އޮސްޓްރޭލިޔާގެ ސެނެޓުގެ ހަރުކަށި މެންބަރު ފްރޭޒާ އެނިންގަށް އިންތިޚާބުއި ނާކާމިޔާބު

ފްރޭޒާ އެނިންގްގެ ބޮލުގައި ވިލް ކޮނޮލީ ކުކުޅު ބިހަކުން ޖަހަނީ

އޮސްޓްރޭލިޔާގެ ސެނެޓުގައި ކުއީންސްލޭންޑް ތަމްސީލުކުރަމުން ދިޔަ މެންބަރު ފްރޭޒާ އެނިންގަށް އިއްޔެގެ އާއްމު އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިވެ، އޭނާގެ ގޮނޑި ގެއްލިއްޖެއެވެ. އޭނާއަކީ ވެރިކަންކުރާ ލިބަރަލް ނޭޝަނަލް ކޯލިޝަން (އެލްއެންސީ) ގައި ހިމެނޭ ނޭޝަނަލް ޕާޓީގެ މެންބަރަކަށް ވިޔަސް، ކަނާތު ފިޔައިގެ ހަރުކަށި ސިޔާސަތަށް ތާއީދުކުރާ މީހެކެވެ.

އޭނާ މަޝްހޫރުވެގެން ދިޔައީ ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ފާއިތުވި މާރިޗު މަހުގެ 15 ވަނަ ދުވަހު އޮސްޓްރޭލިޔާގެ ކަނާތު ފިޔައިގެ ހައްދުފަހަނައަޅާފައިވާ މީހަކު ދިން ހަމަލާގެ ދިފާއުގެ އޭނާ ނެރުނު ބަޔާނުގެ ސަބަބުންނެވެ.

އޭނާގެ އެ އަމަލުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވެ، އޭނާގެ ޕާޓީންވެސް އޭނާ ކުށްވެރިކޮށް ބަޔާނެއް ނެރެފައި ވެއެވެ. އަދި އޭނާގެ އެއަމަލަށް މާފު އެދުމަށް އޮސްޓްރޭލިޔާގެ ސެނެޓުން އޭނާއަށް އެންގިއެވެ.

އެނިންގ ނެރުނު ބަޔާނަށް ފަހު، އޭނާ ބައްދަލުވުމަކަށް ދަނިކޮށް، އޮސްޓްރޭލިޔާގެ 17 އަހަރުގެ ކުއްޖެއް ކަމުގައިވާ ވިލް ކޮނޮލީ ވަނީ އޭނާގެ ބޮލަށް ކުކުޅު ބިހެއް ތަޅާލާފައެވެ. އެ ކުއްޖާ ވަނީ 'އެގް ބޯއީ' ގެ ނަމުން މަޝްހޫރުވެފައެވެ.

މިފަހަރުގެ އިންތިޚާބުގައި އެނިންގުގެ ޕާޓީ، ނޭޝަނަލް ޕާޓީން ކުރީގެ އިންތިޚާބަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދި ނަމަވެސް އޭނާއަކަށް ގޮނޑި ދިފާއުނުކުރެވުނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.