
ފަރީމަގުގައި ހުރި ގަހަގަކުން ނޮވެލްޓީ ބުކުޝޮޕް ކުރިމައްޗަށް ވެއްޓުނު ބޮޑު ގޮފިގަނޑަކުން ބިދޭސީއެއްގެ ގައިގައި ޖެހި އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި ޙާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައވަނީ މިއަދު ހެނދުނު 11:57 އެހައިކަންހާއިރު އެވެ. އަނިޔާ ލިބުނު ބަނގްލަދޭޝް މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އައިޖީއެމްއެޗުން ވިދާޅުވެފައިވަނީ އެމީހާއަށް ބޮޑު އަނިޔާއެއް ވެފައި ނުވާކަމަށެވެ. ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި ކަމަވެސް އެތަނުން ވިދާޅުވިއެވެ.
ގޮފިގަނޑު ވެއްޓުނު ސަރަޙައްދުގައިހުރި ސައިކަލުތަކަށް ވެސް ވަނީ ގެއްލުން ވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ގެއްލުން ވެފައިވަނީ ކިތައް ސައިކަލަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.