މާތްﷲ އެކަލާނގެ އަޅުންދެކެ ލޯބިވެވޮޑިގަންނަވާކަމުގެ ވަރަށް ގިނަ ހެކިތައް ކީރިތި ޤުރްއާނުގައި ވެއެވެ. އޭގެތެރޭގައި : އުރެދޭމީހުންގެ ކިބައިން ތަވްބާ ޤަބޫލުކުރެއްވުމާއި ، ފާފަވެރިންނަށް ފުއްސެވުމާއި ،ހެޔޮ އަމަލުތައް ކުރާ މީހުންނަށް އިނާމު ދެއްވުމުގެ ގޮތުން ރުއްސުން ލެއްވުމާއި ، ކޯފާއަށްފަހު ރަޙްމަތްލެއްވުން ހިމެނެއެވެ.މިކަމަށް ދަލީލުކުރާ ވަޙީގެ ބަސްފުޅުތަކުގެ ތެރޭގައި މި އަންނަ ބަސްފުޅުތައް ވެއެވެ. :-
1- وَأَنِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُمَتِّعْكُم مَّتَـٰعًا حَسَنًا إِلَىٰٓ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِى فَضْلٍ فَضْلَهُ وَإِن تَوَلَّوْا۟ فَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ – هود : 3 - އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ. އަދި އެކަލާނގެއަށް ތިޔަބައިމީހުން ތަވްބާ ވާށެވެ! އޭރުން ކަނޑައެޅިގެންވާ އަޖަލު ހަމަވެއްޖައުމަށްދާންދެން ، ރަގަނޅު ދިރިއުޅުމެއްގައި އެކަލާނގެ ތިޔަބައިމީހުން ލަހައްޓަވާނެތެވެ. އަދި ޢަމަލު އިތުރުކުރި ކޮންމެ މީހަކަށް އެމީހަކު އިތުރުކުރި ޢަމަލެއްގެ ޖަޒާ ( ޤިޔާމަތް ދުވަހުން ) އެކަލާނގެ ދެއްވާނެތެވެ.
2- فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًايُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّـٰتٍ وَيَجْعَل لَّكُمْ أَنْهَـٰرًا - نوح : 10 – 12 - ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި، ތިޔަބައިމީހުން ދަންނަވާށެވެ. ހަމަކަށަވަރުން، އެކަލާނގެއީ ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވިއެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި ދަރިންގެ ގޮތުން އެކަލާނގެ ތިޔަބައމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ.
3- وَمَن يَعْمَلْ سُوٓءًا أَوْ يَظْلِمْ نَفْسَهُۥ ثُمَّ يَسْتَغْفِرِ ٱللَّـهَ يَجِدِ ٱللَّـهَ غَفُورًا رَّحِيمًا - النساء : 110 – ނުބައިކަމެއްކޮށް ، ނުވަތަ އެމީހެއްގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެ، ދެން( އެއަށްފަހު) ފާފަފުއްސަވާދެއްވުން އެދި ﷲގެ ޙަޟްރަތަށް ދަންނަވާމީހާ ދަންނާށެވެ! ﷲއީ ، ގިނަގިނައިން ފާފަފުއްސަވާ ، ރަޙީމުވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ.
4- قُلْ يَـٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّـهِ ۚ إِنَّ ٱللَّـهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚإِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ - الزمر : 53 – ކަލޭގެފާނު ވިދާޅުވާށެވެ!އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުއްމީދު ކަނޑައިނުލާށެވެ. ހަމަކަށަވަރުން، ﷲއީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާގެއެވެ.
5- وَإِنَّ رَبَّكَ لَذُو مَغْفِرَةٍ لِّلنَّاسِ عَلَىٰ ظُلْمِهِمْ - الرعد : 6 – އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ، މީސްތަކުން އަނިޔާވެރިވުމާއެކުގައިވެސް އެއުރެންނަށް ފާފަފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ.
6- إِنَّ ٱللَّـهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلْمُتَطَهِّرِينَ - البقرة : 222 – ހަމަކަށަވަރުން ،ގިނަގިނައިން ތަވްބާވާ މީހުންނާއި ، ޠާހިރުވާ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ.
7- أَفَلَا يَتُوبُونَ إِلَى ٱللَّـهِ وَيَسْتَغْفِرُونَهُۥ ۚوَٱللَّـهُ غَفُورٌ رَّحِيمٌ - المائدة : 74 - ފަހެ ، އެއުރެން ﷲ އަށް ތަވްބާ ނުވަނީހެއްޔެވެ؟ އަދި ، ފާފަފުއްސެވުން އެދި އެކަލާނގެ ޙަޟްރަތަށް ނުދަންނަވަނީ ހެއްޔެވެ؟ ފަހެ، ﷲއީ ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކލާނގެއެވެ.
