ފިޠުރު ޢީދުގެ އުފާ އިތުރުކޮށް އެކުވެރިކަމާއި އިޖުތިމާޢީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އައްޑޫސިޓީ މަރަދޫގައި "އަވަށްޓެރިންގެ ޢީދު ސައި" ގެ ނަމުގައި ސަޔެއް ބާއްވައިފިއެވެ.
މި ސައި ބާއްވާފައިވަނީ މަރަދޫ ކިޔު ކޯނަރ ސަރަޙައްދުގައެވެ. މި ޙަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވި ނުސްރަތު ރަޝީދު ވިދާޅުވީ މިއީ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުރީގެ ސަގާފަތް ދަމަހައްޓަން ބޭއްވި ކަމެއް ކަމަށެވެ. "ޢީދެއް އަޔަސް ގޭގެއަށް ޒިޔާރާތް ކުރުން މިހާރު މިވަނީ އެއްކޮށް ހުއްޓިފައި، އެހެންވީމާ އެންމެން އެއްތަނަކަށް އެއްވެ ސަލާން ގަލާންކޮށް ޙާލުއަޙުވާލު ބަލައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ބޭއްވި ސައެއްމިއީ،" ނުސްރަތު ވިދާޅުވިއެވެ. މި ސަޔާ މެދު އެންމެން ވެސް ތިބީ ވަރަށްބޮޑަށް އުފާވެ ހިތްހަމަ ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ގޭގައި ތިބެގެން ސައި ހަދައިގެން އިންސާފު ކުރުމުގެ ބަދަލުގައި އެންމެން އެއްތަނަކަށް ޖަމާވެ މިގޮތަށް ސަޔަށް އިންސާފު ކުރުމުން ލިބޭ ހިތްހަމަޖެހުން މާބޮޑު ކަމަށް ބައިވެރީން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ހީވެސް ނުކުރާވަރަށް މިކަމަށް ތަރުޙީބު ލިބުނު. އިއްޔެ ރޯދަމަސް ނިމި މިއަދު ޢީދު ފާހަގަކުރިއިރު ވަރަށްގިނަ މީހުން ވަނީ އެއްވެސް ބުރަކަމެއްނެތި މިކަމަށް އިޖާބަދީފައި،" ނުސްރަތު ވިދާޅުވިއެވެ. ކުރިއަށްއޮތް ތަނުގައި ވެސް މިފަދަ މުނާސަބަތުތަކާ ގުޅިގެން ސަޔާއެކު އެއްވުންތައް ބާއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިއީ އެ ސަރަޙައްދުގެ ހުރިހާ އަވަށްޓެރިންގެ އެހީތެރިކަމާއެކު ގިނަ މީހުންނަށް ހުޅުވާލައިގެން ބޭއްވި ޙަރަކާތެކެވެ. ވިއްސާރަ ނުވި ނަމަ މިއަށްވުރެވެސް ރަނގަޅަށް މިޙަރަކާތް ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށް ބައެއް ވިޔަފާރިވެރީންގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ވެސް އެ ސަރަޙައްދުގެ އަވަށްޓެރިން ވަނީ މާހެފުމެއް ބާއްވައިފައެވެ. ތަންގަނޑު މާހެފުމުގެ ނަމުގައި ބޭއްވި އެމާހެފުންވެސް އިންތިޒާމް ކުރުމުގައި އިންސް އިންނެވީ ނުސްރަތު ރަޝީދެވެ.
Vara rangalhu kameh Mee emmen nikume eththanakun saiboe salan galankoh vahaka dhekkevi emmen ufaavaanekameh. Nusra ah assari bahaai saabas.