އިޤްތިޞާދީ މިނިވަން ކަމާއި ދިވެހިން މިދެކޭ ތަރައްޤީގެ ބާނީ އަކީ ވެސް މިނިވަން ކަމުގެ ބަޠަލް

ފޮޓޯ: ގައުމީ އަރުޝީފް

މިއަދަކީ އަޅުގަނޑުމެނަގެ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހެވެ. މިނިވަން ދުވަސް ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެންނަށް މިނިވަންކަން ލިބުނުގޮތާއި އެމިނިވަންކަން ހޯދުމަށް ދިވެހި ލޮބުވެތި ދަރިން ކުރެއްވި ބުރަ މަސައްކަތުގެ މަތިން ހަނދާން ކުރަންޖެހެއެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ރާއްޖެއަށް މިނިވަން ލިބުނީ 16 ޑިސެމްބރ 1887 ވަނަ އަހަރުން ފެށިގެން އިނގިރޭސި ވިލާތުގެ ޚާރިޖީ ހިމާޔަތުގައި 77 އަހަރު ތިބުމަށް ފަހުއެވެ. ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވީ މިނިވަން ކަމުގެ ބަޠަލް ސުއްމުވުލް އަމީރު އިބްރާހީމް ނާސިރު ރަންނަ ބަނޑޭރި ކިލެގެފާނެވެ. އެއީ އޭރު ރާއްޖޭގެ ބޮޑުވަޒީރެވެ.

 އިނގިރޭސީންގެ ހިމާޔަތުން ރާއްޖެ މިނިވަން ކުރުން

ވެލާނާގޭ އިބްރާހީމް ނާސިރަށް ރާއްޖޭގެ ބޮޑުވަޒިރުކަން ލިބިވަޑައިގެންނެވީ 12 ޑިސެމްބަރ 1957 ގައެވެ. އެމަނިކުފާނު ބޮޑު ވަޒީރު ކަމުގެ ހުވާ ކުރެއްވީ އެދުވަހުގެ މެންދުރު އެކެއް ޖެހިއިރުކަމަށް ބައެއް ލިޔުންތަކުގައި ވެއެވެ. އިބްރާހީމް ނާސިރު ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނީ ރާއްޖޭގެ ބޮޑުވަޒީރަކަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ނާސިރުކަމަށް ރައްޔިތުންގެމަޖިލީހުގެ އިއްތިފާގުން ފާސްކުރުމަށްފަހު އެވެ. އެކަމުގެ ޤާނޫނީ ލަފާ ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލަށް ރައްޔިތުންގެ މަޖލީހުން އެރުވިއެވެ. އިބްރާހިމް ނާސިރު ދިވެހި ދައުލަތުގެ ބޮޑު ވަޒީރުކަމަށް އައްޔަން ކުރެއްވީ ސުއްމުވުލް އަމިރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ބޮޑުވަޒިރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ފޮޓޯ: ގައުމީ އަރުޝީފް

