ނަރަކައިން މުއްތި ކުރައްވާ މަސް

ރަމަޟާން މަހުގައި ރޯދަ  ހިފާ މީހުންނަށް ގިނަގުނަ ނިޢުމަތްތަކެއް މާތް ﷲ ދެއްވައެވެ. އެކަލާނގެ އަޅުތަކުން ޢަޛާބާއި ހަލާކާއި ނިކަމެތިކަމުން ސަލާމަތް ކުރެއްވުމަށް ޓަކައެވެ.އެކަލާނގެ އަޅުތަކުން ދާރުއްސަލާމަށް ވެއްދެވުމަށް ޓަކައެވެ. ސުވަރުގޭގެ މަތިވެރި ދަރަޖަތަކާ ހަމައަށް އުފުއްލެވުމަށް ޓަކައެވެ.  އެއީ ނަރަކައިން މުއްތި ކުރެއްވުމެވެ. އެއީ މަތިވެރިވެގެންވާ ނިޢުމަތެކެވެ. އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ސަބަބުތައް މާތް ﷲ ވަނީ މި ރަމަޟާން މަހުގައި ރޯދަވެރިންނަށް ތަނަވަސްކޮށް  ދެއްވާފައި ވެއެވެ. ﷲ މިވަނީ ރަޙްމަތާއި ފުއްސެވުމާއި މުއްތިކުރެއްވުމުގެ ދޮރު ހުޅުއްވާ ދެއްވައިފައެވެ. ނަރަކައިން މުއްތި ކުރައްވައިފި އަޅަކު ނަރަކައިން މިންޖުވާނެތެވެ. އެ ނަރަކައިގެ ވިހައިން ރައްކައުތެރިވާ ނެތެވެ. ނަރަކައިން މުއްތި ކުރައްވައިފި އަޅަކު ނިވުމެއް ނެތި އަނދައަނދައި ހުންނަގަދަ ހޫނާއި ދިލައިގެ ނަރަކައިން ސަލާމަތް ވާނެތެވެ.

ނަރަކައަކީ ހޫނު ގަދަ ތަނެކެވެ. ފުންމިން ނޭނގޭ ތަނެކެވެ. އެތާނގެ އަހްލުވެރިންގެ ފެނަކީ ދޮހެވެ. އެތާނގެ އަހްލުވެރިންގެ ކާނާއަކީ ޒައްޤޫމެވެ. އެތާނގެ ބުއިމަކީ ފާދިޔައެވެ. ފެނަށްއެދި ގޮވާލައިފިނަމަ، އެމީހުންނަށް  ދެއްވާނީ، ތެޔޮކުނޑިފަދަ ހޫނުކަންގަދަ ފެނެކެވެ. އެއިން އެބައިމީހުންގެ  މޫނުތައް ފިހިގެން ދާނެތެވެ. އެތާނގެ އަހްލުވެރިންގެ ހެދުމަކީ ކަތުރާނާއި ދޮން ދަނގަޑެވެ. ނަރަކައިން މުއްތި ނުވި މީހާގެ ޙާލު ބަޔާންކޮށް ދެއްވަމުން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. ((إِنَّ أَهْوَنَ أَهْلِ النَّارِ عَذَابًا يَوْمَ القِيَامَةِ لَرَجُلٌ تُوضَعُ فِي أَخْمَصِ قَدَمَيْهِ جَمْرَةٌ، يَغْلِي مِنْهَا دِمَاغُهُ)) [1] މާނައީ: ޤިޔާމަތް ދުވަހު ނަރަކައިގެ އަހްލުވެރިންގެ ތެރެއިން އެންމެ ޢަޛާބު ލުއި މީހާގެ ފައިދަށުގައި އަނގުރުކޮޅެއް އޮންނާނެތެވެ. އޭގެ ސަބަބުން އޭނާގެ ސިކުނޑި ކެކިކެކި  ހުންނާނެތެވެ. "މިއީ އެންމެ ޢަޛާބު ލުއި މީހާގެ ޙާލެވެ. އެހެން ވީމާ ނަރަކަވަންތަ ވެރިންގެ  ޙާލު ކިހާ ބޮޑުވާނެތޯއެވެ. އެ ޢާޛާބުން ސަލާމަތް ވެވޭނީ ނަރަކައިން މުއްތި ކުރެއްވި މީހާއަށެވެ."

