މާލޭގައި ޢިމާރާތް ކުރަން ނިންމި 4 ޓަވަރު ހުޅުމާލެ އަށް ބަދަލުކޮށްފި

ރައީސް ޢަބްދުﷲ ޔާމީންގެ ގެ ސަރުކާރުން ރަސްފަންނުގައި ޢިމާރާތް ކުރަން ނިންމި 28 ބުރީގެ 4 ޓަވަރު ހުޅުމާލެއަށް ބަދަލުކޮށް އެކަމަށް ބޭނުންވާ ބިން ހަމަޖައްސައިފިއެވެ.

މިއީ ކޮރަލްބޮލަވާޑާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އެ މަޝްރޫޢު ހުޅުމާލެއަށް ބަދަލު ކުރަން މިސަރުކާރުން ނިންމެވިއިރު އޭގެ ތެރެއިން އެއް ޓަވަރުގެ ފައުންޑޭޝަންގެ މައިކްރޯޕައިލްސްގެ 13 ޕަސެންޓްވަނީ ނިމިފައެވެ. އަނެއް ތިން ޓަވަރުގެ އެއްވެސް މަސައްކަތެއް ޢަމަލީ ގޮތުން ކުރެވިފައި ނުވެއެވެ. އެހެންނަމަވެސް އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސައިޓުގެ މަސައްކަތް އެކޮށް ވަނީ ނިންމާފައި ކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުން ވިދާޅުވެފައި ވެއެވެ.

އެމިނިސްޓްރީން ޢާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މަޝްރޫޢުގެ އެއްބަސްވުމުގައިވާ ގޮތުގައި މަތީން ޑިވެލޮޕަރއަށް ލިބިފައިވާ ޙައްގެއްގެ ދަށުން ޑިވެލޮޕަރ ވަނީ ބައެއް ޔުނިޓުތައް ތަފާތު 9 ފަރާތަކަށް ވިއްކާލައިފައި ކަމަށެވެ. އެ މުޢާމަލާތުގެ އެވްރެޖުއަގަކީ ތިން ލައްކަ ފަނަރަ ހާސް ތިންސަތޭކަ ފަންސާސް އެމެރިކާ ޑޮލަރެވެ. ޑައުންޕޭމަންޓުގެ ގޮތުގައި އެ 9 ފަރާތުން އެވްރެޖުކޮށް އެއްލައްކަ ހަތަރުހާސް ފަސް ސަތޭކަ ޑޮލަރު ޑިވެލޮޕާއަށް ދައްކާފައިވާ ކަމަށް އެނގެން އެބައޮތް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އެޓަވަރުތައް ރަސްފަންނުގައި ޢިމާރާތް ކުރުމަށް ދީފައިވަނީ 70،000 އަކަފޫޓުގެ ބިމެކެވެ. އެހެން ނަމަވެސް މި ސަރުކާރުން ކޮރަލް ބޮލެވާޑަށް ދީފައިވަނީ 129،000 އަކަފޫޓުގެ ބިމެކެވެ. ރަސްފަންނު ސަރަޙައްދުގައި "މިކްސް ޔޫސް ރެސިޑެންޝަލް ޑިވެލޮޕްމަންޓް" މަޝްރޫޢުއެއް ހިންގުމަށް ޗަންގ ހުއާ ކޮންސްޓްރަކްޝަން (ފަހުން ކޮރަލް ބޮލަވަރޑް ޑިވެލޮޕްމަންޓް) އާ ޙަވާލު ކުރައްވައިފައިވަނީ 2017 ވަނައަހަރު މެއި 28 ވަނަ ދުވަހު ކަމަށެވެ. އެއްބަސްވުން ބުނާގޮތުގައި މަޝްރޫޢުގެ ކޮންސްޓްރަކްޝަން މުއްދަތެއް ގޮތުގައި ކަޑައެޅިފައިވަނީ ކުރެހުން ފާސްކުރާތާ ތިން އަހަރެވެ. ކުރެހުން ފާސްކުރެވިފައިވަނީ 2018 ވަނަ އަހަރު ޖެނުއަރީ 30 ގައެވެ.

މި މަޝްރޫޢު މާލޭގައި ހިންގުމުގެ ބަދަލުގައި ހުޅުމާލެއަށް ބަދަލު ކުރަން މިސަރުކާރުން ނިންމެވީ މާލޭ ތޮއްޖެހުން ޙައްލުކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. އެގޮތަށް ސިޔާސަތު ބަދަލުކޮށް މިއަހަރު ފެބުރުއަރީ 25 ވަނަ ދުވަހުވަނީ އެކަން ކޮރަލް ބޮލަވަރޑަށް އަންގައިފައިވާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. މަޝްރޫޢު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް އެމިނިސްޓްރީއާއި އެޗުޑީސީ މެދުވެރިކޮށް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުމަށް ޑިވެލޮޕަރއަށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

"މަޝްރޫޢުގެ ޑިވެލޮޕަރގެ ފަރާތުން މިހާރު ކުރެވެމުންދާ މަސައްކަތަކީ މަޝްރޫޢަށް މިހާތަނަށް ހިނގާފައިވާ ޚަރަދުގެ ތަފްސީލްތައް ކަނޑައަޅައި، އެޚަރަދުތައް ސަރުކާރުގެ މަޢުލޫމާތަށް ހުށަހެޅުމުގެ ކަންތައްތަކާއި، އަދި ހުޅުމާލޭގައި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ބިމެއްކަޑައެޅުމުގެ މަސައްކަތެވެ." ބިންދޭން ކަނޑައަޅާފައިވަނީ ހުޅުމާލެ ފޭސް އެކަކުންނެވެ.

މަޝްރޫޢުގެ ޑިވެލޮޕަރަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން އެއްވެސް ޙާލަތެއްގައި ޑިވެލޕަރ އާ ނުގުޅިއްޖެ ކަމަށްވާނަމަ އެ މިނިސްޓްރީގެ ރަސްމީ އީ-މެއިލަށް މެއިލް ކުރުމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.