މޯދީގެ ތަޤުރީރު ހިންދީ ބަހުން

މިއަދު ރާއްޖެ ވަޑައިގަންނަވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިރޭ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވާނީ ހިންދީ ބަހުން ކަމަށް މަޖިލިސް އިދާރާއިން ކަށަވަރުކޮށް ދީފިއެވެ.

ރައްޔިތުންގެ މަޖިލިސްގެ މީޑިޔާ ޑިރެކްޓަރ ހަސަން ޒިޔާދު ވިދާޅުވި ގޮތުގައި މިރޭ މަޣްރިބް ނަމާދަށް ފަހު 6:4 ގައި މޯދީ މަޖިލީހުގައި ހިންދީ ބަހުން ތަޤުރީރު ކުރައްވާއިރު އެވަގުތު މަޖިލީހުގައި ތިއްބަވާ މެމްބަރުންނަށް މޯދީގެ ވާހަކަފުޅުގެ ދިވެހި ތަރުޖަމާ ވަގުތުން އިވިގެންދާނެ އިންތިޒާމު މަޖިލީހުން މިހާރު ވަނީ ހަދައިދެއްވާފައެވެ.

މޯދީ މިރޭ ދެއްވާ ތަޤުރީރުގެ ކުރިން މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދުވެސް ރޭ ވަނީ މަޖިލީހުގައި މެމްބަރުން ހިމެނޭ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާވެސް މަޝްވަރާ ކުރައްވާފައެވެ. މަޣްރިބް ނަމާދު ވަގުތަށް މޯދީގެ ތަޤުރީރު ދިމާވެދާނެ ކަމުގެ ކަންބޮޑުވުންތައް ބަޔެއް މެމްބަރުން ކުރިން ފާޅު ކުރެއްވުމާއެކު މިހާރު ތަޤުރީރު 6:45 އަށް ހަމަޖެއްސުމުން އެކަންބޮޑުވުންތައްވެސް މިހާރު ވަނީ ފިލާފައެވެ. މަޖިލިސް އިދާރާއިން ބުނީ އިޝާ ނަމާދަށް ބަންގި ގޮވުމުގެ ކުރިން މޯދީގެ ތަޤުރީރު ނިންމަވާލައްވާނެ ކަމަށެވެ.

ބޮޑުވަޒީރު މޯދީ މިއަދު ރާއްޖެ ވަޑައިގަންނަވާނީ މެންދުރުފަހު 3:05 ހާއިރުއެވެ. އެއަށްފަހު މާލެ ވަޑައިގަންނަވާނީ 3:30 ގައެވެ. އެމަނިކުފާނު މާލެ ވަޑައިގަތުމުން ރަސްމީކޮށް މަރުޙަބާ ދެއްނެވުން ޖުމްހޫރީ މައިދާނުގައި ކުރިޔަށް ދާނެއެވެ. އެ ރަސްމިއްޔާތަށް ފަހު ދެން އެމަނިކުފާނު 4 ޖަހާއިރު ވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

4 ޖަހާއިރު ރައީސް އޮފީހުގައި ދެގައުމުގެ ރަސްމީ މަޝްވަރާތައް ފެށިގެންދާނެއެވެ. އަދި ދެގައުމުގެ މެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމާއި، މުހިންމު މަޝްރޫއުތަކެއް އިފްތިތާހު ކުރުންވެސް އޮންނާނީ މިރަސްމިއްޔާތުގެ ތެރެއިން 5:30 ހާއިރުއެވެ.

ރައީސް އޮފީހުގައި އޮންނަ ދެގައުމުގެ ރަސްމީ ބައްދަލުވުމަށް ފަހު ދެން ބޮޑުވަޒީރު މޯދީ ވަޑައިގަންނަވާނީ 6:00 ގައި ރައްޔިތުންގެ މަޖިލިސް އިދާރާއަށެވެ. އެތަނަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލު ކުރައްވާނެއެވެ. އެއަށް ފަހު 6:45 ގައި މޯދީގެ ތަޤުރީރު ފައްޓަވާނެއެވެ.

ބޮޑުވަޒީރުގެ ދަތުރުފުޅުގައި މިރޭ 9 ޖަހާއިރު އޮންނާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް ދެއްވާ ރަސްމީ ޖާފަތެކެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.