
ބާރ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތާ ބައްދަލުކޮށް މަޝްވަރާ ކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ ބަންޑާރަނާއިބާ މިއަދު ބައްދަލުކުރައްވައި އެމަނިކުފާނުގެ ޚިޔާލުފުޅު ބައެއް ކަންކަމުގައި ހޯދަވާފައިވާ ކަމަށެވެ.
ބާރ ކައުންސިލްގެ ޤާނޫނު ވުޖޫދަށް އައުމާއެކު އީސީން މިހާރު ގެންދަވަނީ ކައުންސިލްގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އަކުރަމް ވިދާޅުވީ އިންތިޚާބު ބޭއްވުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދާ އެއްކަމަކީ އިންތިޚާބުގެ އުސޫލު އެކަށައެޅުމުގެ މަސައްކަތް ކަމަށެވެ. އެއާ އަދިވެސް އެކަމާ ގުޅޭ އިތުރުކަންކަމުގައި ބަންޑާރަނާއިބާ އެކު މަޝްވަރާ ކުރެއްވި ކަމަށް އަކުރަމް ވިދާޅުވިއެވެ.
"ބާރ ކައުންސިލް އިންތިޚާބުގެ އުސޫލު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އުސޫލު ހަދާ ނިންމާލައި ގެޒެޓު ކުރުމުގެ ކުރިން ބައެއް ކަންކަމުގައި ބަންޑާރަ ނާއިބާ މަޝްވަރާ ކޮށްލީ. އުސޫލާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވުނު،" އަކުރަމް ވިދާޅުވިއެވެ.
ބާރ ކައުންސިލްގެ އިންތިޚާބު ބާއްވާނެ ތާރީޚު މާދަމާ އިޢުލާން ކުރައްވާނެ ކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ.