ދުނިޔޭގެ އެކި ހިސާބުތަކާ ގުޅިފައިވާ ދިވެހިންގެ ސަގާފަތާއި ސަގާފީ ތާރީޚު މާނަކުރުން ހަނިކުރެވިފައިވާތީ އެކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތް ވަރުގަދަކުރުމަށް ޘަޤާފީ ޙައްޤުތަކުގެ ދާއިރާއިން އދއިން ކަނޑައަޅާފައިވާ ޚާއްސަ ރެޕަޓުއަރ ކަރީމާ ބެނޫން ފާހަގަ ކުރައްވައިފިއެވެ.
އޭނާ މިކަން ފާހަގަ ކުރައްވައިފައިވަނީ ރާއްޖެއަށް ކުރެއްވި ޒިޔާރަތަށްފަހު މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކާބެހޭ ގޮތުން އެކުލަވާލެއްވި ރިޕޯޓުގައެވެ.
އޭނާ ފާހަގަ ކުރައްވާފައިވާ ކަންކަމަށް ބަލާއިރު ރާއްޖޭގައި އުޅޭ ބިދޭސީންނަށް، އެމީހުންގެ އާދަކާދައާއި ސަގާފަތް އެމީހުންގެ ތެރޭގައި ދިރުވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އިރުޝާދު ދެއްވާފައިވެއެވެ. އަދި އެމީހުންނަށް ދިވެހީންނާއެކު ދިވެހި މުޖުތަމަޢާ ގުޅިގެން އުޅުމަށް ފަސޭހަވާނެ ފަދަ ކަންކަން ފަހިކޮށްދިނުމަށް ވެސް އިރުޝާދު ދެއްވާފައިވެއެވެ. އެކަން ކުރުމަށް ދިވެހި ބަސް ދަސްކޮށްދޭ ޚާއްސަ ކުލާސްތަކެއް ހިންގިދާނެ ކަމަށް ވެސް އޭނާ ވަނީ އިރުޝާދު ދެއްވައިފައެވެ. އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ޤައުމީ ދާރުލްއާސާރަށް ބަޔަކު ވަދެ، ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލައިގެ ފުރިހަމަ ތަހުޤީޤުކޮށް، އެކަން ކުރި ބަޔަކާމެދު ފިޔަވަޅު އެޅުމަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އަސާރީ ބިނާތަކަށާއި ތަރިކައަށް އެކިއެކި ގެއްލުން ދީފައިވާ، އަދި ދޭ ފަރާތްތަކާއިމެދުވެސް ފިޔަވަޅު އެޅުމަށް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ. އޭގެ އިތުރަށް ފަތުރުވެރިކަމާއި، ޢުމްރާނީ ތަރައްޤީއަށް ހިންގާ އެކި މަޝްރޫޢުތައް ރޭވާއިރު ސަޤާފަތަށް އަތުވެދާނެ ނޭދެވޭ ބަދަލާބެހޭ ދިރާސާއަކާއި ތަރިކައާ ބެހޭ ސާވޭއެއް ކުރުމަށް ވަނީ ލާޒިމު ކުރައްވައިފައެވެ.
މިފަދަ ކަންކަމަށް މީހުން ހޭލުންތެރި ކުރުމާއި ތަރިކައިގެ ޤައުމީ ސަރވޭއެއް ހެދުމާއި، ސަޤާފަތާއި ތަރިކަ ރައްކާތެރިކޮށް، ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމާއި، ތާރީޚާއި، އާކިއޮލޮޖީ އަދި ކޮންޒަވޭޝަން އާއި ގުޅޭ ޚާއްސަ ތަމްރީނުތައް ހިންގުމާއި، ތާރީޚާއި ތަރިކައިގެ ދާއިރާއިން އާންމު އުސޫލުތައް ކަނޑައެޅުމަށް އެ ރިޕޯޓުގައި އިރުޝާދު ދީފައިވާ ކަމަށް ހެރިޓޭޖު މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ސަގާފަތާއި ގުޅޭ ސިޔާސަތުތައް ކަނޑައެޅުމާއި އެ ދާއިރާގެ ޚިދުމަތްތައް ދިނުމުގައި ވީހާވެސް ބޮޑަށް އާންމު ރައްޔިތުން ބައިވެރިކުރުމަށާއި، ސަޤާފީ އިތުރު މަރުކަޒުތައް ޤާއިމްކޮށް، ސަޤާފީ ހަރަކާތްތައް ހިންގޭނެ މަގު ތަނަސްކޮށްދީ މިހާރު ހުރި އެފަދަ މަރުކަޒުތައް ތަރައްޤީކޮށް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު ތަޢުލީމީ ނިޒާމުގެ ތެރެއިން، ދިވެހި ބަހާއި، ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަ ދެއްކުމަށް ބޭނުންކުރާ އެ ބަހުގެ ބަހުރުވަތައް ދިރުވައި، ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ވެސް އޭނާ ވަނީ އިރުޝާދު ދެއްވައިފައެވެ.
އެރިޕޓުގައިވަނީ ސަޤާފަތާއި ތަރިކަ ޙިމާޔަތް ކުރުމަށް ރާއްޖެއިން ކުރައްވާ ކަންކަމަށް ތަޢުރީފުވެސް ކުރައްވައިފައެވެ. އެގޮތުން ރާއްޖޭގެ ފަންނުވެރިކަމާއި ސަޤާފަތާއި ތަރިކައަށް ޚާއްސަކޮށްގެން މިނިސްޓްރީއެއް އުފައްދާފައިވާތީ ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި އެމިނިސްޓްރީން މަދު މުވައްޒަފުންނާއެކު ފުރިހަމަ މަސައްކަތްތަކެއް ކުރައްވާކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
އޭގެ އިތުރަށް ރ. އަތޮޅުގައި ރިސޯޓެއް ހެދުމަށް ރަށެއް ދޫކޮށްފައި ވަނިކޮށް، އެ ރަށަކީ އާސާރީ ތަރިކަ ހުރި ރަށެއްކަމުން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްއިން އެކަން ބަލައި، އެ އާސާރީ ތަރިކަ ރައްކާތެރިކުރުމަށް ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، "ދިވެހިރާއްޖޭގަ ޘަޤާފީ ތަރިކަ ރައްކާތެރިކުރުމުގެ ބިލް"، ޤާނޫނަކަށް ވުމުން، ސަޤާފީ ތަރިކަ ރައްކާތެރި ކުރުމަށް ވަރުގަދަ އޮނިގަނޑެއް އެކުލަވައިލެވޭނެކަން އޭނާ ފާހަކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅެމުންދާ ދިވެހީންވެސް ދިވެހި ސަޤާފަތް ދިރުވައި އާލާ ކުރަން ކުރަމުންދާ މަސައްކަތުގައި ޝައުޤުވެރިކަމާއެކު ބައިވެރިވާން ތައްޔާރަށް އެ މީހުން ތިބޭކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.
ފަންނުވެރިކަން ދިރުވުމަށްޓަކައދާއިމީ އާޓް ކަލެކްޝަނަކާއި ނޭޝަނަލް އާޓް ގެލެރީގެ ފެންވަރު ރަނގަޅުކޮށް، ގެލެރީގައި ފަންނުވެރިންގެ މަސައްކަތް ދެއްކޭނެ ރަނގަޅު އިންތިޒާމްތަކެއް ހަމަޖެއްސުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާތީ އެކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައި ކަމަށް ހެރިޓޭޖު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.