
ހައްދުންމަތީ ފޮނަދޫ ކުރިމަގު އަވަށުގައި އަޅައިފައިވާ ގެއެއްގައި ހުއްދަނޫން އެތައް ކަމެއް ކުރަމުން ގެންދަނިކޮށް އެރަށު ކައުންސިލުން އެ ގެ ރޫޅާލައިފިއެވެ.
ކައުންސިލުން އެގެ ރޫޅާލާފައިވަނީ ވަނީ ފުލުހުންގެ ސެކިޔުރިޓީއާ އެކު ޖޫންމަހު ފުރަތަމަ ދުވަހުއެވެ.
ފުލުހުން ވިދާޅުވީ އެ ގެއަކީ ރޯދަމަހު ދުވާލު ކެއުމާއި، ހަށިވިއްކުމާއި މަސްތުވާތަކެތި ބޭނުން ކުރުންފަދަ ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރަމުންދިޔަ ގެއެއް ކަމަށެވެ. އެގޭގައި އެފަދަ ކުށްތައް ކުރަމުންދާ ކަމުގެ މަޢުލޫމާތު ރަށު ކައުންސިލާއި ފުލުހުންނަށް ވެސް ވަނީ ހުށަހަޅައިފައެވެ.
އެގެއަކީ ކުރިމަގު އަވަށު ވަލުތެރޭ، ބަންޑާރަ ބިމެއްގައި އަޅާފައިވާ ގެއެކެވެ. އެ ގެއެޅުމަށް ކައުންސިލުގެ އެއްވެސް ހުއްދައެއް ނަގައިފައި ނުވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ބަޔަކު ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުނުވެއެވެ.