ހެއްވާ: އުކުނޑި ކޮށްޓުން

އުކުނޑިއަކީ ކަރު ތެރެއަށް ބާރު ކުރުމުން އަޑަކާ އެކު ކުއްލި ކުއްލިއަށް ނުކުންނަ ވައެކެވެ. މިއީ ދިވެހި ބަސް ފޮތުގައި އުކުނޑިއަށް އޮތް މާނައެވެ. އުކުނޑި ކޮއްޓުމަކީ އުކުނޑީގެ ވައި ނުކުތުމެވެ. އުކުނޑި ކޮއްޓުން ދެމި ހުންނަނީ ކުޑަ ވަގުތުކޮޅަކަށެވެ. ދާއިމީ ގޮތަކަށް އުކުނޑި ކޮއްޓުމަކީ ބައްޔެއް ކަމަށް ބައެއް މީހުން ދެކެއެވެ. އެކަމަކު އުކުނޑި ކޮއްޓާ ކޮންމެ ފަހަރަކު ބައްޔެއް ޖެހުނީ ކަމަކަށް ނުބެލެވެއެވެ.

އުކުނޑި ކޮއްޓުމަކީ ވަރަށް އުނދަގޫވާ ކަމެކެވެ. މި ކަމަށް އޮންނަ ފަރުވާ އެކި މީހުން ދެކެނީ އެކި ގޮތަށެވެ. ބައެއް މީހުން ބުނާ ގޮތުގައި އެކޮޅު ކޮޅުން އޮވެގެން ފެން ބުއީމާ ރަނގަޅު ވާނެއެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ބިއްލޫރި ތަށީގެ ދުރު ފަރާތުގައި ތުން ޖަހައިގެން ފެން ބުއީމާ ރަނގަޅު ވާނެއެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ކުއްލި ސިހުމެއް ލިބުނީމާ ރަނގަޅު ވާނެއެވެ. އަދި އިރުކޮޅަކު ނޭވާ ހިފަހައްޓައިލީމާ ރަނގަޅު ވާނޭ ކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ. މި ހުރިހައި ކަމެއް އެއް ކޮށްލީމާ މި ނުކުންނަ ފަރުވާ އަކީ މީހާ ހާސް ކޮށްލުމެވެ. ކުޑަ އިރުކޮޅަކަށް ނޭވާ ހިފަހައްޓާލަން ޖެހޭ ގޮތް ހެދުމެވެ. ޞިއްޙީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި ޢާންމު ގޮތެއްގައި އުކުނޑި ކޮއްޓަނީ ހަޖަމު ނުބައިވުން ކަހަލަ ބަނޑުގެ އުނދަގުލެއް ފެށުނީމައެވެ.

އަޅުގަނޑުިގެ ރައްޓެއްސަކު އުކުނޑި ކޮއްޓާން ފެށީމާ މީހަކު އޭނާގެ ކައިރިއަށް އައިސް އޭނާގެ ޢާއިލާގެ ކޮންމެވެސް ހަމަ ނުޖެހުމެއްގެ ވާހަކަ ދައްކާން ފަށައިފިއެވެ. އޭގެ ތެރޭގައި އޭނާޔާއި އޭނާގެ ބައްޕަޔާ ދެމެދު އޮންނަ ގުޅުމުގެ ވާހަކަވެސް ހިމެނެއެވެ. އޭނާއަކީ ބައްޕަ އަށް ވަރަށް ނަފްރަތު ކުރާ މީހެކެވެ. މި ވާހަކަ ފެށިތާ މިނިޓެއްހައި އިރުގެ ތެރޭގައި އޭނާގެ އުކުނޑި ކޮއްޓުން ހުއްޓިއްޖެއެވެ.

އެއް ދުވަހަކު މީހަކު ވަރަށް ބާރަށް ދުވެފައި ގޮސް ބޭސް ފިހާރައަކަށް ވަދެއްޖެއެވެ. މާ ނޭވާ ލެވިފައި ހުރީމާ އޭނާ އައީ ދުވެފައިކަން އެނގެއެވެ. އޭރު ބޭސް ފިހާރަ ތެރޭގައި ވަރަށް ގިނަ މީހުން ތިއްބެވެ. އެހެންވީމާ ކިތަންމެ އަވަހަށް ބޭސް ބޭނުން ވިޔަސް އޭނާއަށް ޖެހުނީ ކިޔޫގައި މަޑު ކޮށްލާށެވެ. ކަންތައް ދިމާވީ ގޮތުން އޭނާއަށް ލައްވައިލީ ކިޔޫގެ އެންމެ ފަހަތެވެ. އޭނާ އައި ފަހުން ފިހާރައަކަށް އެހެން މީހަކުވެސް ނާދެއެވެ.

ކިޔޫގެ ތަރުތީބުން ގޮސް އެންމެ ފަހުން އޭނާޔާވެސް ޖެހިއްޖެއެވެ. އޭނާ ވަރަށް ހާސްވެފައި ބުނެލިއެވެ.

"ސޭޓު- އުކުނޑި ކޮށްޓުން ރަނގަޅުވާ ކަހަލަ ބޭހެއް ވަރަށް އަވަހަށް ދެއްވާ-"

ބޭސް ފިހާރައިގެ ސޭޓު ބުންޏެވެ. "މަޑު ކޮށްލައްވާ-"

އޭނާ މިހެން ބުނެފައި ފިހާރައިގެ އެތެރޭގައި ހުރި އެހެން ކޮޓަރިއަކަށް ވަދެއްޖެއެވެ. އިރުކޮޅަކުން ނުކުތީ ފެން ބާލިދީއެއް ހިފައިގެންނެވެ. ބަލާކަށް ނުހުރެ ބޭސް ގަންނާން އައި މީހާގެ ގަޔަށް ފެން ބާލިދީ ޖަހައިފިއެވެ. އެ މީހާ ޙައިރާން ވެފައި އަހައިލިއެވެ. "ތިޔައީ ކޮން ކަމެއް-؟"

"މިއީ އުކުނޑި ކޮއްޓުމުގެ ފަރުވާ- މިހާރު އެކަންތައް ހުއްޓިއްޖެއެއްނު-؟"

އޭނާ ރުޅި އައިސްފައި ބުނެލިއެވެ. "ހުއްޓުނު ކަމެއް އަހަންނަކަށް ނޭނގޭ- އުކުނޑި ކޮއްޓާތީ އުޅެނީ އަހަރެންގެ އަންހެނުން- އޭނާ ހުރީ ގޭގައި-"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.