
ހުޅުމާލޭ ބީޗު ސަރަޙައްދުގައި ހިންގާ ކެފެތައް ޖުލައި 30 ގެ ކުރިން ނަގަން އަނެއްކާވެސް އަންގައިފިއެވެ.
މިފަހަރު އެތަން ހުސްކުރަން އެންގީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހޮޅިތަކެއް އެޅުމަށެވެ. މީގެ ކުރިން ވެސް ވަނީ އެތަނުން ކެފޭތައް ނެގުމަށް އަންގައިފައެވެ. އެހެންނަމަވެސް މުއްދަތު ހަމަވެގެންދިޔައިރު ވެސް އެތަނުން ކެފޭތައް ހުސްކޮށްފައެއް ނުވެއެވެ. މުއަދަތު ހަމަވުމުން އެމީހުންނަށް ވަނީ އަނެއްކާވެސް ވަގުތީ ހުއްދައެއް ދީފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތަން ހުސްކުރުން ފަސްކުރީ އެތަންތަން ހުސްކުރުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސްއްކަތްތަކެއް ކުރަމުންދާތީއެވެ. އެހެންމަވެސް މިފަހަރު ދީފައިވާ މުއްދަތު ހަމަވުމުން އިތުރު ފުރުސަތެއް ނުދޭނެ ކަމަށް އެޗުޑީސީން ވަނީ ވިދާޅުވެފައެވެ.