ރާއްޖޭގެ ސިއްޙީ ދާއިރާއަށް 36 އަހަރު ޚިދުމަތް ކޮށްދެއްވި ޑރ. ފަރްޒާނާ ޚާތޫން އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.
އެ ދަފުތަރު ހުޅުވައިފައިވަނީ މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނާއި މޯލްޑިވިއަން ބުލަޑު ސާވިސް ގުޅިގެންނެވެ. ދަފުތަރު ބާއްވާފައި އޮތީ މޯލްޑިވިއަން ބުލަޑު ސަރވިސަސްގެ ތެލަސީމިއާ ވޯޑުގައެވެ.
މި ދަފުތަރު ހުޅުވާފައި އޮންނާނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް ކަމަށް މޯލްޑިވިއަން ބުލަޑްސާވިސަސް އިން ވިދާޅުވިއެވެ.
ޑރ. ފަރުޒާނާ ޚާތޫންއަކީ ޕާކިސްތާނަށް އުފަން ބޭފުޅެކެވެ. އޭނާ ކައިވެނި ބައްލަވައިގެން އުޅުއްވީ ކަރުންމަތީގެ ޚާއްސަ ޑޮކްޓަރ އަލްމަރުޙޫމް މުޙައްމަދު ވަޙީދާއެވެ.
ފަރުޒާނާ ވަނީ ތެލެސީމިއާ ސެންޓަރުގައި 21 އަހަރު ޚިދުމަތް ކުރައްވައިފައެވެ. 1979 ވަނައަހަރު އޮކްޓޯބަރުމަހުން ފެށިގެން އޭނާވަނީ ސެންޓްރަލް ހޮސްޕިޓަލުގެ ހައުސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އަދި 1980 ވަނަ އަހަރު ނޮވެމްބަރުމަހުން ފެށިގެންވަނީ ސީނިއަރ ހައުސްއޮފިސަރެއްގެ ގޮތުގައި އެތާގައި މަސައްކަތް ކުރައްވައިފައެވެ. 1990 ވަނަ އަހަރު ވަނީ ސެންޓްރަލް ހޮސްޕިލްގެ ރެޖިސްޓްރަރ އިން މެޑިސިންގެ މަޤާމު ފުރުއްވައިފައެވެ. 1992 ވަނައަހަރު އޮގަސްޓުން ފެށިގެންވަނީ މާލޭ ސިއްޙީމަރުކަޒުގެ ރަޖިސްޓްރަރ އިން މެޑިސިންގެ މަޤާމު ވެސް އަދާކުރައްވައިފައެވެ. ނެޝަނަލް ތެލެސީމިއާ ސެންޓަރުގައި މަސައްކަތް ކުރައްވަން ފަށްޓަވައިފައިފަނީ 1994 ވަނަ އަހަރު ޑިސެމްބަރ 29 ގައެވެ. އެތަނުގައި ވެސް ފުރަތަމަ އަދާކުރެއްވީ ރަޖިސްޓްރަރ އިން މެޑިސިންގެ މަޤާމެވެ. އެ ސެންޓަރުގެ ސީނިއަރ ރަޖިސްޓްރަރ އިން މެޑިސިންގެ މަޤާމު އަދާކުރައްވަން ފެއްޓެވީ 2002 ވަނަ އަހަރު ޖުލައި 16 ގައެވެ. އެފަހުން މޯލްޑިވިއަން ބުލަޑް ސާވިސްގެ ސީނިއަރ ރަޖިސްޓްރަރ އިން މެޑިސިންގެ މަޤާމުވަނީ 2012 ވަނަ އަހަރު ނޮވެމްބަރ 1 އިން ފެށިގެން އަދާކޮށްފައެވެ. އަދި 2014 ވަނަ އަހަރު މެއިމަހު 1 އިން 2015 ވަނަ އަހަރުގެ ނޮވެމްބަރ 3 އަށް ވަނީ އެތަނުގެ ކޮންސަލްޓެންޓް އިން މެޑިސިންގެ މަޤާމު ފުރުއްވައިފައެވެ. އޭނާ އަވަހާރަވީ އިނގިރޭސިވިލާތުގައެވެ.