
އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތު 2 ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދް ޞާލިހަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
އެކަމަނާގެ މެސެޖުގައި ކުރިއަށް އޮތް އަހަރު ދިވެހި ރައްޔިތުންނަށް ފާގަތި ދުޅަހެޔޮ ކުރިމަގަކަށް އެދިވަޑައިގެންފައި ވެއެވެ.
ދިވެހިރާއްޖެއަށް މިނިވަންކަން ލިބިފައިވަނީ 1965އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ. އެއީ އިނގިރޭސި ދައުލަތާއި ދިވެހިރާއްޖެއާ ދެމެދު ސޮއެކޮށްފައި އޮތް ޙިމާޔަތުގެ އެއްބަސްވުން އުވާލުމާ ގުޅިގެންނެވެ. އެއްބަސްވުން އުވާލިއިރު ދިވެހިރާއްޖޭގެ ބޮޑުވަޒީރަކަށް ހުންނެވީ ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ކޮޅުނބުގައި ބެއްވި ރަސްމިއްޔާތެއްގައި އެއްބަސްވުން އުވާލި ލިޔުމުގައި ސޮއި ކުރެއްވީ އެމަނިކުފާނެވެ.