އިސްލާމް މިބަހުގެ މާނަ ދެގޮތަކަށް ކުރެވެއެވެ. އެއް މާނައަކީ ޞުލްޙައާއި އަމާންކަމެވެ. ދެވަނަ މާނައަކީ ބޯލަނބައި ކިޔަމަންގަތުމެވެ. މިދެމާނަ އެއްކޮށްގެން އިސްލާމް ގެ މާނަކޮށް އުޅޭ ގޮތަކީ ޞުލްޙަވެރިކަމާއި އަމާންކަމާއެކު ﷲ އަށް ބޯލަނބައި ކިޔަމަންގަތުމެވެ.
އިސްލާމް ގެ މާނައަށް ބަލާއިރު އެއްވެސް ކަހަލަ ހަރުކަށިކަމެއް ނުފެނެއެވެ. ނާމާންކަމެއް ނުފެނެއެވެ. އެކަމަކު އިސްލާމްދީނުގެ ނަމުގައި ހިންގާ ހަރުކަށި ޙަރަކާތްތަކާއި އަނިޔާވެރި ޢަމަލުތައް ފެނެއެވެ. ޤަބޫލުކުރަން ޖެހޭ ގޮތުގައި އިސްލާމްދީނުގައި އެއްވެސް ކަހަލަ ހަރުކަށިކަމެއް ނާމާންކަމެއް ނެތެވެ. މިއީ އިސްލާމުން ފޮނިވާން ބުނާ އެއްޗެއް ނޫނެވެ. މިއީ ޙަޤީޤަތެވެ. އިސްލާމީ ތާރީޚަށް ބަލާއިރު ހަނގުރާމައިގެ ތެރޭގައިވެސް އިސްލާމުން ޚިޔާރުކޮށްފައި އޮތީ މަޑުމައިތިރިކަމާއި ޞުލްޙައާއި އަމާންކަމެވެ.
އެއްދުވަހަކު ގެފުޅުގައި އިނދެގެން އެތަނަށް މީހަކު ކުޑަކަމުދާން ފަށައިފިއެވެ. މި މަންޒަރު ފެނިވަޑައިގަތީމާ ކޯފާވެގެން ސައްޔިދުނާ ޢުމަރު ރަޟިޔަﷲ ޢަންހު އެމީހާގެ ގައިގައި ޖައްސަވަން އުޅުއްވީމާ ކީރިތި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް އެންގެވީ އެމީހާ ދޫކޮށްލައްވާފައި އޭނާ ކުޑަކަމު ދިޔަތަން ސާފުކޮށްލައްވާށެވެ.
އެއީ އިސްލާމްދީނެވެ. އެއީ އަޅުގަނޑުމެން ކަންތައް ކުރަންވީ ގޮތް އެންގެވި މާތް ރަސޫލާގެ ޢަމަލުފުޅު ހުރި ގޮތެވެ.
މިއަދު އަޅުގަނޑުމެން ކަންތައް ކުރަނީ އެގޮތަށްތޯއެވެ؟ ހިތާމަޔާއެކު ދަންނަވަން ޖެހެނީ އަޅުގަނޑުމެންނަށް ކަތި މަގަކުން ހިނގޭ ކަމުގައެވެ. އިސްލާމްދީނޭ ކިޔާފައި އަޅުގަނޑުމެންނަށް ކޮންމެވެސް އެހެން ކަހަލަ ވާހަކަތަކެއް އެބަދެއްކެއެވެ. އިސްލާމްދީނާ ނުގުޅޭ ކަންތައްތަކެއް އެބަކުރެވެއެވެ. އެހެންނޫން ނަމަ ޞުލްޙައާއި އަމާންކަމުގެ ދީނެއްގައި އުޅޭ ބައެއްގެ ތެރެއިން ހަމަނުޖެހުމާއި ނާމާންކަން ފެންނާންވީ ކީއްވެގެންތޯއެވެ؟
މުސްލިމުން އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވީމާ ކުރާ ސަލާމަކީ އައްސަލާމް ޢަލައިކުމް މިއެވެ. މާނައަކީ ކަލެއަށް ސަލާމަތާއި އަމާންކަން ހުއްޓެވެ. އަހަރެންގެ ފަރާތުން ކަލެއަކަށް ނުރައްކަލެއް ނެތެވެ. މިހެން ކިޔައި ސަލާން ކޮށްފައިވެސް އަޅުގަނޑުމެން އެކަކު އަނެކަކަށް ދައްކަނީ ގޮށްމުށެވެ. ނަތީޖާއަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އަނެކަކަށް އިތުބާރު ނުކުރުމެވެ. ގެއްލުމެއް ނުދޭނެ ކަމަށް ގަބޫލު ނުކުރުމެވެ.
