ފަހަކަށް އައިސް އައްޑޫ ސިޓީ މަރަދޫ ސާފު ކުރިޔަސް، މަރަދޫ ސްވިމިން ޓްރެކް ސަރަޙައްދު ސާފުކުރިޔަސް، އަދި އެހެންތަނެއް ސާފުކުރިއަސް، ތިމާވެއްޓާ ގުޅުންހުރި އެހެން ކަމެއް ހިންގިޔަސް އެންމެ ގާތުން މަސައްކަތްކުރާ އެކަކީ އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިޔުޓީ މޭޔަރު ޢަބްދުﷲ ޠައްޔިބު (ޓޮމް) އެވެ.
މަރަދޫ ބަނދަރުގައި އޮތް މަސްކިރާ ބޯޓަކުން ކަނޑަށް ކަރުދާސްފޮށިތަކާއި އޭތިމީތި އުކާލި ދުވަހު ވެސް އެންމެ ފުރަތަމަ އެކަމާ ދެކޮޅު ހެދީ ވެސް އޭނާއެވެ. ޓޮމްއަށް އެމަންޒަރު ފެނުނީ ފަތުރުވެރިންތަކެއް ގޮވައިގެން އައްޑޫސިޓީގެ ރީތި ފަރުތައް ދައްކާލުމަށް ފީނަން ގޮސްފައި އައި ވަގުތުގައެވެ.
ޓޮމްއަށް އެކަން ބޮޑުވިޔަސް ބޯޓު މީހުންނަށް އެކަން ބޮޑު ކަމަކަށް ނުވިއެވެ. އެމީހުން ބުނިގޮތުގައި އެއީ އެމީހުން އަލަށްކުރި ކަމެއްނޫނެވެ. އެމީހުންނަށް އެކަންބޮޑު ނުވިޔަސް ތިމާވެއްޓަށް ލޯބިކުރާ ޓޮމް އެދުވަހު އެކަންވެސް ނެގީ ސީރިއަސް ކޮށެވެ. އެބޯޓުގެ މީހުން އެދުވަހު ފަހުން ބުނެފައިވަނީ ދެން އެޒާތުގެ ކަމެއް ނުކުރާނެ ކަމަށެވެ.
ކައުންސިލްގައި ޓޮމްގެ ދައުރު ހަމަކުރުމަށްފަހު މިހާރު އޭނާ އަވަދިނެތި އުޅެމުންގެންދަނީ އަމިއްލަ ވިޔަފާރި ފުޅާކޮށް ވަރުގަދަ ކުރުމުގައެވެ. އޭނާގެ ރަސްމީ މަސައްކަތަކީ ވިޔަފާރި ކުރުމެވެ. ފަތުރުވެރި ކަމުގެ ދާއިރާގައެވެ. އެއީ ވެސް ތިމާވެއްޓާ ވަރަށް ގުޅުންބޮޑު ދާއިރާއެކެވެ. މަރަދޫގައި ހިންގާ އަކުއަރވެންޗަރ ޑައިވިން ސެންޓަރަކީ އޭނާގެ ތަނެކެވެ.
ޓޮމްއަކީ ކުޅަދާނަ ޑައިވަރެކެވެ. ޑައިވް ކުރައްވާއިރު އައްޑޫސިޓީގެ ބައެއް ފަރުތަކުގެ ކައިރިން ވަރަށްގިނައިން ކުނިފެންނަ ކަމަށާއި އެއީ ބަޔަކު މީހުން އަޅާފައިވާ ތަކެތި ކަމަށް އޭނާ ބުންޏެވެ. އެފަދަ ޢަމަލުތައް އެއްގޮތަކަށް ވެސް ނުކުރެއްވުމަށް އޭނާ އެދެއެވެ.
