އެމެރިކާގެ ބަނދަރަކުން 1 ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި

އެމެރިކާގެ ޕެންސިލްވޭނިޔާ ސްޓޭޓްގެ ފިލަޑެލްފިޔާގެ ބަނދަރެއްގައި އޮތް ބޯޓަކުން 1 ބިލިއަން ޑޮލަރުގެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ޔޫއެސް އެޓާނީ ޖެނެރަލްގެ ފިލަޑެލްފިޔާ އޮފީހުން ކުރި ޓުވީޓެއްގައި ވާގޮތުން އެންފޯސްމަންޓް އެޖެންޓުން ވަނީ އިއްޔެ ހަވީރު ޕެކާ މެރިން ޓާމިނަލްގައި އޮތް ކޮންޓޭނާ އުފުލާ އާގުބޯޓަކުން 15 މެޓްރިކް ޓަނުގެ ކޮކޭން އަތުލައިގެންފައެވެ. މި ތަކެތީގެ މަގުމަތީ އަގު 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ. ބޯޓުގެ ފަޅުވެރިން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއާއި، ކަސްޓަމްސްއާއި، ބޯޑާ ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި މަސްތުވާތަކެތި އަތުލައިގަތީ ކޮން ބޯޓަކުންކަން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، އެ ބޯޓުގެ އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެއީ އެމްއެސްސީ ގަޔޭން ނަމަކަށް ކިޔާ ބޯޓެކެވެ. ލައިބީރިޔާގައި ރަޖިސްޓަރީކޮށްފައިވާ މި އާގުބޯޓު ފިލަޑެލްފިޔާއަށް ގޮސްފައިވަނީ ޗިލީން ފުރަގެން، ޕެނަމާ މަގުން އައިސް، ބަހާމާސްގެ ފްރީޕޯޓުން ފުރައިގެންނެވެ. ފިލަޑެލްފިޔާއިން ފުރައިގެން އެބޯޓު ދާން އޮތީ ފްރާންސަށާއި، ނެދަލޭންޑްސްއަށެވެ.

ބޯޓުގެ ވެރިފަރާތް، ސުވިޒަލޭންޑްގެ މެޑިޓަރޭނިއަން ޝިޕިންގް ކޮމްޕެނީ (އެމްއެސްސީ) އިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފިލަޑެލްފިޔާގެ ބަނދަރުން ފެނުނު މަސްތުވާތަކެތީގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގައެވެ.

ޚަބަރުތައް ބުނާ ގޮތުގައި މަސްތުވާތަކެތި ހުރި ހަތް ކޮންޓޭނާ އެބޯޓުން އަތުލައިގެންފައި ވެއެވެ.

މިކަމާ ގުޅިގެން ފެންސިލްވޭނިޔާގެ ސެނެޓަރު ބޮބް ކޭސީ ވަނީ ޓްރަމްޕް ގެންގުޅުއްވާ ފާރު ބިނާކުރުމުގެ ސިޔާސަތާ މެދު ސުވާލު އުފައްދަވާފައެވެ.

"މި ހާދިސާއަކީ ރައީސު ކުރިން ދައުވާކުރެއްވި ފަދައިން، ފާރު ބިނާކުރުމުން އެމެރިކާއަށް މަސްތަވާތަކެތި 'އޮހުން' ނުހުއްޓުވޭނެކަމުގެ އިތުރު ދަލީލެއް" އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.