އަޅުގަނޑުގެ މާމަ އަޅުގަނޑު ކުޑަ އިރު ކިޔައިދޭ ވާހަކަ އެއް މިހާރުވެސް ހަނދާން އެބަ ހުއްޓެވެ. އެއީ އީމާން ވުމާއި، ލޯ މަރާލާފައި ކަމެއްގެ މައްޗަށް ތިމާގެ އިތުބާރު ޤާއިމު ކުރުމާއި، މާ އަވަހަށް މާޔޫސް ވުމުގެ މައްޗަށް ބިނާ ވެފައި އޮންނަ ވާހަކަ އެވެ.
ވަރަށް ކުރީގެ ދުވަސްވަރެއްގައި ކޮންމެވެސް ރަށެއްގައި އުޅުނު ވަޑި އެކެވެ. އެއް ދުވަހަކު އޭނާ ގެއަށް ދިޔަ މަގުމަތީގައި ރައްޓެއްސަކާ ދިމާ ވެގެން ވާހަކަ ދައްކައިލާން މަޑު ކޮށްލި އެވެ. ރަޙްމަތްތެރިޔާ އަހައިލި އެވެ.
"ރަޙްމަތްތެރިޔާ- މާ ދެރަ ވެފައި ތިޔަ ހުންނަނީ ކީއް ވެގެން-؟ އަނެއްކާ މާ ދެރަ ކަމެއް ދިމާވީތަ-؟"
ވަޑި ޖަވާބު ދިނެވެ.
"އަހަރެންނަށް ދިމާވީ ކަހަލަ ކަމެއް ކަލެއަށް ދިމާވީ ނަމަ ކަލޭވެސް ހުންނާނީ ހަމަ މިހެން- ދެރަ ވެފައި- މޮޅި ވެފައި-"
ރަޙްމަތްތެރިޔާ އަހައިލި އެވެ.
"އަނެއްކާ ކިހިނެއް ވީ-؟ ކޮން ކަމަކާ ލައިގަތީތަ-؟"
ވަޑި ޖަވާބު ދިނެވެ.
"މި އުޅެނީ ވަރަށް ބޮޑު ކަމަކާ ލައިގަނެގެން- މާދަމާ ހެނދުނު އިރު އަރަން ވާ އިރަށް ރަސްގެފާނުގެ އަމުރުފުޅަކަށް ލަކުޑިން ވަރަށް ބޮޑު ހަރެއް ޖަހަން އެބަ ޖެހޭ- އެ ހަރު ނުޖެހިއްޖެއްޔާ އަހަރެން ޤަތުލު ކުރައްވާނޭ ކަމަށް އޮތީ އަންގަވާފައި- ފިކުރު ބޮޑު ވެފައި މި ހުންނަނީ އެހެން ވެގެން-"
"ރަޙްމަތްތެރިޔާ- ތިޔަ ކަމާ މާ ބޮޑަށް ފިކުރު ނުކުރޭ- ގެއަށް ހިނގާ- ގެއަށް ގޮސް ރަނގަޅަށް ކާލައިގެން އަރާމު ކޮށްލާނީ- ތިޔަ ކަހަލަ ކަންތައްތަކުގެ މަތީން ހަނދާން ނައްތައިލާ- ހެޔޮ ހިތުން ދުޢާ ކުރޭ- ހުރިހައި ނުތަނަވަސް ކަމެއް ފިލުއްވައި ދެއްވާނެ- ﷲ އަށް ވުރެ ވަކީން މަތީ ފަރާތެއް ނެތް-"
ދެ މީހުން މަޑު މަޑުން ގެޔާ ދިމާއަށް ހިނގައިގެންފި އެވެ. ވަޑި ގެއަށް ދިޔަ އިރު ކަމަކު ދާކަށް ނެތެވެ. އަނބިމީހާ އަޑުން އަޑު ނަގައިފައި ރޮނީ އެވެ. އެކަމަކު ފިރިމީހާ ފެނުމާ އެކު ރުއިން ހުއްޓައިލައިފި އެވެ. ރޭޑިއޯގެ އަޑު ބާރު ކޮށްލުމަށް ފަހު ނަށާން ފަށައިފި އެވެ. ރޭޑިއޯ އިން ކިޔާ ލަވަޔާ އެއް ވަރަށް ލަވަ ކިޔާން ފަށައިފި އެވެ. އިރުކޮޅަކު މިހެން ނަށައި، ލަވަ ކިޔައި ހެދުމަށް ފަހު ވަރަށް ބާރަށް ހީނގެންފި އެވެ. ހެމުން ހެމުން ގޮސް ލުލުން ކަރުނަ އަތުވެއްޖެ އެވެ. އެޔާ އެކު ބާރަށް ރޯން ފަށައިފި އެވެ.
