
މާލޭގެ އާންމު ފާޚާނާބަރި (ޕޭ ޓޮއިލެޓް) ފާޚާނާއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ އޭމީހާ ފެނިފައިވަނީ މާލޭ ކުރަނގި ގޯޅީގައި ހުންނަ ފާޚާނާ ބަރީގެ ފާޚާނާއެއްގެ ތެރޭގައިހުރި ގޮނޑިއަކަށް ވެއްޓިފައި އޮއްވައި ކަމަށެވެ. ފުލުހުންނަށް އެމަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:35 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މަރުވެފައި އޮއްވާ ފެނުނީ ޢުމުރުން 54 އަހަރުގެ ދިވެއްސެކެވެ.
ފުލުހުންނަށް އެ ޚަބަރު ލިބުމާއެކުވަނީ އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ގެންދިޔާއިރު ވެސް ވަނީ މަރުވެފައި ކަމަށް އޭޑީކޭ ހޮސްޕިޓަލާ ޙަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިހާރު ގެންދަވަނީ މިމައްސަލަ އިތުރަށް ބަލަމުންނެވެ. މަރުވެފައިވާ މީހާގެ އިތުރު މަޢުލޫމާތެއް ފުލުހުން ނުދެއްވައެވެ.