އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ޢާއްމުކޮށް ހުޅުވައިލައިގެން ބޭއްވި ފުރަތަމަ ޢާއްމު އަޑުއެހުން މިއަދު ނިންމައިލައިފި ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިއަޑު އެހުމަކީ އަޙުމަދު ޢައްފާން ޝާފިޢީ ކިޔާ މީހަކު އިލެކްޝަންސް ކޮމިޝަނުން ބޭނުންވެގެން ހޯދާން އެދެނު މަޢުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޭނާއަށް ނުދެއްވުމުން އެމައްސަލަ އޭނާގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުއްވުމުން ބޭއްވި އަޑުއެހުމެކެވެ.
އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ މިއީ މިފަދަ އަޑުއެހުމެއް ބާއްވަން ޖެހުނު ފުރަތަމަ ފަހަރު ކަމަށެވެ. މިހާތަނަށް އީސީން ފިޔަވާ އެހެންހުރިހާތަނަކުން ވެސް ވަނީ މިފަދަ މައްސަލަތަކުގައި އިންފޮމޭޝަން ކޮމިޝަނަރަށް އެއްބާރުލެއްވުން ދެއްވާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައީސް އޮފީހުން ވެސް އެކޮމިޝަނަށް އެއްބާރު ލެއްވުން ދެއްވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
ޢައްފާން ޝާފިއީ ބޭނުންވި މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން ދޫނުކުރެއްވުމުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރު ބެއްލެވުމަށްޓަކައި މަޢުލޫމާތަށް އެދުމުން ވެސް އެ މަޢުލޫމާތު ނުދެއްވައި އިލެކްޝަންސް ކޮމިޝަނުންވަނީ ހިފަހައްޓަވާފައި ކަމަށް ޢާޒީ ވިދާޅުވިއެވެ. "އަޅުގަނޑުމެންނާ އެ މަޢުލޫމާތު ޙިއްސާ ކުރެއްވިނަމަ މިފަދަ އަޑު އެހުމެއް ނުބާއްވައި މައްސަލަ ނިމުނީސް. އެމަޢުލޫމާތު އަޅުގަނޑުމެންނާ ޙިއްސާ ކުރެއްވިނަމަ އެއީ ހާމަކުރަން ނުޖެހޭ މަޢުލޫމާތެއްނަމަ އަޅުގަނޑުމެންވެސް ހާމައެއް ނުކުރާނެ،" ޢަޒީ ވިދާޅުވިއެވެ. މިހާލަތުގައި މި ފަދަ އަޑުއެހުމެއް ބާއްވާން ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 59 ވަނަ މާއްދާއިން އިންފޮމޭޝަން ކޮމިޝަނަރަށް ލާޒިމުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަމަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުން ހުށަހަޅާން އެންގުމުގެ ބާރު އެ ޤާނޫނުގެ 60 ވަނަ މާއްދާއިން ކޮމިޝަނަރަށް ލިބިދީފައި ވާކަމަށް ވެސް ވިދާޅުވިއެވެ.
މިމައްސަލާގައި އީސީން ވިދާޅުވީ އެ މަޢުލޫމާތު ހާމަ ނުކުރެއްވީ އެއީ ބައެއްގެ ސިއްރުމަޢުލޫމާތުތަކަށްވާތީ ކަމަށެވެ.
މިއަދު ބޭއްވުނު އަޑުއެހުމާ ހަމަ އެއް ފާޑުގެ އަޑުއެހުމެއް މާދަމާ ވެސް އޮންނާނެއެވެ. އެހެންކަމުން މި އަދުގެ އަޑުއެހުމާމެދު ނިންމި ގޮތް އިޢުލާންކުރައްވާނީ މާދަމާގެ އަޑުއެހުމަށް ފަހުގައި ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވަނީ ނިންމަވައިފައެވެ. މިއަދުގެ އަޑުއެހުމަކީ ވަރަށް މުހިއްމު ޤާނޫނީ އަޑުއެހުމެއް ކަމަށް ވިޔަސް މި އަޑުއެހުމަށް މީޑިއާގެ އެއްވެސް ފަރާތަކުން ހާޒިރު ނުވާ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ. އެހެން ނަމަވެސް މި އަޑުއެހުމާ ގުޅޭ ހުރިހާ މަޢުލޫމާތެއް މީޑިއާއާ ޙިއްސާކުރެވި، ގެޒެޓުގައްޔާއި އިންފޮމޭޝާން ކޮމިޝަނަރުގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކުރެވިފައިވެއެވެ.
ޖާގަ އޮތް މިންވަރަކުން އަޑުއަހާން ވަނުމުގެ ފުރުޞަތު ކުރީން ވެސް އޮތީ ހުޅުވައިލައިފައެވެ. މާދަމާ އޮންނަ އަޑުއެހުން ފެށޭ ގަޑިއަކީ 10:00 އެވެ. ޢާއްމުކޮށް ހުޅުވައިލައިގެން ބާއްވާ މި އަޑުއެހުމަށް ހެނދުނު 9:55 ގެ ފަހުން ޢާއްމުންނަކަށް ނުވަދެވޭނެ ކަމަށް ކޮމިޝަނަރު އޮފީހުން ވިދާޅުވިއެވެ.