"އަހަރެންގެ ލޯބިވާ ފިރިމީހާ- މާދަމާ މިއީ ކަލޭގެ އެންމެ ފަހު ދުވަސް- ދެ މީހުން އެކީގައި ހޭދަ ކުރެވޭނޭ އެންމެ ފަހު ދުވަސް- އެހެން ވީމާ އެންމެ ފަހު ދުވަސް ހިތާމައިގައި ވޭތު ކުރާކަށް އަހަރެން ބޭނުމެއް ނޫން- އަހަރެން ބޭނުން ވަނީ އެންމެ ފަހުގެ ވަގުތުކޮޅު އުފަލާއި އަރާމުގައި ވޭތު ކޮށްލާން- ލަވަ ކިޔުމާއި، ނެށުމާއި، މަޖާ ކުރުމުގައި ހޭދަ ކޮށްލާން-"
ވަޑި ބުންޏެވެ.
"ތިޔައީ މުޅީން ރަނގަޅު ގޮތެއް ނޫން- ތިޔައިގެ ބަދަލުގައި ﷲ ގެ މަތީން ހަނދުމަ ކޮށް، ޒިކުރު ކޮށް، ދުޢާ ކުރުން މަތީ ހުރެވޭތޯ ބަލާ- ރަނގަޅު ދިރިއުޅުމަކީ އެއީ-"
އަނބިމީހާ އަށް ރަނގަޅު ނަސޭހަތް ދިނުމަށް ފަހު ވަޑި އަޅާ ނުލައި ހުރީއެއް ނޫނެވެ. އޭނާ ރޭގަނޑު ހަތަރު ދަމު ހުރީ ހޭލައެވެ. ދުޢާ ކުރުމާއި، ނަމާދު ކުރުމާއި، ޒިކުރު ކުރުން ހުއްޓައެއް ނުލަ އެވެ.
ހެނދުނު އިރު އެރި އިރު ގޭ ތެރެއަށް ފެތުރިފައި އޮތީ ހިތާމަ އެވެ. ރޯ މީހުން ރޮނީ އެވެ. ފާރުގައި ބޯ ތަޅާ މީހުން ބޯ ތަޅަނީ އެވެ. ބޮލުން އިސްތަށި އުފުރާ މީހުން އިސްތަށި އުފުރަނީ އެވެ.
އެއް ފަރާތު ކަނުގައި ހުރި ގޮނޑިއެއްގައި ވަޑި އިށީނދެގެން އިނެވެ. އޭނާގެ ލޮލުން ކަރުނަ އެއް ނުފައިބަ އެވެ. މޫނު މަތީން ހާސް ކަމުގެ އަސަރެއް ނުފެނެ އެވެ.
ކުއްލި އަކަށް އެ އިވުނީ ގޭގެ ދޮރުގައި ޓަކި ޖެހި އަޑެވެ.
އަހަރެންގެ އެންމެ ފަހު ވަގުތު އައިސް ޖެހުނީ އެވެ. މަރުވާން ތައްޔާރު ވެގެން ދާން ވީއެވެ.
މިހެން ހިތަށް އެރި ނަމަވެސް މަޑު މައިތިރި ކަމާއެކު ގޮސް ދޮރު ހުޅުވައިފި އެވެ. ދޮރުމަތީގައި ހުރީ ރަސްގެފާނުގެ ދަރުބާރުގެ ބޮޑުންގެ މީހެކެވެ. އެ މީހާ ފެނުމާއެކު ގޭ ތެރެއަށް ފެތުރިފައި އޮތް ރުއިމުގެ އަޑު އިހަށް ވުރެ ބާރު ވެގެން ދިޔަ އެވެ.
އެ މީހާ ވަޑި އާ ދިމާއަށް ބަލައިލާފައި ހިނިތުން ވެލާފައި ބުންޏެވެ.
"ރަސްގެފާނު އަވަހާރަ ވެއްޖެ- އަވަހަށް ހަ ފޫޓުގެ ސަންދޯކެއް ޖަހައިދީ-"
(ނިމުނީ)