އުރީދޫ ކަލަރ ރަންއާއި ގުޑި މަހާސަމާ ފޯރިގަދަވެފައި މަޖަވާނެ

  މާދަމާއަކީ އައްޑޫސިޓީގެ ރައްޔިތުންނަށް އާދައިގެ ދުވަހަކަށް ނުވާނެއެވެ. އުރީދޫން މިހާރުވަނީ އެދުވަސް ޚާއްސަ ދުވަހެއްގެ ގޮތުގައި ހަދައި އައްޑޫ ރައްޔިތުންނަށް އުފާވެރި ހަފްތާ ބަންދެއް ހޯދައި ދިނުމަށް ފައްކާވެފައެވެ.

އުރީދޫ މޯލްޑިވްސްއިން މާދަމާ އައްޑޫ ރައްޔިތުން އުފާކޮށްދޭނީ އުރީދޫ ކަލަރ ރަން އާއި ގުޑި މަހާސަމާ، އަދި ޓްވިޓްސާފު އައްޑޫ އެޑިޝަނުންނެވެ. މި ޙަރަކާތްތަކުގައި  ބައިވެރިވުމުގެ ދަޢުވަތު އުރީދޫ މޯލްޑިވްސް އިން މިއަދުވަނީ އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް އަރުވައިފައެވެ.

އުރީދޫ ގުޑި މަހާސަމާ، އޮންނާނީ މާދަމާ ހެނދުނު 8.00 އިން 10.00 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައެވެ. މިއީ އުރީދޫ ކަލަރ ރަންގެ ކުރިން ބާއްވާ ސަމާއެކެވެ. މި ޙަރަކާތުގައި ގުޑި އެރުވުން، އަދި ގުޑި ހެދުމުގެ ވޯކްޝޮޕްތަކާއ ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް ހިމެނޭނެއެވެ. އޭގެ އިތުރަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޚާއްސަ ސްޓޯލެއް ހިމެނޭނެ ކަމަށް އުރީދޫން ވިދާޅުވިއެވެ. ހަމައެއާއި އެކު، އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް، ބައްލަވައިގަތުމުގެ ފުރުސަތު އިތުރު ބޭފުޅުންނަށް މި މަހާސަމާގައި ހުޅުވާލާނެ ކަމަށް ވެސް އުރީދޫން ވިދާޅުވިއެވެ.

އުރީދޫ ކަލަރ ރަން، އޮންނާނީ މާދަމާ ހަވީރު 3.30 އިން 6.00 އަށެވެ. އެ ޙަރަކާތްވެސް އޮންނާނީ ހިތަދޫ ސްޓޭޖް ސަރަހައްދުގައެވެ.

މިއީ މަޖާ ތަފާތު ޙަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ ކުރުދުވުމެކެވެ. "މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި ޢާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ." އުރީދޫން ވިދާޅުވިއެވެ.

ޓްވިޓްސާފު އައްޑޫ އޮންނާނީ ޖެހިގެން އަންނަ ހޮނިހިރު ދުވަހު ހަވީރު 3.00 އިން 6.00 އަށް އައްޑޫ ސިޓީގެ އެކި ހިސާބުތަކުގައެވެ. އައްޑޫ ސާފުކުރުމުގެ މި ހަރަކާތުގެ އިފްތިތާޙީ ހަފްލާ ކުރިއަށްދާނީ، ހޮނިހިރު ދުވަހުގެ ހަވީރު 3.00 ޖަހާއިރު، ހިތަދޫ ސްޓޭޖް ސަރަޙައްދުގައެވެ. ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނީ، ހިތަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ ތަފާތު ސަރަހައްދުތަކުގައެވެ.

އެންމެ ޓްވީޓަކުން ފެށި، އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ މި ޕްރޮގްރާމު ރާވާ ހިންގަމުންދަނީ ޓްވިޓްސާފުގެ ވޮލަންޓިއަރުންގެ އެހީގައި ކަމަށް އުރީދޫން ވިދާޅުވެފައިވެއެވެ. މާލެ އަދި ހުޅުމާލޭގައި އިވެންޓުތަކެއް ކުރިއަށްގެންގޮސް، އައްޑޫގެ އިވެންޓާ އެކު ޓްވިޓްސާފުން މިސްރާބުޖަހަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށެވެ.

"ޓްވިޓްސާފުގެ މައިގަނޑު އަސާސަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްރަށުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމުގެ މަޤްސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށެވެ."

ކަލަރ ރަން އައްޑޫ ކުރިއަށްގެންދަނީ ގިނަ ޕާޓްނަރުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު އެވެ.

އުރީދޫ އައްޑޫ ކަލާ ރަންގެ އެކްސްޕޯގެ އެންމެ ފަހުގެ އިވެންޓު މިއަދު ހެނދުނު 10:00 ގައި ވަނީ ފަށައިފައެވެ. މި ޙަރަކާތް މިރޭ 10:00 އާ ހަމައަށް ކުރިއަށްދާނެއެވެ. މިއީ ބައިވެރިންނަށް ކިޓް ޙަވާލުކުރަން ބާއްވާ އިންވެންޓެކެވެ. މީގެ ކުރިން ވަނީ މީގެ  ފުރަތަމަ އިވެންޓު އީކުއޭޓަރ ވިލެޖުގައި ބާއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.