ދިޔަވަމުން ދިޔަ ވައިޓް ސްޓަރ އަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރި 90 ފޫޓުގެ "ވައިޓް ސްޓަރ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ފަރަކަށް އަރައި ދިޔަވަމުންދާތީ އެމްއެންޑީއެފުން އެހީތެރިވާން ފަށައިފިއެވެ. އެ ދޯނި އަރައިފައިވަނީ ވ.އާރަށް ކައިރީގައި އޮތް ފަރަކަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ފަތިހު 4:21 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް މާލޭ އޭރިއާގެ ކޯސްޓްގާޑް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" ގައި ކޯސްޓްގާޑްގެ ޑައިވަރުންގެ ޓީމެއް ވަނީ އެސަރަހައްދަށް ގޮސް ދޯންޏަށް އެހީތެރިވާން ފަށައިފައެވެ.

އެ ދޯނި ދިޔަވާން ފެށީ ފަރަށް އަރައި ދޯންޏަށް ލިބުނު ގެއްލުންތަކާއި ގުޅިގެންނެވެ. މި ދޯނި ފަރަށް އެރުމާ އެކު، ދޯނީގެ ފަޅުވެރިން ކުރި މަސައްކަތުން ދޯނި ފުންކޮށް، ވ.އާރަށު ބަނދަރަށް ވަނީ ވައްދާފައެވެ. އަދި ދޯންޏަށް ލިބިފައިވާ ގެއްލުންތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން މިހާރު ދަނީ ބަލަމުންނެވެ.

މިހާދިސާ ހިނގިއިރު އެ ދޯނީގައި، ދިވެއްސަކާއި 4 ބިދޭސީން ތިއްބެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.