ޖަޕާނުގައި ވެރިކަންކުރާ ކޯލިޝަނުން ގާނޫނުހަދާ މަޖިލީހުގެ މަތީގޭގެ އަޣުލަބިއްޔަތު ހޯދައިފި

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭ

ޖަޕާނުގެ ގާނޫނުހަދާ މަޖިލިސް، ނޭޝަނަލް ޑަޔެޓްގެ މަތީގެ، ހައުސް އޮފް ކައުންސިލާސް އަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވީ އިންތިޚާބު، ބޮޑުވަޒީރު ޝިންޒޯ އާބޭގެ ކޯލިޝަނުން ކާމިޔާބުކޮށްފިއެވެ. އާބޭގެ ކޯލިޝަނަށް އަޣުލަބިއްޔަތު ލިބުނު ނަމަވެސް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ބޭނުންވާ 'ސުޕަ މެޖޯރިޓީ' ނުވަތަ ތިންބައިކުޅަ ދެބައި ގޮނޑި އެ ކޯލިޝަނަށް ކާމިޔާބު ނުކުރެވުނެވެ. ބޮޑުވަޒީރު އާބޭ ވަނީ 'ސުޕަ މެޖޯރިޓީ' ލިބިވަޑައިގެންފިނަމަ ގާނޫނު އަސާސީއަށް ބަދަލުގެންނަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

245 ގޮނޑި ހިމެނޭ މަތީގޭގެ ދެބައިކުޅަ އެއްބައި ގޮނޑި (124) އަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އާބޭގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އިން 57 ގޮނޑި ކާމިޔާބުކުރި އިރު، ކޯލިޝަންގައި ހިމެނޭ ކުޑަ ޕާޓީ، ކޮމެއިޓޯއަށް ކާމިޔާބުކުރެވުނީ 14 ގޮނޑިއެވެ. އިންތިޚާބު ނުބާއްވާ ގޮނޑިތަކުގެ ތެރެއިން 70 ގޮނޑި ކޯލިޝަނުން ކޮންޓްރޯލް ކުރާއިރު، އިއްޔެ ލިބުނު 69 ގޮނޑިއާއެކު ކޯލިޝަނަށް 139 ގޮނޑި ލިބޭނެއެވެ. މިއީ 'ސުޕަ މެޖޯރިޓީ'އަށް 25 ގޮނޑި މަދު އަދަދެކެވެ.

މި އިންތިޚާބުގައި ވޯޓުލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދު މީހުންނެވެ. މިނިސްޓްރީ އޮފް އިންޓާނަލް އެފެއާސްއިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޯޓުލާފައި ވަނީ 48.8 އިންސައްތަ މީހުންނެވެ. މިއީ ޖަޕާނު ތާރީޚުގައި ވެސް ދެވަނަ އެންމެ ދަށް އަދަދެވެ.

ބޮޑު ވަޒީރު ޝިންޒޯ އާބޭގެ ކޯލިޝަނަށް ގާނޫނުހަދާ މަޖިލީހުގެ ތިރީގޭގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު އޮތް ނަމަވެސް، މަތީގޭގެ ތިންބައިކުޅަ ދެބައި ނުލިބި ގާނޫނު އަސާސީއަށް ބަދަލުނުގެނެވޭނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާން ބަލިވެ ހަތިޔާރު ބެހެއްޓުމަށް ފަހު، ހަނގުރާމައިގައި ކާމިޔާބު ހޯދި އެމެރިކާއާއި އެގައުމުގެ ބައިވެރިން ބޭނުންވާ ގޮތަށް ލިޔެފައިވާ 'ސުލްހަވެރި' ގާނޫނު އަސާސީ ބަދަލުކުރުމަކީ އާބޭގެ ވައުދެކެވެ. ޒަމާނާ ގުޅޭ، ޖަޕާނު މިހާރު ހޯދާފައިވާ ތަރައްގީއާ އެކަށީގެންވާ ގާނޫނު އަސާސީއެއް ގެނައުމަށް ބޮޑުވަޒީރު އާބޭ ކުރައްވާ މަސައްކަތަށް މިފަހަރު މިވަނީ ކާމިޔާބު ނުލިބިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.