ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި ފަސްމީހަކަށް އަނިޔާ ވެއްޖެ

ހެންވޭރު ގެއެއްގެ ދެވަނަ ބުރީގެ ބެލްކަނިން ބައެއް މަގުމައްޗަށް ވެއްޓި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު އިރު އޮއްސުނުވަގުތު މިޙާދިސާ ހިނގާފައިވަނީ ހ. ރުއްދޮށުގޭގައެވެ. މިޙާދިސާގައި އަނިޔާވި މީހުންނަށް މިހާރު ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.  އެހެންނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް އެނގިފައެއް ނުވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި 16 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އައްފާލް އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އަނިޔާވެގެން ގެނައި ފަސް މީހުންނަށް ތަފާތު އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށާއި އެންމެންވެސް މިވަގުތު "ސްޓޭބަލް" ކަމަށް އޭނާ ވިދާޅުވިއެވެ. އައްފާލް ވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ނުދެއްވައެވެ.

ފުލުހުން ވިދާޅުވީ މިޙާދިސާގައި މީހުންނަށް އަނިޔާވުމުގެ އިތުރަށް މަގުމަތީގައި ޕާކުކޮށްފައި ތިބި ބައެއް ސައިކަލްތަލަށް ވެސް ވަނީ ގެއްލުން ވެފައި ކަމަށެވެ. އެހެންނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އަނިޔާވެފައިވަނީ ބެލްކަނިން ބައެއް ވެއްޓުނު ވަގުތު ސައިކަލްތަކުގެ މަތީގައި ތިބި މީހުންނަށް ކަމަށް ވެސް މަޢުމާތު ލިބިފައިވެއެވެ.

މާލޭގައި މިފަދަ ޙާދިސާތައް ހިނގުން މަދުން ނަމަވެސް ދަނީ އިތުރުވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.