
މިހާރަށްވުރެ ރަނގަޅަށް ތުއްތުކުދިންނަށް ދިވެހިބަސް ކިޔަވައި ދެވޭނެ ގޮތްތަކާއި ދިވެހިބަސް ކިޔަވައިދެއްވުމުގައި މުދައްރިސުންނަށް ދިމާވާ ދަތިތަކާމެދު ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ފުވައްމުލަކު ސިޓީ ޕްރީސްކޫލްތަކުގެ މުދައްރިސުންނާއެކު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ތަކުގައި އަޝްރަފް ވިދާޅުވީ ފުވައްމުލަކު ސިޓީގެ ހުރިހައި ޕްރީ ސުކޫލެއްގެ މުދައްރިސުން ދިވެހިބަހަށް އަހުލުވެރި ކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.
މިދަތުރުގައި އަޝްރަފް ވަނީ ޤައުމީ އަމިއްލަވަންތަކަމާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީގެ ސުކޫލުތަކުގެ ދަރިވަރުންނަށް ދިވެހިބަހާބެހޭ މަޢުލޫމާތު ދެއްވުމުގެ ޚާއްޞަ ގަޑިއެއް ނަންގަވައިފައެވެ. އެ ގަޑީގައި އެ ސިޓީގެ ސުކޫލުތަކުގެ ގުރޭޑު 7 އިން ފެށިގެން މަތީގެ 400 އެއްހައި ދަރިވަރުން ބައިވެރިވިއެވެ.