ފާއިތުވި މާރިޗު މަހު ނިއުޒީލޭންޑުގެ ދެ މިސްކިތެއްގައި ހިންގި ރަހުމްކުޑަ ގަތުލުއާއްމަށް ފަހު، އާއްމުންގެ އަތުގައި ހުރި އޮޓޮމެޓިކް އަދި ސެމީ އޮޓޮމެޓިކް ބަޑި ހަވާލުކުރުމަށް އެ ގައުމުގެ ސަރުކާރުން ގޮވައިލި ގޮވައިލުމަށް އިޖާބަދިނުމުގެ ގޮތުން އެއް ހަފުތާ ތެރޭގައި 10 ހާހަށްވުރެ ގިނަ ބަޑިއާއި ބަޑީގެ ބައިތައް އާއްމުން ސަރުކާރާ ހަވާލުކޮށްފިއެވެ.
ފާއިތުވި އޭޕްރީލް މަހު ފާސްކުރި، ބަޑި ގެންގުޅުން ކޮންޓުރޯލުކުރުމާ ބެހޭ ގާނޫނުގައި ވަނީ އާއްމުން އޮޓޮމެޓިކް އަދި ސެމީ އޮޓޮމެޓިކް ބަޑި ގެންގުޅުމާއި، އާދައިގެ ބަޑި ސެމީ އޮޓޮމެޓިކް ބަޑިއަށް ބަދަލުކުރާބައި ގެންގުޅުން މަނާކޮށްފައެވެ.
އަންނަ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން މިފަދަ ހަތިޔާރު ސަރުކާރާ ހަވާލުކުރަން ޖެހެއެވެ. ބަޑި ހަވާލުކުރާ ފަރާތްތަކަށް ބަދަލުދިނުމަށްޓަކައި 208 މިލިއަން ނިއުޒީލޭންޑް ޑޮލަރު (140.63 މިލިއަން އެމެރިކާ ޑޮލަރު) ގެ ބަޖެޓެއްގެ ކަނޑައަޅާފައެވެ. މިގޮތުން ބަދަލު ދޭއިރު، ބަޑި ގަތް އަގުގެ %95 ސަރުކާރުން ދެއެވެ.
ބަދަލު ދިނުމަށް ފަހު ބަޑި ހޯދުމުގެ ހަރަކާތް ފެށިގެން މިދިޔައީ ކްރައިސްޓްޗާޗުގެ ދެ މިސްކިތެއްގައި ހުކުރު ކުރަން ތިބި މީހުންނަށް އެންމެ މީހަކު އޮޓޮމެޓިކް ބަޑިއެއް ހިފައިގެން ވަދެ ދިން ހަމަލާގައި 51 މީހުން މަރާލިތާ 4 މަސް ފަހުންނެވެ.
ފާއިތުވި ހަފުތާގެ ހޮނިހިރު ދުވަހު ބަޑި ހޯދަން ފެށި ފަހުން 2 ހާސް މީހުން ވަނީ 3 ހާހަށްވުރެ ގިނަ ބަޑިއާއި، ބަޑީގެ 7 ހާހަށްވުރެ ގިނަ ބަޑި ހަވާލުކޮށްފައެވެ. ހަވާލުކުރި ހަތިޔާރަށް ބަދަލުގެ ގޮތުގައި މިހާތަނަށް 6 މިލިއަން ނިއުޒީލޭންޑު ޑޮލަރު (4 މިލިއަން އެމެރިކާ ޑޮލަރު) ދީފައި ވެއެވެ.
5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒީލޭންޑުގައި އާއްމުން 1.5 މިލިއަން ބަޑި ގެންގުޅެއެވެ. ސްމޯލް އާމްސް ސާވޭއިން ބުނާ ގޮތުގައި ނިއުޒީލޭންޑަކީ ދުނިޔޭގައި 17 ވަނައަށް ނިސްބަތުން އެންމެ ގިނަ ބަޑި ގެންގުޅޭ ގައުމެވެ.