އޭނާ އަކީ އަބަދުވެސް އިޖުތިމާޢީ މަސައްކަތްތަށް ލޯބިކުރާ މީހެކެވެ. ޚާއްސަކޮށް ތިމާވެއްޓާ ގުޅުންހުރި ކަންކަމަށް އޭނާ އަބަދުވެސް ޝައުގުވެރިކަން ފާޅު ކުރެއެވެ. ވަކާލާތު ކުރެއެވެ. އެހެންކަމުން އޭނާ އިސްވެހުރެ އައްޑޫ ސިޓީގެ ފަޅާއި އެހެން ބައެއްތަންތަން ސާފުކުރުމުގެ ޙަރަކާތް ދޭތެރެދޭތެރެއިން ހިންގައެވެ. "އައްޑޫ ސިޓީ އޮންނަން އަޅުގަނޑު ބޭނުންވަނީ ސާފުތާހިރު ސިޓީއެއްގެ ގޮތުގައި. "ނަލަފެހި އައްޑޫ" މި ޝީޢާރު ދުލުން ކިޔުމަކުން ނުފުދޭ. އެޝިޢާރަށް މަސައްކަތް ކުރަން އެބަޖެހޭ. އޭރުން އައްޑޫ ނަލަވާނީވެސް. ފެހި ވާނީ ވެސް،" ޓޮމް ބުންޏެވެ.
އޭނާ ބުނީ އައްޑޫސިޓީ ސާފުކޮށް ބޭއްވުމަށް އެންމެބޮޑު ޒިންމާއެއް އަދާކުރެވެންވާނީ އައްޑޫ ސިޓީ ކައުންސިލަށް ކަމަށެވެ. އެހެންނަމަވެސް ކައުންސިލަށް ބާރު ލިބި ދުވަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް އައްޑޫ ސިޓީގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ކުނިވަށިގަނޑުތައް އުކައިލެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތްކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އައްޑޫ ސިޓީގެ 50 ޕަސެންޓު މީހުން މިހާރު އެ ވަށިގަނޑުތަކަށް ކުނިއަޅާ ކަމަށް ޤަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް އެ ހުސް ނުކުރެވޭ ކަމަށްވާނަމަ ރައްޔިތުންގެ ގައިގައި ހަރުލަމުން އަންނަ ވަށިގަނޑަށް ކުނި އެޅުމުގެ އާދަ އަނެއްކާ ވެސް ހީނަރުވެދާނެ ކަމަށް އޭނާ ބުންޏެވެ.
"އައްޑޫ ސާފުކޮށް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް އަޅުގަނޑު ކުރަން ބޭނުންވާ ވަރާ ގާތަށް ވެސް ނުކުރެވޭ. އައްޑޫ ސޮޓީއަކީ ވަރަށް ސާފުތާހިރު ސިޓީއަކަށް ހެދިއްޖެ ކަމަށްވާނަމަ ސިޓީގެ ރައްޔިތުންގެ އިތުރަށް ބޭރުން އަންނަން މީހުންނަށް ވެސް ވަރަށް ބޮޑު ހިންހަމަޖެހުމެއް ލިބިގެންދާނެ. އައްޑުއަކީ ކުޑައަތޮޅެއް. ސާފުތާހިރުކޮށް ނުބޭއްވެންވީ ސަބަބެއްނެތް. އަޅުގަނޑަށް ފުރުސަތު ލިބޭ މިންވަރަކުން މިގެންދަނީ ސާފުކުރުމުގެ މަސައްކަތްތައް ކުރަމުން. އައްޑޫ ސާފުކޮށް ބޭއްވޭނީ ގަވާއިދުން ކުނިނަގާނެ ހަރުދަނާ މެކޭނިޒަމެއް ގާއިމްކުރެވިގެން. އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ސިޓީ ކައުންސިލަށް" އޭނާ ބުންޏެވެ.
ޓޮމް ހުރީ އައްޑޫ ސިޓީ ސާފުކުރުމަށް އޭނާއަށް ވެވެންއޮތްހާ އެހީއެއްވާން ތައްޔާރަށެވެ. ބޭނުންވަނީ އައްޑޫގައި އުފެދޭ ކުނިތައް ފެންނަ ލޯތެކެވެ. ބޭނުންވަނީ ކުނިތައް އުކާލާނެ އަތްތަކެވެ. ބޭނުންވަނީ ޓޮމްގެ މަސައްކަތުގައި އިތުރަށް އެހީވެދޭނެ މީހުންނެވެ.
Tom is just doing campaign for next parliamentary elections. Sincerity is more important than just show off.