ނަރަކައިން މުއްތިކުރެއްވުމަށް އެދޭނަމަ މާތްﷲ އަށް  އީމާންވެގެން ތިބެ އަދި އެކަލާނގެ ވަޖްހުފުޅު އަދައިގެން މި ބަރަކާތްތެރި ރަމަޟާންމަހުގައި ފަރްޟު ކުރައްވާފައިވާ ރޯދަ ހިފާށެވެ! ވަރުގަދަ ޢަޒްމަކާ ސާބިތުކަމަކާއެކު ﷲއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކާ ދުރުހެލިވާށެވެ!  ތިބާއާ ތިބާގެ އަޚުންނާއި އުޚްތުންނާއެކު ރިވެތިގޮތުގައި މުޢާމަލާތުކޮށް މުސްލިމު މުޖްތަމަޢެއް ޤާއިމުކުރުމަށް ތެދުވާށެވެ! ރަމަޟާން މަހުގައި ގުޅުންތައް ނުކަނޑާށެވެ!

ނަރަކައިން މުއްތި ކުރެއްވުމަށް އެދޭ މީހާ  އޭނާގެ އީމާންކަން ހަރުދަނާ ކުރަން ޖެހޭނެއެވެ. ﷲ  ތައުޙީދުކުރުމުގައި އިޚްލާޞްތެރިވާން ޖެހޭނެއެވެ. ﷲއާ ޝަރީކު ކުރުމާ ދުރުހެލިވާން ޖެހޭނެއެވެ. ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. (مَا مِنْ أَحَدٍ يَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ، صِدْقًا مِنْ قَلْبِهِ، إِلَّا حَرَّمَهُ اللَّهُ عَلَى النَّارِ) [2] މާނައީ : ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލަކަމަށް އޭނާގެ ހިތުގެ އަޑިން ތެދުކޮށް ހެކިވި މީހާ ފަހެ ﷲ އޭނާ ނަރަކައަށް ޙަރާމް ނުކުރައްވާ ދޫކޮށް  ނުލައްވާނެތެވެ. "

ނަރަކައިން ސަލާމަތްކޮށްދެއްވުމަށް އެދި ނަމާދުގައި ފަހު އައްތަޙިއްޔާތުގައި ދުޢާކުރާށެވެ! ޞަޙީޙު މުސްލިމުގައި ވާރިދުވެފައިވާ  ފަދައިން ރަސޫލާ  صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (إِذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاللَّهِ مِنْ أَرْبَعٍ يَقُولُ : اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ ، وَمِنْ عَذَابِ الْقَبْرِ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ) މާނައީ: ތިޔަބައިމީހުންގެ ތެރެއިން މީހަކު އައްތަޙިއްޔާތު ކިޔާއިރު  ހަތަރު ކަމަކުން ސަލާމަތްކޮށް ދެއްވުމަށް އެދި ﷲއަށް ދަންނަވާށެވެ! އޭނާ ދަންނަވާށެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ ! ޖަހަންނަމައިގެ އަޛާބުންނާއި ކަށްވަޅުގެ ޢަޛާބުންނާއި، ދިރިއުޅުމާއި މަރުގެ ފިތުނައިންނާއި، އައްމަސީޙުއް ދައްޖާލުގެ ފިތުނައިން މިއަޅާ ރައްކައުތެރި ކޮށްދެއްވުމަށް އިބަރަސްކަލާނގެ ޙަޟްރަތުން ޙިމާޔަތް ހޯދަމުއެވެ."  

ނަރަކައިން މުއްތިވުމަށް އެދޭ މީހާ ފަރްޟު ފަސް ނަމާދަށް - ޚާއްޞަކޮށް ޖަމާޢާތުގައި އެ ނަމާދުތައް އަދާކުރުމަށް-  ރައްކައުތެރިވާން ޖެހޭނެއެވެ. ރަމަޟާން މަހުގައި ހިފާ ރޯދަތައް ޤަބޫލުވަނިވި އަޅުކަމަކަށް ވާނީ  ފަރްޟު ފަސް ނަމާދުވެސް ކޮށްގެންނެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (مَنْ صَلَّى لِلَّهِ أَرْبَعِينَ يَوْمًا فِي جَمَاعَةٍ يُدْرِكُ التَّكْبِيرَةَ الْأُولَى كُتِبَتْ لَهُ بَرَاءَتَانِ بَرَاءَةٌ مِنْ النَّارِ وَبَرَاءَةٌ مِنْ النِّفَاقِ) [3] މާނައީ : ޖަމާޢަތުގައި ފުރަތަމަ ތަކްބީރު ލިބިގެން ﷲގެ ވަޖްހުފުޅަށް ޓަކައި ސާޅީސް ދުވަހު  ނަމާދު ކުރި މީހާއަށް ދެ ބަރާއަތް ލިޔުއްވާ ނެތެވެ. ނަރަކައިން ބަރާއަތް ކުރެއްވުމާއި މުނާފިޤުކަމުން  ބަރާއަތްކޮށް ދެއްވުމެވެ."

