ގައްދޫ ކައުންސިލާ ގަން ޙަވާލުކޮށް ދެއްވުމަށް އެދި ރައީސަށް ހުށަހަޅައިފި

ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގަން (ގައްދޫ ގަން) ގައްދޫ ރަށު ކައުންސިލާ ޙަވާލު ކޮށްދެއްވުމަށް އެދި ކައުންސިލުން ރައީސުލް ޖުމްހޫރިއާއަށް މިއަދު ހުށަހަޅައިފިއެވެ.

ގައްދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙަށް މިކަން ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. މި  ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ޙާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލުން ވަނީ ރައީސާ ޙިއްސާ ކުރައްވައިފައެވެ.

ގައްދޫގަން ކައުންސިލްގެ ދަށަށް ގެންނަން ހުށަހެޅީ ދަނޑުވެރިކަމާއި ސިނާޢީ މަސައްކަތްތަކަށް ޚާއްސަކޮށްގެން އެރަށް  ތަރައްޤީކުރުމަށެވެ. އޭގެ އިތުރަށް އެ ރަށުގެ އެއަރޕޯޓްގެ މަސައްކަތް އަވަސްކޮށްދިނުމާއި، ހޮސްޕިޓަލާއި ރަށުގެ މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިއުމާއި، ގައްދޫގައި ގެސްޓްހައުސް ވިޔަފާރި ތަރައްޤީކުރުމާއި، ގައްދޫގެ ހިއްކި ބިން ސަރަޙައްދު ހިމާޔަތްކުރުމާއި، ރަށާއި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުން ހިމެނެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގައްދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ކައުންސިލުން ހުށަހެޅި ކަންކަމަށް، ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ވީ އެންމެ އަވަހަކަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިބައްދަލު ކުރުމުގައި ގައްދޫ ދާއިރާގެ މަޖިލީސް މެމްބަރު އަޙުމަދު ޒާހިރާއި އަތޮޅު ކައުންސިލްގެ ގައްދޫ ދާއިރާގެ މެމްބަރ އަދި އަތޮޅު ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ރިޒާން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.