8- فَإِن تُبتُم فَهُوَ خَيرٌ لَكُم - التوبة : 3 – ފަހެ، ތިޔަބައިމީހުން ތަވްބާވެއްޖެނަމަ ދަންނާށެވެ. ފަހެ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.
9- ثُمَّ تابَ عَلَيهِم لِيَتوبوا - التوبة : 118 – ދެން އެއުރެން ތަވްބާވުމަށްޓަކައި އެކަލާނގެ އެއުރެންގެ މައްޗަށް ތަވްބާލެއްވިއެވެ.
10- وَاستَغفِروا رَبَّكُم ثُمَّ توبوا إِلَيهِ إِنَّ رَبّى رَحيمٌ وَدودٌ - هود : 90 - އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ފާފަފުއްސެވުން އެދި ، ތިޔަބައިމީހުން ދަންނަވާށެވެ! ދެން ތިޔަބައިމީހުން އެކަލާނގެއަށް ތަވްބާވާށެވެ!ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ރަޙީމުވަންތަ ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.
11- وَتوبوا إِلَى اللَّـهِ جَميعًا أَيُّهَ المُؤمِنونَ لَعَلَّكُم تُفلِحونَ - النور : 31 - އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތަވްބާވާށެވެ! އެއީ ތިޔަބައިމީހުން ދިންނަވާ ނަސީބުލިބުމަށްޓަކައެވެ.
12- إِلّا مَن تابَ وَءامَنَ وَعَمِلَ عَمَلًا صـٰلِحًا فَأُولـٰئِكَ يُبَدِّلُ اللَّـهُ سَيِّـٔاتِهِم حَسَنـٰتٍ وَكانَ اللَّـهُ غَفورًا رَحيمًا - الفرقان : 70 - ތަވްބާވެ ، އީމާންވެ، ގިނަގިނައިން ޞާލިޙުޢަމަލު ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެމެންނާ މެދު ދަންނާށެވެ! ﷲ ، އެއުރެންގެ ނުބައިކަންތައް ، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ ، ރަޙީމުވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
13- فَأَمّا مَن تابَ وَءامَنَ وَعَمِلَ صـٰلِحًا فَعَسىٰ أَن يَكونَ مِنَ المُفلِحينَ - القصص : 67 – ފަހެ ، ތަވްބާވެ ، އީމާންވެ، ޞާލިޙު ޢަމަލުކުޅަމީހާ ދަންނާށެވެ! ފަހެ، އޭނާ ކާމިޔާބުވާ މީހުންގެ ތެރެއިންވެއެވެ.
14- غافِرِ الذَّنبِ وَقابِلِ التَّوبِ - غافر : 3 - އެކަލާނގެއީ ، ފާފަފުއްސަވާ، ތަވްބާ ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ.
15- وَهُوَ الَّذى يَقبَلُ التَّوبَةَ عَن عِبادِهِ وَيَعفوا عَنِ السَّيِّـٔاتِ - الشورى : 25 – އެކަލާނގެއީ އެކަލާނގެ އަޅުތަކުންގެ ކިބައިން ތަވްބާ ޤަބޫލުކުރައްވާ ، ނުބައިކަންތަކަށް ޢަފޫކުރައްވާ ރަސްކަލާނގެއެވެ.
16- يـٰأَيُّهَا الَّذينَ ءامَنوا توبوا إِلَى اللَّـهِ تَوبَةً نَصوحًا - التحريم : 8 - އޭ އީމާންވެއްޖެމީސްތަކުންނޭވެ!. ތެދުވެރި، އިޚްލާޞްތެރި ތަވްބާއަކުން ތިޔަބައިމީހުން ﷲ އަށް ތަވްބާވާށެވެ!
17- وَهَل نُجـٰزى إِلَّا الكَفورَ - سبأ : 17 – ކާފިރުވާމީހުންނަށް މެނުވީ ތިމަންރަސްކަލާނގެ އެފަދަ ޖަޒާ ދެއްވަމުހެއްޔެވެ؟
، ނުހަނު އޯގާވަންތަ، ރަޙީމުވަންތަ ، ތަވްބާލައްވަވާ ، ފާފަފުއްސަވާ ﷲ ،ކުށްކުރާމީހުންނަށް އެކަލާނގެ ޙަޟްރަތަށް އެނބުރި އައުމަށް މިފަދަ ވަރަށް ގިނަ އާޔަތްތަކުގައި ގޮވައިލައްވައިފައިވެއެވެ. އެމީހުންގެ އުރެންދުންތައް ގިނަކަމާއެކުގައި ވެސްމެއެވެ. ފަހެ، الله سبحانه وتعالى އަކީ ކިޔަމަންގަންނަ އަޅުންނަށާއި އުރެދޭ އަޅުންނަށް ވެސް ހެޔޮފޯރުއްވަވާ ރަސްކަލާނގެއެވެ. އިޙްސާންތެރިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އިސްވެދިޔަ އާޔަތްތަކުން އެގޭގޮތުގައި :
ހ- އަޅުންގެ ތަވްބާ ޤަބޫލުކުރެއްވުމަށާއި ކުށްފާފަތައް ފުއްސަވާދެއްވުމަށްޓަކައި، ﷲ ގެ ރަޙްމަތާއި އޯގާވަންތަކަމުގެ ދޮރުކޮޅު އެކަލާނގެ އަޅުންގެ ކުރިމަތީގައި ވަނީ ހުޅުއްވައި ދެއްވައިފައެވެ.