ނަރަކައާ ދުރަށް ދެވޭނީ ޝަހުވަތްތަކާ ދުރަށް ދެވުނު ވަރަކުންނެވެ. ރަމަޟާން މަސް އަޅުގަނޑުމެންގެ ގާތަށް މި އައީ ޝަހުވަތްތަކާ  ދުރުހެލިވުމަށް އަޅުގަނޑުމެންނަށް ތަރްބިޔަތު ދިނުމަށެވެ. ގިނަ ބަޔަކު އުރެދުންތަކާއި މުންކަރާތްތަކުގެ ތެރެއަށް ވެއްޓިގެންދަނީ ޝަހުވަތްތަކުގެ ސަބަބުންނެވެ. ޝަހްވަތުގެ ސަބަބުން ކިތައްކިތައް މީހުން ޙަރާމްކަންތައްތަކަށް އަރައިގަނޭތޯއެވެ؟ ކިތައްކިތައް މީހުން މީހުންގެ އަބުރަށް އަރައިގަނޭތޯއެވެ؟ ކިތައްކިތައް މީހުން މީސްތަކުންގެ މުދާތައް ފޭރިގަނެ ޙައްޤުތަކަށް އަރައިގަނޭތޯއެވެ؟ ރަސޫލާ  صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (حُفَّتِ الْجَنَّة بِالْمَكَارِهِ، وَحُفَّتِ النَّارُ بِالشَّهَوَاتِ) [4] މާނައީ: "ސުވަރުގެ ވަށައިލެވިގެން ވަނީ ކުރަން ނޭނދޭ ކަންތައްތަކުންނެވެ. ނަރަކަ ވަށައިލެވިގެން ވަނީ ޝަހްވަތްތަކުންނެވެ." މި ބަސްފުޅުން އެނގެނީ ސުވަރުގެ ޙާޞިލް ކުރަން އެދޭ މީހާ ޝަހްވަތްތަކާ ދުރުހެލިވާން ޖެހޭނެ ކަމެވެ.

ރަމަޟާންމަހުގައި ދީލަތިވާށެވެ! ރޯދަވެރިންނަށް ރޯދަ ވީއްލުންތަކުން ޞަދަޤާތް ކުރާށެވެ! ކުޑަކުޑަ ކަދުރުފަޅިވަރަކުން ވިޔަސް ނަރަކައިން ރައްކައުތެރިވެވޭތޯ ބަލާށެވެ! ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ، فَمَنْ لَمْ يَجِدْ فبكَلِمَةٍ طَيِّبَةٍ) [5] މާނައީ: "ތިޔަބައިމީހުން ކަނދުރުފަޅިވަރަކުން ވިޔަސް ނަރަކައިން ރައްކައުތެރިކަން ހޯދާށެވެ! ފަހެ އެ ފަދަ އެއްޗެއް ނުލިބުނު މީހާ ހެޔޮ ބަހަކުންމެއެވެ."

ނަރަކަ ދެކެ ބިރުގަންނައިރު ފާފަތައް މަތީގައި ދެމި މި ތިބެވެނީ ކީއްވެގެން ހެއްޔެވެ؟ އުރެދުންތަކުގެ ތެރެއަށް ގެނބިގެން މި އުޅެވެނީ ކީއްވެގެން ހެއްޔެވެ؟ ﷲއަށް ކިޔަމަންތެރިވުމުން ޣާފިލުވެގެން މި ތިބެވެނީ ކީއްވެގެން ހެއްޔެވެ؟ ﷲއަށް އަޅުކަން ކުރުމުގެ މަތިން ޣާފިލުވެގެން މި އުޅެވެނީ ދުލުގެ ރޯގާތަކުގެ ތެރޭގައެވެ. ނެތިމޮށުމާއި ދެބައޮޑުވުމާއި އާޑަފުރައްސާރަ ކުރުމާއި ޙަސަދަވެރިކަމާއި ނުނިޔަތްލުމުގެ ބިޔަ ވަބާގެ ތެރޭގައެވެ. މި މަހުގައި ހިފާ މި ރޯދައިން ތަޤްވާވެރިކަން ހޯދައި  މި ކަށިކުނބުރު ވަލުން ބޭރަށް ނުކުމެވެވޭތޯ ޢަޒްމު ކަނޑައަޅަމާ ހިނގާށެވެ!

[1]  - أخرجه البخارى ومسلم

[2]  - أخرجه البخارى ومسلم

[3]  - رواه الترمذي وحسنه الألباني في صحيح الجامع.

[4]  - صحيح مسلم

[5]  - متفق عليه

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.