ނާސިރު ބޮޑުވަޒީރުކަމާ ޙަވާލުވެ ވަޑައިގެންނެވި އިރު  ދިވެހި ދައުލަތުގެ ކުރިމަތީގައި އޮތް އެންމެބޮޑު އަދި ނުރައްކާތެރި މައްސަލައަކީ އައްޑު އަތޮޅު ގަން އިނގިރޭސީންނަށް ކުއްޔަށް ދިނުމުގެ މައްސަލައެވެ. އެހެންކަމުން ބޮޑުވަޒީރު ނާސިރު މަޤާމާ ޙަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ފެށްޓެވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ރާއްޖެ މިނިވަން ކުރުމުގެ މަސައްކަތްޕުޅު ހިމެނޭކަން ފާހަގަ ކުރެވެއެވެ. އެމަނިކުފާނު އައްޑޫ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި ޚާއްޞަ ކޮމިޝަނެއް، 6 ޖެނުއަރި 1958 ގައި އުފެއްދެވި އެވެ. ނާސިރު ބޭނުން ފުޅުވެ ވަޑައިގެންނެވީ އައްޑޫގެ މައްސަލަ ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދެވުމަށެވެ. އެގޮތުން އުފެއްދެވި ކޮމިޝަންގައި ހިމެނި ވަޑައިގަންނަވަނީ ޝޭޚް ރުސްދީ އާއި ފާރޫޤް އިސްމާޢީލާއި އިބްރާހީމް ޝިހާބާއި މުޙައްމަދު ޢިމާދުއްދީންއެވެ. ކޮމިޝަންގެ ދެ ސެކެރެޓަރީން ކަމުގައި ކަރަންކާ ރަޝީދާއި ޢަބްދުއްސައްތާރު މޫސާ ދީދީ ހަމަޖެއްސެވިއެވެ. އައްޑު މައްސަލައިގައި އިނގިރޭސީންނާ ދިވެހި ދައުލަތުގެ ފަރާތުން މުޢާމަލާތުކޮށް ވަކާލާތު ކުރައްވަމުން ގެންދެވީ އެކަމަށްޓަކައި އުފެއްދެވި ޚާއްޞަ ކޮމިޝަނުންނެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުން އައްޑު އަތޮޅުގެ ގަން އިނގިރޭސީންނަށް 100 އަހަރަށް ދޫކޮށްފައިވާ އޮތް އޮތުން 30 އަހަރަށް ބަދަލުކުރެވުނެވެ. މިކަމަށްޓަކައި އެކުލަވާލެއްވި "އޯލްޕޯރޓް އެގްރިމެންޓް" ގައި އިނގިރޭސީންނާއި ދިވެހި ދައުލަތާ ދެމެދުގައި ސޮއިކުރެވުނީ 14 ފެބުރުއަރީ 1960 ގައެވެ. 

މިނިވަންކަމުގެ އެގްރިމެންޓްގައި ސޮއިކުރުން

ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. މިނިވަންކަމުގެ އެގްރިމެންޓްގައި ސޮއިކުރެވުނީ އެދުވަހުގެ ހެނދުނު މާލޭގަޑިން 10 ޖެހި އިރުއެވެ. މިނިވަންކަމުގެ އެގްރިމެންޓްގައި ސޮއި ކުރެވުނީ ސްލަނަކާގެ ކޮލަމްބޯގައި ހުންނަ ވެސްޓް މިނިސްޓަރ ހައުސްގައެވެ. އެއީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރގެ ގެއެވެ. މިއެގްރިމެންޓްގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒިރު ޞާހިބުއް ދައުލާ އަލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.  އިނގިރޭސި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ސިލޯންގައި ހުންނެވި އިނގިރޭސި ހައިކޮމިޝަނަރ ސާރ މައިކަލް ވޯކަރ އެވެ.

މިނިވަންކަމުގެ އެގްރިމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވަޒީރުލް އަޢްޒަމަގެ އަރިހުގައި ދިވެހި ދައުލަތުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އޭރު ސިލޯނުގައި ނުތަވަ ސްރީލަންކާގައި ހުންނެވި ދިވެހި ދައުލަތުގެ ސަފީރު ޢަބްދުއްސައްތާރު މޫސާ ދީދީ އާއި ވަޒީރުލް އަޢްޒަމް އޮފީހުގެ ޙާއްޞަ ވަކީލް މުލީގެ ޢަލީ ޢުމަރުމަނިކާއި ސިލޯނުގައި ހުންނަ ދިވެހި އެމްބަސީގެ ތިންވަނަ ސެކްރެޓަރީ ކަނޑި އަޙުމަދު އިސްމާޢީލް މަނިކެވެ.

މިނިވަންކަމުގެ އެގްރިމެންޓްގައި ސޮއިކުރެވުނު ރަސްމިއްޔާތުގައި އިނގިރޭސިންގެ ފަރާތުން ސަފީރުގެ އިތުރުން ބައިވެރި ވަޑައިގެންނެވީ ޑެޕިއުޓީ ހައިކޮމިޝަނަރ މިސްޓަރ ޖީޑީ އެންޑަރސަން އާއި އެއްވަނަ ސެކްރެޓަރީ މިސްޓަރ ޕީ ޑަބްލިޔޫ ހީތު އާއި  އިންފޮމޭޝަން ސާރވިސްގެ ޑިރެކްޓަރ މިސްޓަރ ބީޑީ ބްރައުން އެވެ.

