ރޯދަމަހު މާލޭގެ ބާޒާރުން ވިއްކާތަކެތީގެ އަގުތައް އުފުލެމުންދާތީ މޯލްޑިވްސް ޓްރޭޑު ޔޫނިއަން (އެމްޓީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޓީޔޫގެ ނާއިބު ރައީސް ސަޢުދުﷲ އަޙުމަދު ވިދާޅުވީ ރޯދަމަހާ ދިމާކޮށް ބާޒާރުން ވިއްކާތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް ބޮޑުވުމަކީ ޢާއްމުކަމެއް ކަމަށެވެ. އެހެންނަމަވެސް މިރޯދަމަހު އަގުބޮޑުވާނެ ކަމަށް ލަފާ ނުކުރައްވާ ކަމަށާއި އެކަމަކު އަގުތައް އުފުލެމުންދާތީ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވާ ސީދާ ސަބަބުން އެނގޭނީ ދިރާސާއެއް ހަދައިގެން ކަމަށެވެ. އެހެންނަމަވެސް ފެންނަންހުރި ކަންކަމަށް ބަލާއިރު އަގުބޮޑުވާންޖެހޭ އެތައް ސަބަބެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކީ ކުރީބައިގައި ރޯދައަށް ތައްޔާރުނުވުން. ވަކިހަމަތަކެއްގެ މަތީން ކަންކަން އިންތިޒާމްކޮށްފައި ބަހައްޓާނަމަ މިހެންނުވާނެ. އަނެއްކަމަކީ މާރުކޭޓުގެ ގޮޅިތައް އޭގެ ޙައްގުވެރިންނަށް ލިބޭނެގޮތް ހެދުން. މިހާރު މިއޮންނަ ގޮތުން ގޮޅި މިނަގަނީ އެހެން ބައެއް. ނަގައިގެން ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ ޕާޓީއަށް ކުއްޔަށް މިދެނީ. އެހެންވެ ކުލިދައްކަންވެގެން އަގުބޮޑުކުރަނީ ކަމަށް ވެދާނެ. ރޯދަމަހަކީ ކޮންމެ އަގެއްގައި އެއްޗެހު ވިއްކިޔަސް މީހުން ގަންނާނެކަން އެނގޭތީ ހިތަށްއެރިވަރަކަށް އަގުބޮޑުކުރަނީ، އެކަމަކު އެ ކޮންޓްރޯލް ކުރަން ސަރުކާރުގެ ތެރެއިން އެއްވެސް މެކޭނިޒަމެއްނެތް ރާވާފައެއް،" ސަޢުދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރޯދައާ ދިމާކޮށް ތަކެތީގެ އަގުބޮޑުކުރުމުން އެބައެއްގެ ފިޔަފާރި ލައިސަންސް އެއް އަހަރަށް ކެންސަލް ކުރެވޭނެ ގަވާއިދުތައް ވެސް ބައެއް ޤައުމުތަކުގައި ހަދާފައިވާ ކަމަށެވެ. އެއީ ހަމަ މިނިވަން ވިޔަފާރީގެ ޤައުމުތައް ކަމަށާއި ރާއްޖޭގައި ވެސް އެފަދަ ގޮތްތައް އޮންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް މުދާ އެތެރެކުރާ ޤައުމުތަކުން މުދަލުގެ އަގުބޮޑު ނުކުރިޔަސް ރާއްޖޭގައި އަގުބޮޑުކުރާ ކަމަށް ވެސް ސަޢުދު ވިދާޅުވިއެވެ. އެހެންނަމަވެސް އެކަންކަމަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަންކަމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދެވިޔަސް އަދި އެފުރުސަތު ވެސް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.