ނިއުޒީލޭންޑުގައި ގަތުލުއާއްމު ހިންގި މީހާ ހުރިހާ ދައުވާއަކަށް އިންކާރުކޮށްފި

ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތެއްގައި ހުކުރު ނަމާދަށް ތިބި މީހުންނަށް ފާއިތުވި މާރިޗު މަހުގެ 15 ވަނަ ދުވަހު ހަމަލާދީ 51 މީހުން މަރާލި ބްރެންޓަން ޓެރަންޓް އޭނާގެ މައްޗަށް އުފުލިފައިވާ ހުރިހާ ދައުވާއަކަށް އިންކާރުކޮށްފިއެވެ.

ޓެރަންޓު ބަންދުކޮށްފައި ހުރި އޯކްލޭންޑުގެ ހައި ސެކިއުރިޓީ ޖަލާ އޯޑިއޯ ވިޝުއަލް ލިންކަކުން ގުޅާލައިގެ ކްރައިސްޓްޗާޗް ހައިކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި އޭނާ އެއްވެސް ވާހަކައެއް ނުދައްކައި ހަނުހުރީއެވެ. އެހެންނަމަވެސް ޓެރަންޓްގެ ވަކީލު ޝޭން ޓެއިޓް ބުނީ އޭނާ "ހުރިހާ ދައުވާއަކަށް އިންކާރުކުރާ" ކަމުގައެވެ.

ޓެރަންޓްގެ މައްޗަށް މީހަކު މަރާލުމުގެ ކުށުގެ 51 ދައުވާއާއި، މީހަކު މަރާލަން އުޅުނުކަމުގެ ކުށުގެ 40 ދައުވާއާއި، ޓެރަރިޒަމްގެ ކުށުގެ އެއް ދައުވާ އުފުލިފައި ވެއެވެ. މި ދައުވާތަކުގައި އޭނާގެ މައްޗަށް ހިންގޭ، ހައެއްކަ ހަފުތާއިން ނިމޭނެ ކަމަށް ބެލެވޭ ޝަރީއަތް ފަށާނީ 2020 ވަނަ އަހަރުގެ މޭ މަހުގެ 04 ވަނަ ދުވަހުކަމަށް ފަނޑިޔާރު އިއުލާންކުރެއްވިއެވެ. ފަނޑިޔާރު އިތުރަށް ވިދާޅުވީ ދުއުވާގެ މުރާޖައާ އަޑުއެހުމެއް އަންނަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ. އަދި ޓެރަންޓު ހުންނާނީ ޖަލު ބަންދުގައި ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމުގައިވާ ޓެރަންޓުގެ ފަރާތުން އޭނާގެ ވަކީލު ޓެއިޓް ދައުވާތަކަށް އިންކާރުކުރުމާއެކު ޖަލާ ގުޅިފައި ހުރި އޯޑިއޯ ވީޑިއޯ ލިންކް ކަނޑާލައިފިއެވެ. ޓެރަންޓް ވާހަކަދައްކަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.

މިއަދުގެ އަޑުއެހުމަށް އާއްމުންގެ 140 މީހުން ހާޒިރުވެފައި ތިއްބެވެ. މުޖުރިމު އޭނާގެ މައްޗަށް އުފުލުނު ހުރިހާ ދައުވާއަކަށް އިންކާރުކުރުމުން ކޯޓަށް ހާޒިރުވެ ތިބި މީހުންގެ ފަރާތުން ނުރުހުމުގެ ޝުއޫރުތައް ފެނިގެން ގޮސްފައި ވެއެވެ.

ހައިކޯޓުގެ ފަނޑިޔާރު ޖަސްޓިސް ކެމަރޯން މޭންޑާ ވިދާޅުވީ ޓެރަންޓުގެ ނަފްސާނީ ޓެސްތައް ހަދާފައިވާ ކަމަށާއި، ޝަރީއަތް ކުރިއަން ނުގެންދެވޭ ފަދަ ނަފުސާނީ އެއްވެސް މައްސަލައެއް އޭނާގެ ނެތްކަމަށް ޑޮކްޓަރުން ނިންމަވާފައިވާ ކަމުގައެވެ.

ކްރައިސްޓްޗާޗުގެ އައްނޫރު މިސްކިތާއި ލިންވުޑް މިސްކިތުގައި މުސްލިމުންނާ ދެކޮޅަށް ޓަރަންޓް ހިންގި ގަތުލުއާއްމަކީ ނިއުޒީލޭންޑުގެ ތާރީޚުގައި މީހަކު ހިންގި އެފަދަ އެންމެ އަނިޔާވެރި އަމަލެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.