ށ- އެކަލާނގެއަށް ތަވްބާ ވާތީ ، އަދި އެކަލާނގެ ޙަޟްރަތަށް އެބުރި އަންނާތީ، އެކަމުގެ ޖަޒާއެއްގެ ގޮތުން، ތަވްބާވާ މީހާގެ ނުބައި ކަންތައްތައް ހެޔޮ ކަންތައްތަކަށް ބަދަލުކޮށްދެއްވުން އެކަލާނގެ ރަޙްމަތުގެ ތެރޭގައި ލައްވައިފައިވެއެވެ.
ނ- ތަވްބާވުމާއި އިސްތިޣްފާރުކުރުމަކީ އިންސާނާއަށް ލިބިގެންވާ މާއްދީ އަދި މާނަވީ ބާރާއި ، މުއްސަނދިކަމުގެ ދޮރުތަކުން ދޮރެއްކަމުގައި ލެއްވުން ވެއެވެ.
ރ- މުއުމިނުންގެ ކިބައިން ބަދަލުހިއްޕެވުމާއި، އެއުރެންނަށް ޢަޛާބުދެއްވުމަކީ ﷲ ލޯބިވެވޮޑިގަންނަވާ ކަމެއްނޫނެވެ. އެކަމަކު އެކަލާނގެއީ އެކަލާނގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވާ މުއުމިނުންނަށް ރަޙީމުވަންތަ ނުހަނު އޯގާވެރި ރަސްކަލާނގެއެވެ.
ބ- ކާފިރުކަންމަތީ ދެމިތިބޭ ، ފާފަކުރުމުގައި ކުރިއަށްދާ، ﷲގެ ޙުރްމަތްތައް ކަނޑައި މީހުންގެ މައްޗަށް މެނުވީ ﷲގެ ކޯފާ ޙަޤީޤަތުގައި ނުލެއްވުމާއި، ކުރެވޭ ކުށްފާފަތަކަށް ދެރަވާ މީހުންނާ ގާތުގައި ﷲގެ ރަޙްމަތް ލެއްވުން ވެއެވެ.
ޅ- ﷲ އާއި އެކަލާނގެ ރަސޫލާ ، ތަވްބާގެ ބަސްތަކާއި އެކަން ޢަމަލީގޮތުން ކުރާނެ ގޮތް އިންސާނާއަށް ދަސްކޮށްދެއްވާފައިވެއެވެ . މާތްﷲ ވަޙީކުރެއްވިއެވެ. " فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَـٰتٍ فَتَابَ عَلَيْهِ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ - البقرة : 37 - ދެންފަހެ، އާދަމުގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލިމަފުޅުތަކެއް ބާވައިގަންނަވާ އެކަލާނގެ އެކަލޭގެފާނަށް ތަވްބާ ލައްވައިފިއެވެ. "
މިއަށްވުރެ ބޮޑު ރަޙްމަތެއް ، މިއަށްވުރެ ބޮޑު އޯގާވެރިކަމެއް އޮންނާނެތޯއެވެ؟ ﷲ އަބަދުވެސް ތަވްބާގެ ދޮރު އެކަލާނގެ އަޅުންގެ ކުރިމަތީގައި ވަނީ ހުޅުވައިލައްވައިފައެވެ. އެކަލާނގެ އެމީހުންނަށް ބޭނުންވެ ވޮޑިނުގަންނަވާއިރުގައި ވެސް މެއެވެ. މިއީ އެކަލާނގެ އެމީހުން ދެކެ ލޯބިވެވޮޑިގަންނަވާތީއެވެ.
ކ- ތަވްބާއާއި، އީމާންކަމާއި، ޞާލިޙު ޢަމަލަކީ، ދުނިޔެއާއި އާޚިރަތުގެ ދިންނެވުމާއި ކާމިޔާބީގެ ދޮރެވެ.