ހެރިޓޭޖް ސަރވޭގެ އަމަލީ މަސައްކަތް އައްޑޫ ސިޓީގައި ފަށައިފި

މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ މަސައްކަތް އައްޑޫ ސިޓީގައި ފަށައިފިއެވެ. އެމަސައްކަތް ފަށައިފައިވަނީ ޖޫންމަހު 23 ވަނަ ދުވަހުއެވެ. އެމަސައްކަތް ފެށުމުގެ ކުރިން މޯލްޑިވްސް ހެރިޓޭޖު ސާވޭގެ ޓީމުންވަނީ އައްޑޫ ސިޓީގެ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.

އެ މަސައްކަތް ފަށައިފައިވަނީ އައްޑޫ ސިޓީ މީދޫ ކޯގަންނު ޤަބުރުސްތާނުގައެވެ. އެއީ ރާއްޖޭގައި ހުރި އާސާރީ އެންމެ ބޮޑު އެއް ސަރަޙައްދެވެ. "މި ސަރވޭގައި އައްޑޫ ސިޓީގައި ހުރި ހުރިހާ އާސާރުތަކެއް ކިތާބުކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތަށް ޖުމްލަ 3 މަހާއި 4 މަހާއި ދެމެދުގެ މުއްދަތެއް ސަރވޭ ޓީމުން އައްޑޫގައި ހޭދަކުރާނެއެވެ."

ކޯގަންނު ގައި ހިމެނެނީ އާސާރީ ތަރިކައިގެ ތިން ބައެކެވެ. އެއީ ކޯގަންނު ގަބުރުސްތާނާއި ކޯގަންނު މެދު ޒިޔާރަތް އަދި އކޯގަންނު މިސްކިތް ކަމަށް ހެރިޓޭޖު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކޯގަންނު ގައި އޮތް ގަބުރުސްތާނަކީ ވަރަށް ބޮޑު ގަބުރުސްތާނެއް ކަމަށާއި އެ ސަރަޙައްދު އޮތްގޮތުން އެތަން ބޮޑަށް ވައްތަރު ވަނީ އިހުޒަމާނުގެ ބުޑިސްޓްދީނުގެ މޮނާސްޓްރީ އެކުވެންޏަކާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެތަނުގައިހުރި މެދުޒިޔާރަތުގެ ތެރޭގައި ވަރަށް ގިނަ ދުވަސްވީ މަހާނަގައުތައް އެބަހުއްޓެވެ. އެ ގައުތަކުގެ ތެރޭގައި ޙާފިޡުންގެ މަހާނަގައު ކަމަށް ބަލައި އުޅޭ ގައުވެސް އެބަހުރި ކަމަށާއި ކޯގަންނު ޤަބުރުސްތާނު ތެރޭގައި އިހުގެ ދަންނަބޭކަލުންގެ މަހާނަގައުތައް އެބަހުރި ކަމަށް މިނިސްޓްރީވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެތަންތަނަށް ވަނީ ކުދިގެއްލުންތައް ވެފައެވެ.

ވަރަށްގިނަ ދުވަސްވީ ހަތަރު މިސްކިތެއް އެ ޤަބުރުސްތާނުގައި އެބަހުއްޓެވެ. " މި މިސްކިތްތަކަކީ ކޯގަންނު މިސްކިތާއި، އަތަރާ މިސްކިތާއި، ބޯދާ މިސްކިތާއި، ފަނޑިޔާރު މިސްކިތެވެ. 2003މ. ވަނަ އަހަރު، މި ޤަބުރުސްތާނުގެ ވަށާފާރު ލައްވައިފައިވެއެވެ. މި ގަބުރުސްތާނުގެ ބިމުގެ ބޮޑުމިނުގައި 105،000 އަކަފޫޓު އެބަހުއްޓެވެ. މިތަނުގައިވާ ތަންތަން އިމާރާތް ކުރެވިފައިވަނީ ހިރިގަލުންނެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ތާރީޚީ އެންމެ އާޘާރީ އަދި އެންމެ ޤަދީމީ ގަބުރުސްތާނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.