
އައްޑޫސިޓީ މަރަދޫ ބަނދަރު ސަރަޙައްދުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 9:55 އެހައިކަންހާއިރު ކަމަށެވެ. އެކްސިޑެންޓުވެފައިވަނީ ދެ ސައިކަލެއް ޖެހިގެންނެވެ. އެހެންނަމަވެސް އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ވިދާޅެއް ނުވެއެވެ. "އެދެމީހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައި. މިހާރުވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި،" ފުލުހުން ވިދާޅުވިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން ވިދާޅުވީ އެކްސިޑެންޓުގައި މިހާރު ހޮސްޕިޓަލަށް ގެނެސްފައިވާ ދެމީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. "ކުދިކުދި އަނިޔާތަކެއް ވަނީ ލިބިފައި. ޑޮކްޓަރުން މިހާރު ގެންދަނީ އެކްސްރޭ ނެގުމުގެ މަސައްކަތް ކުރަމުން،" ހޮސްޕިޓަލުން ވިދާޅުވިއެވެ.