ޝްހޫރު ފްރެންޗައިޒް ޝޯވް، 'މާސްޓާރ ޝެފް' ދެއްކުމަށް ތައްޔާރު ވަމުންދާ ކަމަށް ޕީއެސްއެމް އިން ބުނެފިއެވެ.
ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޒުވާނުންގެ ހުނަރު ދައްކާލުމަށް ފުރުސަތު ހޯދައިދިނުމަކީ އެކުންފުނިން ކުރަމުން އަންނަ ކަމެއް ކަމަށެވެ. މިއީ ވެސް ޒުވާނުންނަށް ފުރުސަތު ހޯދައި ދިނުމަށް ކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރި ކަމުގެ ދައިރާގައި މިހާރުވެސް ހަރަކާތްތެރިވާ ގިނަ ޝެފުންނަކީ ބިދޭސީން ކަމަށާއި އޭގެ ބަދަލުގައި ދިވެހީންނަށް މިދާއިރާއިން ވަޒީފާގެ ފުރުސަތު މަގުފަހި ކޮށްދިނުމަކީ މިފަދަ ޝޯއެއް ތައާރަފު ކުރުމުގެ އެއްބޭނުން ކަމަށް ވެސް ބުނެފައިވެއެވެ.
ޕީއެސްއެމް އިން ބުނެފައިވާ ގޮތުގައި މޯލްޑިވިއަން އައިޑަލް ފަދަ ބިޔަ ފްރެންޗައިޒް ޝޯއެއް ކާމިޔާބު ކަމާއި އެކު ގެނެސްދެވުމަކީ އެކުންފުނީން މިފަދަ ބޮޑު ޝޯއެއް ގެނެސްދެވިދާނެކަން ވަރަށް ބޮޑަށް ދަލީލު ކޮށްދޭ ކަމެއް ކަމުގައެވެ.
އެކުންފުނީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުން މިޝޯވް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް، މިޝޯވްގެ ބައިނަލްއަޤްވާމީ ރައިޓްސް ވިއްކާ ކުންފުނި ކަމައްވާ 'އެންޑެމޮލް ޝައިން ގްރޫޕް' އިން ފޯމެޓް ގަނެފައިވާ ކަމަށެވެ. ޕީއެސްއެމް އިން މައުލޫމާތު ދިން ގޮތުގައި މިޝޯވްގެ ޒަރީއްޔާއިން، ކެއްކުމުގެ ހުނަރު ތަރައްޤީ ކޮށް މިދައިރާގެ އެންމެ ތަޖުރިބާކާރު ފަރާތްތަކުގެ އިރުޝާދު ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.
އެމެރިކާގައި 2010 ވަނަ އަހަރު ދައްކަން ފެށި މިޝޯވްގެ 9 ވަނަ ސީޒަނާއި ހަމައަށް ގޮސްފައި ވާއިރު، މިއީ ދުނިޔޭގައި އެންމެ މަޤްބޫލް ކެއްކުމުގެ ޝޯވް ކަން ފާހަގަ ކޮށްލެވެއެވެ. އަދި މިޝޯވްގެ ޒަރީއްޔާއިން ކެއްކުންތެރިންގެ ހުނަރު ފާހަގަވެ ގިނަ ފުރުސަތުތަކެއް އެފަރާތްތަކަށް ލިބިގެން ދެއެވެ.