މެކްސިކޯގައި ފަތުރުވެރިން އުފުލާ ބަހަކާއި މުދާ އުފުލާ ލޮރީއެއް ޖެހި ބަހުގައި ރޯވުމުގެ ސަބަބުން މަދުވެގެން 23 މީހުން މަރުވެ 30 މީހުން ޒަޚަމްވެއްޖެއެވެ. ޒަޚަމްވި މީހުން ވަނީ ވެރަކްރޫޒްގެ ރިއޯ ބްލާންކޯ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައެވެ.
ވެލަކްރޫޒް ސްޓޭޓްގެ މަލްޓަރާޓާ މުނިސިޕަލްޓީ ކައިރީގައި އެކްސިޑެންޓުވި ބަސް ދަތުރުކުރަމުން ދިޔައީ ކެތޮލިކް ނަސާރާއިންގެ އަޅުކަމަކަށް ފަހު އެނބުރި ދިޔަ މީހުން ގޮވައިގެންނެވެ.
ނޮގާލެސް ޓައުންގެ ސިވިލް ޑިފެންސް ޑިރެކްޓަރު ރޮބާރްޓޯ ހެރްނާންޑޭޒް ވިދާޅު ގޮތުގައި، ލޮރީގައި ޖެހުމާއެކު ބަސް ފުރޮޅާލައި އޭގައި އަލިފާން ރޯވިއިރު، މީހުން ފައިބާ ދޮރުވީ ދަށްފުށުގައެވެ. އެހެންކަމުން، ގިނަ ބަޔަކަށް ބަހުން ނުކުމެވޭ ގޮތެއް ނުވިއެވެ.
ޕުއެބްލާއާއީ އޮރިޒަބާއާއި ދެމެދު ހޮންނަ ހައިވޭގައި ދަތުރުކުރި ބަސް އިއްޔެ ހެނދުނު 10 ޖެހިއިރު (ރާއްޖޭ ގަޑިން ރޭގަނޑު 8 ޖެހިއިރު) އެކްސިޑެންޓުވި އިރު އޭގައި ދަތުރުކުރި މީހުން ދިޔައީ ޗިއާޕާސް ގައި ހުންނަ މަޝްހޫރު ކެތޮލިކް ފައްޅި، އާޗްޑަޔަސީސް އޮފް ޓުސްޓްލާ އަށް ދިއުމަށެވެ.
މަރުވި މީހުންގެ ތެރެއިން ދެ މީހުން ފިޔަވައި އެންމެންނަކީ ބަހުގައި ދަތުރުކުރި މީހުންނެވެ. ދެ މީހުންނަކީ ލޮރީގައި ތިބި މީހުންނެވެ. ހާދިސާ ހިނގި ސަރަހައްދުގެ މަންޒަރުތަކުން ފެންނަ ގޮތުގައި ބަސް ވަނީ މުޅިން އަނދައި ހުލިވެފައެވެ.
އެކްސިޑެންޓްވީ ބަހުގެ ބްރޭކް ފޭލްވުމުގެ ސަބަބުން ކަމަށް ބައެއް މީހުން ބުނާއިރު، އަނެއް ބަޔަކު ބުނަނީ ލޮރީގެ ބްރޭކް ފޭލްވީ ކަމުގައެވެ. ވެރަކްރޫޒް ސެކްރެޓޭރިއަޓް ފޯ ސިވިލް ޕްރޮޓެކްޝަންގެ ތަރުޖަމާނު އެންރީކޭ ސިލްވާ ސޮލިސް ބުނިގޮތުގައި އެ ސްޓޭޓުގެ ތަހުގީގީ އިދާރާތަކުން އެކްސިޑެންޓުވީ ސަބަބުން ތަހުގީގުކުރަމުން ދާތީ އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނަން އަދި ނޭނގެއެވެ.
ހައިވޭގައި އެކްސިޑެންޓު ހިނގި ހިސާބަކީ ގުދުތައް ގިނަވެފައި، ދުން ފިނި ގަދަވުމުގެ ސަބަބުން އެކްސިޑެންޓުތައް ހިނގާ ހިސާބެކެވެ.
މެކްސިކޯގެ ކެތޮލިކް ނަސާރާއިންގެ ފޭސްބުކު ސަފުހާއެއްގައި ލިޔެފައިވާ ގޮތުގައި އެކްސިޑެންޓުވި ބަހުގައި ތިބި މީހުން ދަތުރުކުރަމުން ދިޔައީ މެކްސިކޯ އެންމެ މުހިއްމު ކެތޮލިކް ފައްޅި ބެސިލިކާ އޮފް ގުއާޑަލޫޕުގައި އޮތް އަޅުކަމަކަށް ފަހު އާޗްޑަޔަސީސް އޮފް ޓުސްޓްލާ އަށް ދިއުމަށެވެ.