
ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެމީހުން ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.
އެކޯޓުން މިރޭ ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެނައުމުން ދެ މީހުން ދޫކޮށްލީ ޤާނޫނާ ޚިލާފަށް ބަންދު ކޮށްފައިވާތީ ކަމަށެވެ. "ޤާނޫނާ ޚިލާފަށް އެ ދެފަރާތް ބަންދުކޮށްފައިވާތީ ކްރިމިނަލް ކޯޓުން އެ ދެމީހުން މިނިވަން ކުރުމަށް ކުރި އަމުރު އިސްތިއުނާފު ކުރުމުގެ ބަދަލުގައި ހުޅުމާލެ ކޯޓުން އައު ހައްޔަރު އަމުރުތަކެއް ނަގައި އެ ދެފަރާތް ހައްޔަރުކޮށްފައި އޮންނަ އޮތުމާއި އަދި ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވެސް އެ ދެފަރާތް ދޫކޮށްލުމަށް އަމުރު ކޮށްފައިވަނީ ބަންދަށް އެދުމުގައި ފުރިހަމަވާންޖެހޭ އިޖުރާއްތު ފުރުހަމަކޮށްފައި ނުވާތީ ކަމަށް ވާހިނދު މައްސަލައިގެ ތަޙުޤީޤުގައި ހިމެނޭ ފުލުހުން ޢަމަލުކުރަމުންދާ ގޮތުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރީތީ މިކަން މޯލްޑިވްސް ޕޮލިސް ސާވިސްއާއި ކަމާބެހޭ އެހެނިހެން މުޢައްސަސާތަކުގެ އިތުރުން ޢާއްމު އެންމެހާ ރައްޔިތުންގެ ސަމާލު ކަމަށްޓަކައި ދެންނެވީމެވެ." ކޯޓުން ވިދާޅުވެފައިވެއެވެ.
ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ބަންދުކުރި ދެމީހުންގެ ތެރޭގައި ހިމެނޭ ޢުމުރުން 52 އަހަރުގެ މީހާ ބަންދުކޮށްފައިވަނީ އެއްވެސް ތުހުމަތެއް އޮވެގެން ނޫންކަމަށާއި އޭނާ ބަންދުކޮށްފައިވަނީ އޭނާގެ 25 އަހަރުގެ ދަރިފުޅު މަސްތުފާތަކެއްޗަށް ޒިންމާ ނަގާފައި ނުވާތީ ކަމަށް ފުލުހުން ވަނީ ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައި ކަމަށެވެ. އޭނާގެ ބަންދާބެހޭ ފޯމު ބެލިއިރު އޭގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމުން ވެސް އެކަން އިތުރަށް ކޯޓަށް ކަށަވަރު ވެފައި ކަމަށް ވެސް ކޯޓުން ވިދާޅުވެފައވެއެވެ. އެމީހާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ބެންޒޯއަށް ޕޮޒިޓިވް ވެފައިވަނީ އޭނާއަކީ ނަފްސާނީ މައްސަލައަކަށް ބޭސްކާ މީހަކަށް ވާތީ ކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި ޕޮޒިޓިވްވެފައިވާ ބާވަތަކީ ބޭހެއް ކަމަށާއި އެކަމާބެހޭ ލިޔުންތައް ވެސް ހރި ކަމަށް ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެން ކަމުން އޭނާ ދޫކޮށްލައިފައިވަނީ ޝަރީޢަޔުގެ މަޖިލީހުގައި ފުލުހުން ދީފައިވާ މި މަޢުލޫމާތުގެ މައްޗަށް ކަމަށް ވެސް ކޯޓުން ވިދާޅުވެފައިވެއެވެ.
ޢުމުރުން 25 އަހަރުގެ ފިރިހެން މީހާން ބަންދު ކުރުމަށް ހުޅުމާލެ ކޯޓުން ދީފައިވާ އޭނާ ބަންދު ކުރުމުގެ އަމުރާއި އޭނާ އުޅޭތަން ބަލައި ފާސްކުރުމުގެ އަމުރުގައި އަމުރު ނެރެދެއްވި ފަނޑިޔާރުގެ ނަންފުޅު ވެސް ނެތް ކަމަށް ކޯޓުން ވިދާޅުވެފައިވެއެވެ. އެހެން ކަމުން އެއީ ފަނޑިޔާރަކު ނެރުއްވި އަމުރެއްކަން އެނގެންނެތް ކަމަށް ވެސް ބަޔާނުގައި ވެއެވެ. ކޯޓުން ނެރޭ ހައްޔަރު ކުރުމުގެ އަމުރާއ ބަލައި ފާސްކުރުމުގެ އަމުރުގައި އަމުރު ނެރޭ ފަނޑިޔާރެއްގެ ނަން އޮތުން ލާޒިމް ކޮށްފައިވާކަން ޖިނާޢީ އިޖުރާތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) 12 ވަނަ ނަމްބަރަށާއ އެޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަމްބަރަށް ބެލުމުން އެފަދަ އަމުރުނެރޭ ފަނޑިޔާރެއްގެ ނަން އޮންނަންޖެހޭކަން ލާޒިމު ކޮށްފައިވާކަން އެނގެން އޮންނަ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އެހެން ކަމުން ފުލުހުން ހުށަހެޅިި ދެ އަމުރަކީވެސް ޤާނޫނާ ޚިލާފަށްއޮތް ދެ އަމުރުކަމީ އެއްވެސް ޤާނޫނީ ބަހުސެއް އޮތް ކަމެއް ނޫން ކަމަށް ވެސް ކޯޓުގެ ބަޔާނުގައި ވެއެވެ. އަދި އެ ދެއަމުރަކީ ވެސް ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ އަމުރުތަކެއް ނޫންކަމަށް ވެސް ވިދާޅުވެފައިވެއެވެ. "ހައްޔަރު ކުރުމާއި ބަލާފާސްކުރުން ޤާނޫނާ ޚިލާފަށް ހުންގައިފައިވާ ފެށުމެއްގެ މައްޗަށް އެއްވެސް ތުހުމަތަކާ ގުޅިގެން ހަމަ އެކަކު ވިޔަސް ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޖިނާޢީ އިޖުރާއަތުގެ ޤާނޫނު ހުއްދަކުރާ ކަމެއް ނޫނެނެވެ.