ދިވެހި ރާއްޖެއަށް މިނިވަންކަން ލިބުމާއެކު އިނގިރޭސި ދައުލަތުގެ ފަރާތުން ރާއްޖެއަށް، ހުންނަވާ ސަފީރެއް ކަމުގައި ސަރ މައިކަލް ވޯކަރ ކަނޑައެޅި އެކަމުގެ ފަތްކޮޅު އެރުވުނެވެ.

އިޤްތިޞާދީ މިނިވަންކަމާއެކު މުޅިން އަލަށް ގިނަ ޚިދުމަތަކެއް ތަޢާރަފްކޮށްދެއްވި

ދިވެހި ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނީ އިބްރާހިމް ނާސިރުގެ ބޮޑު ވަޒީރު ކަމުގައި ނަމަވެސް އޭނގެ ކުރިންވެސް އެމަނިކުފާނު ވަނީ ދައުލަތުގެ މުހިންމު މަޤާމުތަކުގައި ހުންނަވައިގެން ތަފާތު ގިނަގުނަ މަސައްކަތް ތަކެއް ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި ކޮށްދެއްވައިފައެވެ.

ސުއްމުވުލް އަމީރު އިބްރާހީމް ނާސިރު ވަޒީރުންގެ މަޖިލީހަށް ފުރަތަމަ ގުޅިވަޑައިގެންނެވީ މާލީ ވަރެއްގެ ގޮތުގައެވެ. އޭރު ކިޔާ ގޮތުން ވަޒީރުލް މާލިއްޔާގެ ގޮތުގައެވެ. އެއީ އެމަނިކުފާނުގެ ޢުމުރުފުޅުން 28 އަހަރުފުޅުގައި 1954 ގައެވެ. އޭގެ ފަހުން ބޮޑު ވަޒިރުކަމަށް އައްޔަންކުރެވުމާ ދެމެދުގައި ދާޚިލީ ވަޒީރުކަމާއި އަމަންއާންމުގެ ވެރިކަމާއި ވިޔަފާރިއާ ބެހޭ ވަޒިރުކަމާއި އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ނުވަތަ ޚާރިޖީ ވަޒީރުކަން ކުރައްވައިފައި ވެއެވެ.

އިބްރާހީމް ނާސިރަކީ ރާއްޖެއަށް އިޤްތިޞާދާއި ވިޔަފާރިއާއި ދަތުފަތުރާއި މުޢާސަލާތުގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެވި ބޭފުޅެކެވެ. މިއަދު ރާއްޖެ މިދެކޭ ތަރައްޤީގެ ބިންގާ އަޅައި ދެއްވީ އިބްރާހީމް ނާސިރޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެމަނިކުފާނު ދިވެހި ދައުލަތުގެ ވަޒީރުލް އަޢްޒަމަގެ މަޤާމު ނުވަތަ ބޮޑު ވަޒީރަކަށް އައްޔަން ކުރެވުނީ އެފަދަ ލީޑަރަކަށް ދިވެހި ޤައުމު އިންތިހާއަށް ބޭނުން ވެފައިވާ ދަނޑިވަޅެއްގައެވެ. ދިވެހިރާއްޖޭގެ ބޮޑުވަޒިރުކަން އެމަނިކުފާނު 11 ވަރަކަށް އަހަރު ކުރެއްވިއެވެ.  އަދި ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔާއެއް ޤާއިމްކުރުމަށްފަހު އެޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްއަކަށް ހޮވިވަޑައިގެންނެވީ ވެސް އިބްރާހިމް ނާސިރެވެ.

