ކޮމިޝަންގެ ރިޕޯޓާ ބެހޭގޮތުން މާރިޔާއި، ސުޢޫދު މަޝްވަރާ ކުރައްވައިފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ  މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ނެރުއްވާފައިވާ އިންޓެރިމް ރިޕޯޓާމެދު މަޝްވަރާކުރައްވާފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. ރާއްޖޭގައި ހައްދުފަހަނައަޅާދިޔުމާއި ވަޔަލެންޓް އެކްސްޓްރީމިޒަމްގެ ޢަމަލުތައް ހިނގާކަމީ، އެބޭފުޅުން އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމުގައި ވެސް އެބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

އެފަދަ ކަންކަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ޤައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ކަމާބެހޭ ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އެބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

ޞުލްޙަވެރި، އަމާން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ "ޕޮލިސީ އޮފް ޒީރޯ ޓޮލެރަންސް އޮން ޓެރަރިޒަމް" ތަންފީޒު ކުރުމަށްޓަކައި، މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ އިސްވެރިން  ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.