ސިފައިންގެ ތަމްރީން މަރުކަޒު ނިންމަން އިންޑިއާއިން 1.7 މިލިއަން ޑޮލަރު ދީފީ

އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ. މާފިލާފުށީގައި ޤާއިމްކޮށްފައިވާ ސިފައިންގެ ތަމްރީނު މަރުކަޒު، އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގެ ފޭސް 1 ފުރިހަމަކުރުމަށް އިންޑިއާ ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި ފައިސާގެ ރަމްޒީ ޗެކު ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއާ ޙާވާލުކުރައްވާފައިވަނީ ބަންޑާރަކޮށީގައި މިއަދު ހެނދުނު 10:00 ގައި ބޭއްވި ރަސްމިއްޔާތުގައެވެ. ރަމްޒީ ޗެކު ޙަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން މިއަދު ހަވާލުކުރެއްވި 1.07 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއަކީ، ޅ.މާފިލާފުށީގައި ޤާއިމްކޮށްފައިހުރި އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގެ ފޭސް 1 ގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ވެދެއްވި އެހީއެކެވެ.

އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި ޅ. މާފިލާފުށީގައި ބިނާ ކުރަމުންދާ ޓްރޭނިންގ ސެންޓަރެވެ. އެ ޓްރޭނިންގ ސެންޓަރު ބިނާކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރު ޢިމާރާތް ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނެނީ ޓްރޭނިންގ ސެންޓަރ، އެޑްމިނިސްޓްރޭޓިވް ބްލޮކް، ތިން އެކަމަޑޭޝަން ބެރެކްސް، ފަޔަރިންގ ޝެޑް، ފަޔަރިންގ ރޭންޖު، ހެލްތު ޕޯސްޓް، އޮބްސްޓެކަލް ބެލްޓް، ދެ ރެކްރިއޭޝަން ބިލްޑިންގ އަދި މިތަންތަންނަށް ބޭނުންވާނެ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމެވެ. މި ސެންޓަރު ބިނާކޮށް ނިމުމުން، އެތަން ވެގެންދާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައި މަރުކަޒަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.