ސައްޔިދުނާ ޙަސަން ރަޟިޔަﷲ ޢަންހު އަވަހާރަކޮށްލަން އެކަލޭގެފާނަށް ޒަހަރު އެރުވީ އަނބިކަނބަލުން ކަމަށް އެކަލޭގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވަނިކޮށް މީހަކު އައިސް ދެންނެވީމާ ވިދާޅުވިއެވެ. "އޭނާ އަޅުގަނޑަށް ޒަހަރު ދިނީ އަޅުގަނޑު ކުރި ނޭދެވޭ ކަމެއްގެ ސަބަބުން ކަމަށް ވަނީނަމަ އަޅުގަނޑުގެ ފާފަ ފުއްސަވާތޯ އަޅުގަނޑު ދުޢާ ކުރަމެވެ. އޭނާ އަޅުގަނޑަށް ޒަހަރު ދިނީ އޭނާގެ ނުބައިކަމުން ކަމަށް ވަނީނަމަ އޭނާއަށް ފާފަ ފުއްސަވާތޯ އަޅުގަނޑު ދުޢާ ކުރަމެވެ."
މިއީ އިސްލާމީ ރޫޙެވެ. މި ރޫޙް އަޅުގަނޑުމެންގެ ތެރޭގައި ކޮބައިތޯއެވެ؟ އިސްލާމުންނޭ ކިޔައިގެން ނުކުމެ އުޅޭ އިރު އިސްލާމީ ސިފަތަކެއް އަޅުގަނޑުމެންގެ ކިބައިގައި އެބަހުރިތޯ ބަލަން ޖެހެއެވެ. އަޅުގަނޑުމެން އެކަކު އަނެކަކަށް މަކަރު ހަދައި އޮޅުވާލަން އެކި ސިފަ ޖައްސައިގެން އުޅުނު ކަމުގައި ވިޔަސް ﷲ އަށް އޮޅުވައިނުލެވޭނެކަން ހަނދާން ކުރަން ޖެހެއެވެ.
ރާއްޖޭގެ މަޝްހޫރު ޅެންވެރިއެއްކަމަށްވާ ޢަބްދުﷲ ޞާދިޤް ހެއްދެވި ޅެމެއްގައި އޮވެއެވެ.
"އެންމެން ކިޔެވީ އެއް ފޮތަކުންނޭ، ފެންނަ ގޮތުން ދިހަބާރަ ފޮތުންނޭ، ދެންވެސް ކިޔަނީ އިސްލާމުންނޭ"
އާދެ، އަޅުގަނޑުމެން އެންމެން ކިޔަވާ ފޮތަކީ އެއް ފޮތެކެވެ. އެއީ ކީރިތި ޤުރްއާނެވެ. އެކަމަކު އަޅުގަނޑުމެން އުޅުމާއި ސުލޫކަށް ބަލާއިރު ހީވަނީ ދިހަ ބާރަ ފޮތުން ކިޔަވައިގެން ތިބި ބައެއް ހެންނެވެ.