެވޭ މީހެކެވެ. މަނީލޯންޑާ ކުރާ ކަމުގެ ތުހުމަތުކުރެވުނު ބަނގްލަދޭޝް ރައްޔިތަކީ އަބޫ ހަނީފެވެ. އޭނާ ރާއްޖެ އައީ ވަޑިއެއްގެ ގޮތުގައެވެ. ނަމަވެސް އޭނާ ދިޔައީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ތަފާތު ވިޔަފާރިތައް ކުރަމުންނެވެ.