ހަމަ އެހެންމެ އިބްރާހީމް ނާސިރު ރާއްޖޭގެ ބޮޑުވަޒީރު ކަމުގައި ދައުލަތް ހިންގަވަމުން ގެންދެވިއިރު ތަފާތު ސިޔާސީ ގޮންޖެހުންތައް އެމަނިކުފާނަށް ވެސް ކުރިމަތި ވިއެވެ. އެކަންކަމުގެ ތެރޭގައި 1974 ވަނަ އަހަރުގެ ޖޫން މަހުގެ 13 ގައި ކުރިމަތި ކުރުވި ބޮޑު ބްރާސްފައްޗާއި އަދި ޖެހިގެން އައި 1975 ވަނަ އަހަރުގެ މާރް މަހުގެ ހަވަނަ ދުވަހުގެ ކުޑަ ބްރާސްފަތި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އެމަނިކުފާނު ވަކިވެވަޑައިގެންނެވީ 10 ނޮވެމްބަރ 1978 ގައެވެ. އެމަނިކުފާނު ރައީސްކަމުން އިސްތިއުފާ ދެއްވީ ތިންވަނަ ދައުރަކަށްވެސް އެމަނިކުފާނު ރާއްޖޭގެ ރައީސްކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފައި ވަނިކޮށް އެކަން ޤަބޫލުފުޅު ނުކުރައްވައެވެ. އެއަހަރުގެ ޑިސެމްބަރ ހަތެއްގައި އެމަނިކުފާނު ރާއްޖެ ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެންނެވިއެވެ. އަވަރާވެވަޑައިގެންނެވުމާ ހަމައަށް ދިރިއުޅުއްވަމުން ގެންދެވީ ސިންގަޕޫރުގައެވެ. އެމަނިކުފާނު އަވަހާރަވީ 22 ނޮވެމްބަރ 2008  ގައެވެ. އެއީ ޢުމުރުފުޅުން 82 އަހރުގައެވެ. ފަސްދާނު ވެޑުވިފައި ވަނީ މާލޭ ހުކުރު މިސްކިތުގެ ޤަބުރުސްތާނުގައެވެ.  އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރު ކުރައްވާށިއެވެ.

މިނިވަންކަމުގެ ބަޠަލްގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ކަންކަން:

1 –ރާއްޖޭގެ ފުރަތަމަ އެއަރ ޕޯރޓް  ބިނާކުރެއްވުން . (އެއަރޕޯރޓަށް މިހާރު ނަން ދެވިފައިވަނީ އެމަނިކުފާނަށް ނިސްބަތް ކުރައްވައި ، ވޭލާނާ އިންޓަރ ނޭޝަނަލް އެއަރޕޯރޓްގެ ނަމުން)

2- ފުރަތަމަ ފަރަހަރަށް ރާއްޖޭގައި ބްރޯރޑް ކާސްޓް އަދި ޓެލެކާސްޓްގެ ޚިދުމަތް ފެށުން.

3- ފުރަތަމަ ފަހަރަށް ރާއްޖެއަށް ޓޫރިޒަމް ނުވަތަ ފަތުރުވެރިކަން ތަޢާރަފު ކުރުން .

4 – ފުރަތަމަ ފަހަރަށް ރާއްޖޭގައި މަސްބަންދުކުރާ ކާރުޚާނާއެއް ހެއްދެވުން.

5- މަސްވެރި އުޅަނދު ފަހަރުގައި އިންޖީނު އެޅުން.

6- ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލުން.

7 – އަތޮޅު ފިހާރަތަށް އުފައްދާ އެއިން ލިބޭ ނަފާ އަތޮޅުތަކަށް ލިބޭގޮތް ހަމަޖެއްސެވުން.

8- ސެންޓްރަލް ހޮސްޕިޓަލްގެ ނަމުގައި ސިއްހީ ފަރުވާ ދޭ ހޮސްޕޮޓަލެއް ވެރިރަށް މާލޭގައި ބިނާކުރެއްވުން.

9 – ދިވެހި ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައި ދެއްވަން ފެށްޓެވުން.

10 – ރާއްޖޭގައި މުދައްރިސުން ތަމްރީންކުރައްވަން ފެށްޓެވުން.

11- ކީރިތި ޤުރުއާން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުން.

12- އިނގިރޭސި ބަހުން  ދިވެހިރާއްޖޭގެ ނަމަކީ "މޯލްޑިވްސް" ކަމުގައި ހަމަޖެއްސެވުން.

13 – ދިވެހި ޑިޕޮލޮމެޓިކް ޕާސްޕޯރޓް އުފެއްދެވުން.

14- ކޮންމެ އަތޮޅެއްގައި އަތޮޅު ކޯޓް އުފެއްދެވުން.

15- އެއަރ މޯލްޑިވްސް އުފެއްދުން

މިނޫންވެސް ވަރަށް ގިނަ ކަންކަން ސުއްމުލް އަމީރު އިބްރާހީމް ނާސިރު ވަނީ ދިވެހިންނަށް ފަށްޓަވައި ދެއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.