"އަނިޔާވެރިކަމަށް ޒުވާނުން އަރައިގަންނަ ސަބަބަކީ މުޖުތަމައުން އެކަހެރިކޮށްލެވޭތީ"

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީގައި، ކުރިއަށް ގެންދިޔަ "ޔޫތު ވަލްނަރަބިލިޓީ އެސެސްމަންޓް" އިފްތިތާޙުކޮށްފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެދުނު ޗަމްޕާ ސެންޓްރަލް ހޮޓެލްގައެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަޙުމަދުދީދީއެވެ.

މި ދިރާސާއަކީ 2018 ވަނައަހަރު ނޮވެމްބަރުން 2019 ވަނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. ދިރާސާގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ޒުވާނުން ހައްދުފަހަނައަޅައިދިޔުމަށް ހުށަހެޅޭ ސަބަބުތައް ދެނެގަތުން ކަމަށް ވެސް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދާޅުވިއެވެ. މި ފޮތް އިފްތިތާޙުކޮށްދެއްވީ ވެސް މިނިސްޓަރ މާރިޔާ އަޙުމަދުދީދީއެވެ.

މި ދިރާސާއިން ދައްކާގޮތުގައި ހައްދުފަހަނައަޅާފައިވާ ފިކުރަށް ހެއްލި އަނިޔާވެރިކަމަށް ގިނަ ޒުވާނުން އަރައިގަންނަ ސަބަބަކީ މުޖުތަމައުން ބާކީކޮށް އެކަހެރިކޮށްލެވޭތީ އާއި ޒުވާނުންނަށް ހުރި ފުރުޞަތުތައް މަދުވުމުންނެވެ. މިހެން މެދުވެރިވަނީ ކޮރަޕްޝަން، ތަޢުލީމާއި ގުޅޭ މައްސަލަތައް، މަސްތުވާތަކެތި، ވަޒީފާ ނުލިބުން، ގެދޮރުވެރިކަން ދަތިވުން، ގޭންގް މާރާމާރި، އަދި ވަޔަލަންޓް އެކްސްޓްރީމިޒަމް ފަދަ ކަންތައްތަކާއި ގުޅިގެން ކަމަށް ބައިވެރިން ފާހަގަކޮށްފައިވެއެވެ.

"މި ހަފްލާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވީ މިއީ އެންމެނަށް ލިބިފައިވާ ރަނުގެ ފުރުޞަތެއްކަމަށެވެ. އަދި އެކަހެރިވެފައި ތިބޭ ޒުވާނުން މުޖުތަމަޢަށް އަނބުރާ ގެނެސް ބާރުވެރިކުރުމާ ޒިންމާދާރު ބަޔަކަށް ހެދުމަށް މި ދިރާސާގައި ހުށަހަޅާފައިވާ ޕޮލިސީ ގައިޑްލައިންސް ތަކަކީ ސަރުކާރުގެ ހުރިހާ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތައް އަދި ވަކި ފަރުދުންވެސް ބަލަންޖެހޭ ކަންތައްތަކެއްކަމަށެވެ."

މި ދިރާސާއިން ހޯދިފައިވާ ހޯދުންތައް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ތައްޔާރު ކުރާ ނޭޝަނަލް އެކްޝަން ޕްލޭން އެކުލަވާލުމުގައި ބޭނުންކުރެވޭނެ ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދާޅުވިއެވެ.

މި ހަފްލާގައި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައާއި،  ޔޫ.އެން.ޑީ.ޕީއިން ދިވެހިރާއްޖެއަށް ކަންޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓެ ރެޕްޒެޓެންޓިވް އަކީކޯ ފުޖީއާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ކައުންޓަރ ޓެރަރިޒަމް ސްޓްއަރިންގ ކޮމިޓީ، ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީ، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން، އަދި ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ އެން.ޖީ.އޯތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.